އަންހެނުންނަށް ކުރާ ގެވެށި އަނިޔާއާ ގުޅޭ ގޮތުން އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުގެ ނޫސް ބަޔާން

ގދ ތިނަދޫ ޒިޔާދާ ނައީމަށް އޭނާގެ ފިރިމީހާ އިބްރާހީމް ޝާހު އަނިޔާކުރުމުގެ ސަބަބުން ރަށުން މާލެއައިސް އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑްމިޓް ކޮށްފައި އޮންނާންޖެހުނުކަމީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވި ނުހަނު ހިތާމަކުރާ ކަމެކެވެ.

އަޅުގަނޑުމެން ދެކެނީ ފިރިހެނަކު އަންހެނަކަށް އަނިޔާކުރުމަކީ ފިރިހެނެއްގެ ކިބައިން ފެންނާނެ އެންމެ ނާތަހުޒީބު އެއް އަމަލު ކަމުގައެވެ.

އަދި އަމުދުން ފިރިހެނަކު އޭނާގެ 3 ދަރިން އުފަންކުރުވި މަންމައަށް އަނިޔާކުރުމަކީ އަޚްލާގީ ގޮތުން އިންތިހާއަށް ބަލިކަށި، އިންސާނެއްގެ ކިބައިން ފެންނާނެ އެންމެ ދަށުދަރަޖައިގެ އަމަލެއް ކަމުގައެވެ.

އިބްރާހީމް ޝާހު އޭނާގެ އަންހެނުން ޒިޔާދާ ނައީމަށް އަނިޔާކުރި ކުރުން އަޅުގަނޑުމެން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަޅުގަނޑުމެން އެދެނީ ޒިޔާދާ ނައީމަށް އަވަސް ޝިފާއަކަށެވެ. އެއަށްފަހު އޭނާއަށާއި އޭނާ ގެ ދަރިންނަށް އަނިޔާއިން މިންޖުވެފައިވާ ރައްކާތެރި ބާއްޖަވެރި ދިރިއުޅުމަކަށެވެ.

އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ޒިޔާދާ ނައީމަށް ލިބިފައިވާ އަނިޔާއަށް ސަރުކާރާއި ޝަރުއީ ނިޒާމުގެ ތެރެއިން އޭނާގެ ފިރިމީހާ ޖަވާބުދާރީކުރުވައި އަދަބު ދެވެން ޖެހޭނެއެވެ.

“ފިރިމީހާ އަނބިމީހާ އަނިޔާކުރަނީ ފިރިމީހާގެ ބާރު އަބިމީހާއަށް ދައްކާލުމަށް. މިފަދަ މައްސަލަތައް ދިރާސާކުރާ ތަޖްރިބާކާރުން ބުނަނީ އެއީ އަނިޔާ ދޭ މީހާ އަނިޔާ ލިބޭ މީހާއަށް ބާރުދައްކާލުމަށް ހިންގާ އަމަލެއްކަމައް.” އަންހެނުންގެ ރޫހުގެ ހިންގާ ކޮމެޓީގެ މެމްބަރު އަލްއުސްތާޒާ ފަރީޝާ އަބްދުﷲ ވިދާޅުވިއެވެ.

ގެވެށި އަނިޔާގެ އަމަލުތައް ހިނގުމަށް މަގުފަހިކުރުވާ ތަފާތު އެތައް ސަބަބުތަކެއް ރާއްޖޭގައި ހުރިއިރު އަދި ގެވެށި އަނިޔާގެ ޝިކާރައިން ތެރޭގައި ފިރިހެނުންނާ އަޅާބަލާއިރު މާ މަތީ މިންވަރަކަށް އަންހެނުން ހިމެނޭއިރު އެ ސަބަބުތައް ނައްތާލުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް އިހްމާލުވެފައިވާކަމީ ހަގީގަތެއްކަން އަޅުގަނޑުމެން ފާހަގަކުރެމެވެ.

“ޒިޔާދާ ނައީމަށް އެފަދަ އަނިޔާއެއް ލިބެން މެދުވެރިވެފައިވާ އެއް ސަބަބަކީ އޭނާގެ ފިރިމީހާ އަނިޔާ ދެމުންދާއިރުވެސް އެ އަނިޔާއާ ދުރަށް ދިޔުމުގެ ގާބިލްކަން އޭނާއަށް ލިބިފައި ނެތުން. އެއީ އޭނާއަށް އެ ގާބިލުކަން ލިބިދެވޭނެ ނިޒާމެއް މުޖްތަމައުއިންނާއި ސަރުކާރުންނާއި ޝަރުއީ ދާއިރާއިން އުފައްދައިދީފައި ނުވާތީ” ފަރީޝާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ބޭނުންވަނީ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ޒިޔާދާ ނައީމަށާއި އޭނާގެ ތިން ދަރިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދީ އެ ހަތަރުމައިންނަށް ހަމަޖެހުމާއެކު ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށެވެ.

“ޒިޔާދާ ނައީމަށް ލިބެމުންދާ އަނިޔާއިން މިންޖުވުމަށް އެންމެ ބޮޑު އެހީތެރިކަމެއް މިހާރު ލިބިދޭންޖެހޭނީ ރައީސް ޔާމިންގެ ސަރުކާރުން. އަޅުގަނޑުމެން އުއްމީދުކުރަން އަދި ސަރުކާރަށް ގޮވާލަން އެ އިންތިޒާމްތައް މިހާރުން މިހާރަށް ޒިޔާދާއަށް ހަމަޖައްސައިދިނުމަށް” ފަރީޝާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާ ފެތުރި ފުޅާވެފައިވާ މިންވަރާ މެދު އަޅުގަނޑުމެން ކަންބޮޑުވަމެވެ.

އަންހެނުންނަށް އަނިޔާކުރުމަށް ހިތްވަރުދޭ އެތައް ކަމެއް ދިވެހި މުޖްތަމައުތެރޭގައި ފެންނާން ހުންނައިރު ސަރުކާރުން ޚާއްސަކޮށް އިސްލާމިކް މިނިސްޓްރީން އެކަންކަން ނައްތާލުމަށް އެއްވެސް މަސައްކަތެއް ނުކުރާކަން އަޅުގަނޑުމެން ފާހަގަކުރަމެވެ.

އަދި އެއްވެސް އަސްލެއް ނެތި އަންހެނުންނާއި ފިރިހެންނާ ދެމެދު ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށާއި ބާރުވެރިކަން އޮތުމުގައި ފިރިހެނުންނާއި އެއްހަމައަކަށް އަންހެނުން ގެނައުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީ އެކަންވެސް އަޅުގަނޑުމެން ފާހަގަކުރަމެވެ.

“ރައްޔިތުން މަޖިލިހުގައި ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރަށް ނިސްބަތްވާ ޕާޓީތަކުގެ އަޢްލަބިއްޔަތު އޮވެ 2014 ވަނަ އަހަރަށާއި މިހިނގާ 2015 ވަނަ އަހަރަށާއި އަންނަ 2016 ވަނަ އަހަރަށް ފާސްކޮށްފައި ބަޖެޓުން އެކަނިވެސް އެބަ ފެނޭ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ދިވެހި އަންހެނުންގެ ހާލަތު ރަގަޅުކުރުމަށް ފަރުވާކުޑަ، ސަމާލުކަމެއް ނެތް، ސީރިއަސް ކަމެއް ނެތް މިންވަރު. ގޭތެރޭގައިވެސް އަދި ގެއިން ބޭރުގައިވެސް އަންހެނަކަށް ރައްކާތެރިކަމެއް ދިނުމަށް އަންހެނުންގެ ހާލަތު ރަގަޅުކުރުމަށް އަންހެނުން ބާރުވެރިކުރުމަށް އެއިން ބަޖެޓެއްގައި އެއްވެސް ފައިސާއެއް ކަނޑައެޅިފައެއް ނެތް. އެފަދަ ސިޔާސަތެއްވެސް ވިސްނުމެއްވެސް ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރަކުން ނުގެންގުޅޭ.” އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދު ވިދާޅުވިއެވެ.

“ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރާއި ޚިލާފަށް ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގެ ސިޔާސަތުތަކަކީ އާއިލާގައި ހުންނަ އިސް އަންހެންމީހާގެ ހާލަތު ރަގަޅުކުރުމަށް ސީދާ އަމާޒުކުރެވިގެން ދިޔަ ސިޔާސަތުތަކެއް. ނަތިޖާއެއްގެ ގޮތުން މުޅި އާއިލާއަށާއި ރަށަށާއި ދިވެހިގައުމަށް އޭގެ ހެޔޮ ބަދަލާއި މަންފާ ލިބިގެން، އެކަން ފެނިގެން ދިޔަ ސިޔާސަތުތަކެއް. ރައީސް ނަޝީދުގެ ސަރުކާރުގެ ސިޔާސަތުތައްކަމުގައިވާ ފޮތްލިސްޓަށް ސަލާމްޖަހަން ނުޖެހި ސްކޫލްކުދިންގެ ފޮތްތައް ހިލޭ ލިބުމާއި، ބޭސް ސިޓީއަށް ސަލާމް ޖަހަން ނުޖެހި އާސަންދައިން ހިލޭ ބޭސްފަރުވާކުރެވުމާއި، އެކަނިވެރި މައިންނަށާއި ނުކުޅެދޭ ކުދިންނަށާއި މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް މަހުން މަހަށް އިނާޔަތްލިބުމާއި، ސްކޫލްތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމާއި، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ލިބުމާއި، ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލުމާއި، ޑްރަގަށް ހުރި ދޮރުތައް ބަންދުކުރުމާއި، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމާއި، ދެވަނަފުރުސަތާއި ހުނަރު ޕްރޮގްރާމް އަކީ އަންހެނުންގެ ބާރުވެރިކަމަށް ރައިސް ނަޝީދުގެ ސަރުކާރުން އަޅައިދިން ބިންގާތަކެއް” ޝިފާ ވިދާޅުވި.

ދިވެހި އަންހެނުންނާއި ދިވެހި އާއިލާތަކާއި ދިވެހި މުޖްތަމައު ދުޅަހެޔޮކުރުމަށް ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން އަޅައިދިން ބިންގާތައް 7 ފެބްރުއަރީ 2012 ގެ ބަޣާވާތަށްފަހު ޕީޕީއެމް އިން އުފެއްދި ވަހީދު ހަސަން މަނިކުގެ ސަރުކާރުން އަދި ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ފުނޑުފުނޑުކޮށްލާފައިވާތީ އެކަން އަޅުގަނޑުމެން ހިތާމައާއެކު ފާހަގަކުރަމެވެ.

ތިނަދޫ ޒިޔާދާ ނައީމަށް ލިބިފައިވާ ލާއިންސާނީ އަނިޔާ އޭނާގެ ފިރިމީހާ އިބްރާހީމް ޝާހު ދީފައިވަނީ އެފަދަ އަނިޔާވެރިންގެ ކިބައިން ދިވެހި އަންހެނުންނާއި ޅަދަރިން ދިފާއުކޮށް ރައްކާތެރިކުރުމަށް ރައީސް ޔާމިންގެ ސަރުކާރުން އެއްވެސް ވިސްނުމެއް ނުވަތަ ހަރުދަނާ ސިޔާސަތުތަކެއް ހިންގަމުން ނުގެންދާތީ ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަމެވެ.

ރާއްޖޭގެ އަންހެނުންނާއި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބޭނުންވާ ސިޔާސަތުތައް އެކަށައަޅައި މިހާރުން މިހާރަށް އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަށް އަޅުގަނޑުމެން ގޮވާލަމެވެ.

އަދި މިފަދަ މައްސަލަތަކުގެ ރިޕޯޓުތައް މީޑިއާގައި ޝާއިއު ކުރާއިރު އަނިޔާ ލިބުނު މިހާއަށް އެއަނިޔާ ލިބުނީ އެމީހަކު އަމިއްލައަށް ކުރި ކަމެއްގެ ސަބަބުންކަމަށް ދޭހަވާފަދަ ގޮތަކަށް ރިޕޯޓު ނުލިޔުއްވުމަށް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ.’
14 ޑިސެމްބަރ 2015