ރައީސް ޔާމީންގެ ސަރުކާރުން މަނީ ލޯންޑަރިންނާއި ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ޚަރަދުކުރާކަމަށް ތުހުމަތުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް އެމް.ޑީ.ޕީއަށް ލިބިއްޖެ

ފާއިތުވި ހަފްތާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އެތެރޭގައްޔާއި ބޭރުގައި އިންޓެލިޖެންސާއި، ސިއްރު މަޢުލޫމާތު އެއްކުރުމުގެ މަސައްކަތުގައި ޝާމިލުވާ ފަރާތަކުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.)އަށް ވަނީ ލިބިފައެވެ. މި ރިޕޯޓު ތައްޔާރުކޮށްފައިވަނީ މިހާރުގެ އަދި ކުރީގެ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ގުޅިފައިވާ އެކިއެކި ފަރާތްތަކާ ސީދާ ވާހަކަދައްކާ، އެފަރާތްތަކުން ދީފައިވާ އިންޓަވިއުތަކެއްގެ މައްޗަށް ބިނާކޮށެވެ. އެރިޕޯޓު އެކުލަވާލުމުގެ ބޭނުންކަމަށް އެރިޕޯޓުގައި ބުނެފައިވަނީ މަނީ ލޯންޑަރިންނާއި ޓެރަރިސްޓް ހަރަކާތްތަކަށް ރައީސް ޔާމީންގެ ސަރުކާރުން ފައިސާ ޚަރަދުކުރާކަމަށް ސީދާގޮތުންނާއި ނުސީދާގޮތުން ލިބެން ހުރި ހެކިތައް ހޯދުމާއި އެއްކުރުންކަމަށެވެ. އެރިޕޯޓު އެކުލަވާލުމަށްޓަކައި ސީދާ އިންޓަވިއު ދީފައިވާ ފަރާތްތަކުގެ އިތުރުން ރިޕޯޓު ހެދުމަށް އެއްކުރެވިފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި ފޮޓޯ، މާލީ މުޢާމަލާތްތަކުގެ ރެކޯޑްސް، ޗެކު ފަދަ ފައިނޭންޝިއަލް އިންސްޓްރުމަންޓްސްގެ ކޮޕީ އަދި ނުރަނގަޅު ކަންތައްތަކެއް ހިންގަމުންދާކަން ދަލީލުކޮށްދޭ ތަފްޞީލީ އީ-މެއިލް ހިމެނޭކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެރިޕޯޓަށް މަޢުލޫމާތު ހޯދުމަށްޓަކައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ލެޕްޓޮޕްތަކެއްގެ ތަޙްލީލު މިފަހުން ހެދިފައިވާކަމަށާއި އެތަޙްލީލުން ލިބުނު މަޢުލޫމާތުތަކުގެ ތެރޭގައި، ޤާނޫނާ ޚިލާފަށް މުޢާމަލާތްތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ސިންގަޕޫރުގައި ހިންގާ ދެ ކުންފުންޏަކާ، ދިވެހިރާއްޖޭގެ މައި އެއް ރެގިއުލޭޓަރީ އިދާރާއަކާއި އެތަކެއް ފަރުދުންގެ ނަން ހިމެނޭކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.

މިޕާޓީއަށް ލިބިފައިވާ ރިޕޯޓުގައި ދައުލަތުގެ ފައިސާ ސަރުކާރުގެ އިސްވެރިން ނަހަމަގޮތުގައި ބޭނުންކުރުމާއި؛ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ފާރަލައި، އެމީހުންނާ ގުޅޭ މަޢުލޫމާތު ޤާނޫނާ ޚިލާފަށް ހޯދުމަށާއި ސިޔާސީ މަޤްޞަދު ޚާޞިލުކުރުމަށް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ޝަރުޢީ ދާއިރާގައި ހިމެނޭ މީހުންނަށާއި، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށާއި، ފުލުހުންނަށާއި، ވިޔަފާރިވެރިންނަށާއި އަދި ރާވައިގެން ބޮޑެތި ޖަރީމާ ހިންގާ މީހުންނަށް ނަހަމަގޮތުގައި ފައިސާ ދީފައިވާކަމަށް ބުނެފައިވެއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިންނަށް ގިނަ އަދަދަކަށް ނަގުދު ފައިސާ (ކޭޝް) ކާރެއްގައި ގެންގޮސް އެމީހުންނަށް ރައްދުކޮށްފައިވާކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ރަށްތައް ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާގެ ޢަދަދުތައް އޮޅުވާލައިގެން، އެފައިސާ އެހެނިހެން ފަރާތްތަކަށް ޑައިވާޓްކޮށްފައި ހުރިކަމަށާއި، މިގޮތުން ކުރެވިފައިވާ ވިޔަފާރީގެ އެއް މުޢާމަލާތެއްގައި ދައުލަތުގެ ބިން ވިއްކައިގެން ލިބިފައިވާ ފައިސާގެ ބޮޑު ބައެއް ނާޖާއިޒު އަދި ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިފަދަ ކަންކަމަކީ މަކަރާއި، ޙީލަތާއި، ނަހަމަ ގޮތުގައި މަޤާމުގެ ބޭނުންކުރުން، އަދި މަނީ ލޯންޑަރިންނަށް ފެތޭ ކަންކަމެވެ. ވަކިން ޚާއްސަކޮށް މިހާރުވެސް މިފަދަ މައްސަލަތަކުގެ މައްޗަށް ބިނާކޮށް ކޮރަޕްޝަންގެ ތުހުމަތުކުރެވި ތަހުގީގުކުރެވެމުން އަންނަ އެއް ކުންފުނި، މިކަމުގައި މާބޮޑަށް ޝާމިލްވެފައިވާކަމަށް ތުހުމަތުކުރެވެން ހުރިކަންވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޔާމީންގެ ސަރުކާރާ ގުޅިފައިވާ މީހެއް ގޭންގްތައް މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށް ޙަމަލާދިނުމަށް، މިސަރުކާރުން ހަމަޖައްސާފައި ހުރިކަމަށް އެރިޕޯޓުގައި ތުހުމަތު ކުރެއެވެ. މި އިންޓެލިޖެންސް ރިޕޯޓުން ދައްކާގޮތުގައި އޭނާއަކީ އައިސިސް ޖަމާޢަތުގެ ހަރަކާތްތަކަށް ފައިސާއާއި ހަނގުރާމަވެރިން ހޯދައިދިނުމުގައި ސީދާ މަސައްކަތްކުރާ ފަރާތެކެވެ. އެފަރާތުން 100 އަށް ވުރެ ގިނަ ދިވެހިން ސީރިޔާއަށް ދަތުރުކުރުމަށް ފައިސާ ހަމަޖައްސާދިންކަންވެސް ފާހަގަކޮށްފައިވެއެވެ. އިންޓެލިޖަންސް ރިޕޯޓު ބުނާގޮތުގައި މިކަންކަން ހިންގުމަށް ފައިސާ ހަމަޖައްސާފައިވަނީ ދަޢުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްގެނެވެ. ސީރިޔާއަށް ހަނގުރާމައަށްދާ މީހުން ފުރުމާއި އަދި ހައްޔަރުކުރުން ނުވަތަ ދައުވާ ކުރުމުގެ ބިރުވެރިކަމެއް ނެތި އަނބުރާ ރާއްޖެއައުމަށް އިމިގްރޭޝަންގެ ކޮރަޕްޓް އޮފިސަރުންގެ އެހީތެރިކަން ބޭނުންކުރާކަންވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ގޮތް ނޭގޭ އަދި ތަފްޞީލުތައް ނެތް ގިނަ އަދަދެއްގެ ފައިސާ، އާންމު ގޮތެއްގައި ނަގުދު ފައިސާގެ ގޮތުގައި ސައުދީ އަރަބިއްޔާއިން ލިބިފައިވާކަމަށާއި އަދި، ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ޖުމުލަ 500 މިލިއަން ބްރިޓިޝް ޕައުންޑަށްވުރެން ގިނަ ފައިސާ މިމަގުން ޓްރާންސްފަރކޮށްފައި ވާކަމަށް ފާހަގަކޮށްފައިވެއެވެ. މިގޮތުން 2015 ވަނަ އަހަރުގެ ކުރީކޮޅު ގަލްފު ސަރަޙައްދުން ދަތުރު ފެއްޓި ޕްރައިވެޓް ޖެޓެއްގައި 7 މިލިއަންހާ ބްރިޓިޝް ޕައުންޑުގެ ނަގުދު ފައިސާ ދިވެހިރާއްޖެއަށް ގެނެސްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. މިފައިސާ ރިޝްވަތުގެ ގޮތުގައި ސިޔާސީ ފަރާތްތަކާއި، ފަނޑިޔާރުންނާއި، ސަލާމަތީ ބާރުތަކުގެ ފަރާތްތަކާއި، ސަރުކާރުގެ އިސް ވެރިންނާއި ދައުލަތުގެ މުވައްޒަފުން ހިމެނޭގޮތަށް ރައީސް ޔާމީންގެ ސަރުކާރާ ގުޅުންހުރި ފަރާތްތަކަށް ބަހާފައިވާކަމަށްވެސް އެރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޯޓުތަކުގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމަށް އެކި މަރުޙަލާތަކުގައި ތިއްބެވި ފަނޑިޔާރުންނަށް ރިޝްވަތުގެ ފައިސާ ދީފައިވާކަން އިންޓެލިޖެންސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއީ ޑިމޮކްރަސީއަށާއި، ޤާނޫނުގެ ވެރިކަން ޤާއިމުކުރުމާއި، ތިން ބާރު ވަކިކުރުމަށް ކަރަޕްޝަނާއި، ފަސާދައިން ހުރަސްއެޅޭ މިންވަރު ހާމަވާކަމެކެވެ.

ދިވެހި ދައުލަތުގެ ނަޒާހަތްތެރިކަމާއި އިޚްލާސްތެރިކަމުގެ ހަމަތަކާއި، ސިފަތައް މުގުރާލައި މިޖަރީމާތައް ހިންގުމުގެ މުގުލުގައި ތިބި ފަރާތްތަކަކީ އަނިޔާވެރި އަދި ބިރުވެރި ބައެއްކަމަށް އެމް.ޑީ.ޕީއަށް ޤަބޫލުކުރެވެއެވެ. އެފަރާތްތަކުން ފޮރުވަންޖެހޭ ކަންތައް ގިނައެވެ. އަދި އެކަން ކުރުމުގައި ހަމަނުޖެހުން އުފެއްދުމަށް ޖެހިލުމެއްނުވާނެއެވެ.

ފުލުހުންނާއި ސިފައިނާއި، ޝަރުޢީ ދާއިރާގެ މީހުންނާއި އަދި ސީޔާސީ ދާއިރާގެ އިސް ފަރާތްތައް ހިމެނޭގޮތަށް ތަފާތުއެކި ގިންތީގެ ދައުލަތާ ގުޅުން ހުރި ގިނަ ފަރާތްތަކެއް ގުޅިގެން ޙީލަތްތެރިކަމާއެކު މަސައްކަތްކުރަމުންދަނީ އުފެދި އަށަގަންނަމުން އައި ޑިމޮކްރަސީއެއްގައި ނުރައްކާތެރި ޓެރަރިޒަމްގެ ހަރަކާތްތައް އާލާކޮށް ‘ވަގުންގެ ވެރިކަމަކަށް’ ބަދަލުކުރުމަށް މަސައްކަތްކުރަމުންކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވާތީ އެމް.ޑީ.ޕީން ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ.

އެމް.ޑ.ޕީ.އަށް ޤަބޫލުކުރެވޭގޮތުގައި އެރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތުތަކަކީ ކަންބޮޑުވާފަދަ މުހިއްމު މަޢުލޫމާތުތަކަށްވާކަމަށްޓަކައި، އެރިޕޯޓު އެކުލަވާލި ފަރާތުން ދަނީ އެމަޢުލޫމާތުތައް ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކާ ހިއްސާކުރަމުންނެވެ.

ދިވެހިދައުލަތާ ގުޅިފައިވާ މިފަދަ ސީރިއަސް މައްސަލަތަކެއް ފެންމަތިވަމުން އަންނަ ހިނދު މިތުހުމަތުތަކާ ގުޅޭ ގޮތުން މިހާރުން މިހާރަށް ތަޙްޤީޤެއް ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެމް.އެން.ޑީ.އެފް އަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކެޓޭރިއެޓް
ތާރީޚް: 4 ފެބްރުއަރީ 2016