ކްރިމިނަލް ކޯޓުގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފުގެ ފޮޓޯއެއް ނެގިކަމަށްބުނެ އެމް.ޑީ.ޕީގެ ތުލުސްދޫ ދާއިރާގެ ރައީސް އަދި ފުޓްބޯޅަ ކުޅުންތެރިޔާ އައްސަދު ޢަލީ (އަޑުބަރޭ) ހައްޔަރުކުރި މައްސަލަ ކުށްވެރިކުރުން

ކްރިމިނަލް ކޯޓުގެ ޤާޟީ ޢަބްދުލްބާރީ ޔޫސުފުގެ ފޮޓޯއެއް މަގުމަތިން ނެގިކަމަށްބުނެ އެމް.ޑީ.ޕީގެ ތުލުސްދޫ ދާއިރާގެ ރައީސް އަދި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އައްސަދު ޢަލީ (އަޑުބަރޭ) ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރޭގެ ދަންވަރުގެ ވަގުތެއްގައި ހައްޔަރުކުރި މައްސަލަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
ފަނޑިޔާރެއްގެ ފޮޓޯ ނެގުމަކީ ޖިނާއީ ކުށަކަށް ނުވާއިރު ފޮޓޯއެއް ނެގިކަމަށްބުނެ ކޯޓު އަމުރު ނެރެގެން ދަންވަރު މީހުން ހައްޔަރު ކުރަމުންދާދިއުމަކީ އިންތިހާއަށް ކަންބޮޑުވާކަމެކެވެ. އަދި އެކަމަކީ ރައްޔިތުންނަށް ބިރުދެއްކުމަށް ހިންގާ ޣައިރުޤާނޫނީ އަމަލެކެވެ.

މިކަން މިހެން އޮތްއިރު، އިނދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި، އެ ޕާޓީތަކުގެ އިސްވެރިންނަށާއި، ނޫސްވެރިންނަށާއި، މަދަނީ ޖަމިއްޔާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހަމަލާދީ އަދި އެފަރާތްތަކަށް ތަކުރާރުކޮށް ފޮނުވަމުންދާ މަރުގެ އިންޒާރުތަކުގެ އެއްވެސް މައްސަލައެއް މިހާތަނަށް ބަލައި ތަހްޤީގް ހިންގާފައި ނުވާކަން ކަންބޮޑުވުމާއިއެކު ފާހަގަކުރަމެވެ. އަދި އެމައްސަލަތައް ނުބަލައި، ފަނޑިޔާރެއްގެ ފޮޓޯއެއް ނެގިކަމަށްބުނެ ދަންވަރު ކޯޓު އަމުރު ނެރެގެން މީހުން ހިފާ ހައްޔަރުކުރާކުރުމުން އެނގެނީ، އެހެން ރައްޔިތުންނަށް ދެމުންދާ ހަމަލާތަކާއި މަރުގެ އިންޒާރުތައް ތަހުޤީގުކޮށް ނުބަލަނީ ގަސްތުގައިކަމެވެ. ފަނޑިޔާރެއްގެ ފޮޓޯއެއް ނެގުންފަދަ ޖިނާއީ ކުށަކަށްނުވާ ކަންކަމުގައި ކޯޓު އަމުރު ނެރެގެން ދަންވަރު މީހުން ހިފާ ހައްޔަރުކުރާއިރު، ޖިނާއީ ބޮޑެތި ކުށްތައްކަށްވާ އެހެން މައްސަލަތައް މިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ނުބެލި ހުންނަކަން ފާހަގަ ކުރަމެވެ. މިއީ އިންސާފުގެ ހަމަހަމަކަމެއް ނެތްކަމާއި ނާއިންސާފާއި ރައްޔިތުންނަށް ބިރުދެއްކުން އިންތިހާއަށް ގޮސްފައިވާކަން ހާމަވާކަމެކެވެ.

ޤާޟީ ޢަބްދުލްބާރީ ޔޫސުފްގެ ފޮޓޯއެއް މަގުމަތިން ނެގިކަމަށްބުނެ ނުވަތަ އެފޮޓޯ ނެގުމަކީ އިންޒާރުދިނުން ކަމަށްބުނެ ޣައިރު ޤާނޫނީ ހައްޔަރަކުން ހައްޔަރުކޮށްފައިވާ އެމް.ޑީ.ޕީގެ ތުލުސްދޫ ދާއިރާގެ ރައީސް އަދި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އައްސަދު ޢަލީ (އަޑުބަރޭ) ވަގުތުން މިނިވަންކުރުމަށް އެމް.ޑީ.ޕީ އިން ގޮވާލަމެވެ.