އެމް.އެން.ޑީ.އެފް އިން ފެއްޓެވި ވާރކް ޝޮޕުގައި އެމް.އެމް.ޕީ.އާރ. ސީ. ގެ ކޮރަޕްޝަނާއި އަދި އެނޫން ވެސް ވަގު ފައިސާގެ މުއާމަލާތްތަކުގެ މުލުގައިވާ ފަރާތްތައް ދެނެގަނެވޭނޭގޮތަށް މަސައްކަތް ކުރިއަށް ގެންދެވުމަށް އިލްތިމާސްކުރުން

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން އިންތިޒާމުކުރައްވައި، ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމާ ބެހޭ ޤަވާޢިދުތަކަށް އަހުލުވެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ފައްޓަވާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން ފާހަގަކުރަމެވެ.

އެ މަސައްކަތުގެ ބައްދަލުވުން ކުރިއަށް ގެންދެވުމުގައި ހިމަނުއްވާފައިވާ ބައިތަކުގެ ތެރޭގައި މުހިއްމު ބައިތަކެއް ހުރިކަން މި ޕާރޓީން ފާހަގަކުރާއިރު، ދިވެހިރާއްޖޭގެ އެކި އެކި މުއައްސަސާތަކުގައި ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް އަށަގެންފައިވާކަމީ ޙަޤީޤަތެކެވެ. އަދި އެކަމަށް އިޝާރާތްކުރައްވައި ރައީސް ޢަބްދުﷲ ޔާމިން ވަނީ މީގެކުރިން ވާހަކަފުޅު ދައްކަވާފައިކަން ވެސް ފާހަގަކުރަމެވެ.

އެހެންކަމުން މިފަދަ ވާރކް ޝޮޕެއް އެމް.އެން.ޑީ.އެފް ގެ ފަރާތްޕުޅުން ހިންގަވާއިރު، މި ސަރުކާރު އައިފަހުން ދިވެހިރާއްޖޭގައި ބައެއް މުއައްސަސާތަކުން އަދަދު ނޭގޭހާ ފައިސާގެ ބޮޑެތި ކޮރަޕްޝަނުގެ ޢަމަލުތަކެއް ހިންގާފައިވާކަން މިހާރު ފާހަގަކުރެވިފައިވުމާއި، މީގެ ތެރޭގައި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) އިން ހިންގާފައިވާ ފައިސާގެ ބޮޑެތި ކޮރަޕްޝަންތައް ފެންމަތިވެފައިވާއިރު އެ މައްސަލަތަކާމެދު ވިސްނުންފުޅު ބަހައްޓަވައި އެ ކޮރަޕްޝަންތަކުގެ އެންމެ މުލުގައިވާ ފަރާތްތަކަކަކީ ކޮބައިކަން ދެނެގަނެވޭނޭ ގޮތަށް މަސައްކަތްޕުޅު ބިނާކުރެއްވުމަށް އެމް.އެން.ޑީ.އެފް އަށް އިލްތިމާސްކުރަމެވެ. ހަމައެފަދައިން ދިވެހިރާއްޖޭގައި ކަޅުފައިސާ ދޮވުމުގެ ބޮޑެތި ޖަރީމާތަކާއި ވަގު ފައިސާގެ ބޮޑެތި މުއާމަލާތްތައް ހިންގުމާއި ޓެރަރިޒަމަށް ރާއްޖޭގައި މީހުން ރެކުރޫޓްކޮށް ހޭދަކުރާކަމުގެ ޙާޤީޤީ މައުލޫމާތުތައް ދުނިޔޭގެ އެކި ޤައުމުތަކުންނާއި ޖަމާޢަތްތަކުން ނެރޭ ބައިނަލްއަޤުވާމީ ރިޕޯރޓްތަކުގައި ފާހަގަކުރަމުންދާތީ، އެކަންކަމާމެދު ވެސް ވިސްނުންފުޅު ބަހައްޓަވައި އެކަންކަމުގެ މުލުގައިވާ ފަރާތްތަކަކަކީ ކޮބައިކަން ދެނެގަނެވޭނޭ ގޮތަށް މަސައްކަޕްޕުޅު ބިނާކުރެއްވުމަށް ވެސް އެމް.އެން.ޑީ.އެފް އަށް އިލްތިމާސްކުރަމެވެ.

24 ޖެނުއަރީ 2016
ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް