ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާފުޅަކަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ހުއްދަ ދެއްވުމަށް ރައީސް ޢަބްދުﷲ ޔާމިން ނިންމެވި ނިންމެވުމަށް މަރުޙަބާ ދެންނެވުން

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާފުޅަކަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ހުއްދަ ދެއްވުމަށް ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ނިންމެވި ނިންމެވުމަށް މިޕާޓީން މަރުޙަބާ ދަންނަވަމެވެ.

ރައީސް ނަޝީދު ބޭސްފަރުވާފުޅަކަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ދެއްވުމަކީ ސިޔާސީ މަސްރަހަށް ހެޔޮ ބަދަލުތަކެއް ގެންނެވުމަށް ސަރުކާރުން އެޅުއްވި މިފަދަ ފުރަތަމަ ފިޔަވަޅުކަމަށް މިޕާޓީން ދެކެމެވެ. އަދި މިމަގުން ދިވެހިރާއްޖޭގައި އަޅަންހުރި ގިނަ ފިޔަވަޅުތަކެއް އަވަސްގޮތެއްގައި އަޅުއްވައި ރާއްޖެއަށް ހަމަޖެހުން ގެނެސްދެއްވުމަށް ރައީސް ޢަބްދުﷲ ޔާމިނަށް މިޕާޓީން ގޮވާލަމެވެ.

ސިޔާސީ މަޤުސަދު ޙާސިލުކުރެއްވުމަށް ހައްޔަރުކުރެވިފައިވާ ރައީސް މުޙައްމަދު ނަޝީދާއި، އަދާލަތު ޕާރޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ އާއި، ކާނަލް މުޙައްމަދު ނާޒިމާއި އަދި މިނޫން ވެސް އެންމެހައި ސިޔާސީ ލީޑަރުންގެ އިތުރުން ބަންދުގައާއި އެކިއެކި ޖިނާޢީ މަރުޙަލާތަކުގައިވާ 1700 އަށްވުރެ ގިނަ ފަރާތްތައް މިނިވަންކުރައްވައި، އެ މައްސަލަތަކަށް ނިމުމެއް ގެންނަވައި، ރާއްޖޭގެ ސިޔާސީ މަސްރަހަށް ފިނިކަން ގެންނެވުމުގެ މަސައްކަތްޕުޅު އަވަސް ކުރުރެއްވުމަށް ސަރުކާރަށް ގޮވާލަމެވެ. އަދި އެ މަސައްކަތްޕުޅު އެމަގުން ގެންދެވުމަށް ހުރިހާ ސިޔާސީ ޕާޓީތަކުގެ މެދު މަޝްވަރާގެ ވާހަކަތައް އަލުން ފެއްޓެވުމަށް ގޮވާލަމެވެ.

މިކަންކަމާއެކު ދިވެހިރާއްޖޭގެ ޑިމޮކްރެސީގެ ނިޒާމު ހަރުދަނާކުރައްވައި، ޤާނޫނުގެ ވެރިކަން ނަގަހައްޓަވައި، މިނިވަން އިންސާފުވެރި ޖުޑިޝަރީއެއް ޤާއިމުކުރައްވައި، މުވައްސަސާތަކުގެ މިނިވަންކަން ނެގެހެއްޓެވުމުގެ މަސައްކަތްޕުޅު ފެއްޓެވުމަށް ވެސް ގޮވާލަމެވެ. ހަމައެފަދައިން އިންސާނީ ޙައްޤުތައް ރައްކާތެރިކުރެއްވުމަށާއި، ފަރުދީ މިނިވަންކަން ކަށަވަރުކުރެއްވުމަށާއި އަދި ސުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ފުރިހަމައަށް ޖާގަދެއްވުމަށް ވެސް ގޮވާލަމެވެ. މީގެއިތުރުން ދިވެހިރާއްޖެއާއި ބައިނަލްއަޤުވާމީ ދުނިޔެއާ އޮންނަ ގުޅުން ހީނަރުވެގެންދާ ފަދަ ސިޔާސަތުތައް ބަދަލުކުރައްވައި ދިވެހިރާއްޖެއަކީ ދުނިޔޭގެ ކުރިމަތީގައި ޤަދަރުވެރި އަދި ޝަރަފުވެރި ޤައުމަކަށް ހެއްދެވުމުގެ މަސައްކަތްޕުޅު ފެއްޓެވުމަށް ވެސް ސަރުކާރަށް މި ޕާރޓީން ގޮވާލަމެވެ.

21 ޖެނުއަރީ 2016
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް