އެމް.ޑީ.ޕީގެ އަންހެނުންގެ ރޫހު މެމްބަރޝިޕް ޑްރައިވް ހުޅުމާލޭގައި ފެށިގެން ކުރިއަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން މެމްބަރޝިޕް ފޯމް ފުރުމުގެ ހަރަކާތެއް މިހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެރޭ 8.30 އިން 11:00 އަށް ހުޅުމާލޭގައި ހިންގުމަށް ވަނީ ރޭވިފައެވެ. އަދި ހުކުރު ދުވަހުގެ ހަވީރު 16:00އިން 18:00އަށް ވެސް މިހަރަކާތް ކުރިއަށްދާނެއެވެ.

އެމްޑީޕީގެ މެމްބަރޝިޕް ފޯމް ފުރުން ކުރިއަށް ދާނީ މަލޭގައި ހުންނަ އެމް.ޑީ.ޕީ ހަރުގެ އަދި ހުޅުމާލޭގެ ކޮރަލްވިލް ކުރިމަތީ ހުންނަ ގޯޅި ބީޗްސައިޑްގައެވެ. އަންހެނުންގެ ރޫހުން މެމްބަރޝިޕް ފޯމް ފުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް މިގެންދަނީ މިމަހުގެ ނިޔަލަށް އެމް.ޑީ.ޕީގެ 23000 މެމްބަރުން އުނިކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގަވާފައިވުމާ ގުޅިގެން ވަރަށް ގިނަ ޕާޓީގެ މެމްބަރުންނާ ޕާޓީއަށް ސޮއިކުރައްވަން ބޭނުންފުޅު ބޭފުޅުންގެ އެދުމުގެ މަތިން ކަމަށް އަންހެނުންގެ ރޫހުން މައުލޫމާތުދެއްވައެވެ.

އަންހެނުން ރޫހުން ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައިވެސް އެމްޑީޕީގެ މާލެ ހަރުގޭގައި މިފަދަ އިވެންޓެއް 3 ރޭ މަތިން ހިންގާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަންހެނުންގެ ރޫހުން މިފަދަ ހަރަކާތްތަކެއް މާލޭގައާއި ރާއްޖޭގެ އެކި ހިސާބުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށް އަންހެނުންގެ ރޫހުން މައުލޫމާތުދެއްވައެވެ.