ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ ދުވަސް ފާހަގަކުރުން

ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ޙައްޤުތަކާ ބެހޭ ދުވަސްކަމަށްވާތީ، އިންސާނީ ޙައްޤުތައް ދިފާޢުކުރައްވައި ކުރިއެރުވުމަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރައްވާ އެންމެހައި ފަރާތްތަކަށް މި ދުވަހުގެ މުނާސަބަތުގައި ތަޢުރީފާއި ޝުކުރު އަރިސްކުރާހިނދު، އިންސާނީ ޙައްޤުތަކަށް ފާޅުގައާއި ސިއްރުގައި އަރައިގަންނަމުންދާ ފަރާތްތަކުން އެ ނާތަހުޒީބީ ގޮތް ދޫކޮށްލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ގޮވާލަމެވެ.

ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ދުވަހުގެ ގޮތުގައި ޑިސެމްބަރ 10 ވަނަ ދުވަސް ފާހަގަކުރެވެމުންދަނީ އދ. ގެ ޖެނެރަލް އެސެމްބްލީން 1948 ގައި އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ ޤަރާރު ފާސްކުރި ދުވަސްކަމަށްވާތީއެވެ.

ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ:

“Our Rights. Our Freedoms. Always.” މާނައަކީ “އަހަރަމެންގެ ޙައްޤުތައް، އަހަރަމެންގެ މިނިވަންކަން، އަބަދުވެސް” މިއެވެ. އަދި މި ޝިޢާރު އަމާޒުކުރެވެނީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ 2 މުއާހަދާއަކަށް 50 އަހަރު ފުރޭހިނދު އެ 2 މުއާހަދާގައިވާ ޙައްޤުތަކާއި މިނިވަންކަން ކުރިއަރުވައި ހޭލުންތެރިކަން އިތުރުކުރުމަށެވެ.

މިފެށޭ އާ އަހަރު އެއްކޮށް ބައިނަލްއަޤުވާމީ ގޮތުން ޚާއްޞަކުރެވޭނީ އިންސާނީ ޙައްޤުތަކާބެހޭ 2 މުއާހަދާ ކަމުގައިވާ “އިޤުތިޞާދީ، އިޖްތިމާޢީ އަދި ސަޤާފީ ކަންކަމާ ބެހޭ ބައިނަލްއަޤުވާމީ މުއާހަދާ” އާއި “މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުއާހަދާ” އަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަ ކޭމްޕޭނެއް ހިންގޭ އަހަރެއްގެ ގޮތުގައި ހެދުމަށްކަމަށް އދ. އިން ނިންމި ނިންމުމަކީ މުހިއްމުކަމެއްކަމުގައި މި ޕާރޓީން ދެކެމެވެ.

ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ދުވަހުގެ މިއަހަރުގެ ޝިޢާރާއި އަދި މި ޝިޢާރު އަމާޒުކުރެވޭ އިންސާނީ ޙައްޤުތަކާބެހޭ 2 މުއާހަދާއާ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުންނާއި ދައުލަތުގެ މުއައްސަސާތަކުން ފާޅުގައި ޚިލާފުވަމުންދާދިއުމުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖޭގެ ރީތި ނަމުގައިވަނީ ބޮޑު ލައްގަނޑެއްޖެހިފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މިހެން ދިމާވި ސަބަބުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވެވަޑައިގަތް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ނުޙައްޤުން ޓެރަރިޒަމުގެ ދަޢުވާ އުފުލައި އިންސާފުން އެއްކިބާވެފައިވާ ޝަރީޢަތެއްކޮށް 13 އަހަރަށް އެމަނިކުފާނު ޖަލަށްލާފައިވާވުން ހިމެނެއެވެ. އަދި އެ ޝަރީޢަތަކީ ރާއްޖޭގެ ޤާނޫނުއަސާސީއާ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގި ބޭއިންސާފު ޝަރީޢަތެއްކަމަށް އދ. ގެ ވާރކިންގ ގްރޫޕް އޮން އާރބިޓްރަރީ ޑިޓެންޝަނުން ނިންމައި ރައީސް މުޙައްމަދު ނަޝީދު ވަގުތުން މިނިވަންކުރުމަށް ސަރުކާރަށް އަންގާފައިވާއިރު، އދ. ގެ ނިންމުންތަކަށާއި އަންގާ އެންގުންތަކަށް ސަރުކާރުން ބޯނުލެނބުން ހިމެނެއެވެ. ހަމަ އެފަދައިން ރައީސް މުޙައްމަދު ނަޝީދުގެ ޙައްޤުތަކަށް އަރައިގަނެ މިނިވަންކަން ނަގާލާފައިވާތީ އެމަނިކުފާނު މިނިވަންކުރުމަށް އދ. ގެ ސެކްރެޓެރީ ޖެނެރަލާއި، އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ހައިކޮމިޝަނާއި، ދުނިޔޭގެ އިންސާނީ ޙައްޤުތައްކަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި، އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސްއާއި، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ސަރުކާރުން ގޮވާލާފައިވާއިރު އެކަމަށް ދިވެހި ސަރުކާރުން އިޖާބަނުދިނުން ހިމެނެއެވެ. އަދި މިކަމުން އެނގެނީ ރައީސް ޢަބްދުﷲ ޔާމިން ގެ ސަރުކާރު ބިނާވެގެންވަނީ އިންސާނީ ޙައްޤުތަކަށާއި ރާއްޖޭގެ ޤާނޫނުތަކުގެ އިތުރުން ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙްތިރާމް ނުކުރާ ސަރުކާރެއްގެ ގޮތުގައިކަމެވެ.

ސަރުކާރާއި އިދިކޮޅު ވިސްނުމުގެ ސިޔާސީ ލީޑަރުންނާއި އެތަކެއް ސަތޭކަ ރައްޔިތުންގެ މައްޗަށް ނުޙައްޤުން ޝަރީޢަތްތައްކޮށް ނުވަތަ ޙައްޔަރުކޮށް ދައުވާތައް އުފުލި އަނިޔާވެރިވަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މިކަން މިހެން އޮތްއިރު، ސައްޙަ އިންތިޚާބުތައް ކޯޓު މެދުވެރިކޮށް ބާތިލުކޮށް ވޯޓުގެ ޙައްޤު ރައްޔިތުންގެ ކިބައިން ނިގުޅައިގަތްގަތުމުން ފެށިގެން ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމާއި ހަޅުތާލުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން މާތް ކަލާންގެއަށް ދުޢާ ދެންނެވުމުގެ މިނިވަންކަމަށް ވެސް ސަރުކާރުންނާއި ދައުލަތުގެ މުއައްސަސާތަކުން ފާޅުގައި އަރައިގަންނަމުންދާކަން ފާހަގަކުރަމެވެ. އަދި މިފަދައިން ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަމަށް އަރައިގަންނަމުންދަނީ އިންތިޒާމުވެ، ރޭވިގެން ހިންގާ ޚުދުމުހުތާރު ނިޒާމެއްގެ ތެރެއިންކަން ފާހަގަކުރަމެވެ.

ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާބެހޭ ދުވަސް ފާހަގަކުރެވެމުންދާއިރު، ރާއްޖޭގެ ރައްޔިތުންގެ ހަށިފުރާނައިގެ ރައްކާތެރިކަން ވަނީ ގެއްލިފައެވެ. އަދި ވަޒީފާއިން ވަކިކުރުމުގެ ބިރުދެއްކުމާއި، ފިޔަފާރި ބަނގުރޫޓުކުރުމުގެ ބިރު ދެއްކުން އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، ސަރުކާރާއި ދައުލަތުގެ މުވައްސަސާތަކުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ ބޮޑުވެ ހައްދުފަހަނާޅާ ގޮސްފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ޤާނޫނުގެ ވެރިކަން ނެތިގޮސް އަދުއިންސާފުން ރައްޔިތުން މަޙުރޫމުވެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މިއެންމެހައި ކަންކަން މިހެން ހުރުމާއެކު، އދ. އިން ފެށިގެން ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެއްވެސް ޖަމާޢަތެއްގެ ތަޢުރީފެއް އިންސާނީ ޙައްޤުތަކުގެ ރޮނގުން ރައީސް ޢަބްދުﷲ ޔާމިން ގެ ސަރުކާރަށް ލިބިފައި ނުވުގެ އިތުރުން މުޅި ދުނިޔޭގެ ފާޑުކިޔުންތައް މި ސަރުކާރަށް ތަކުރާރުކޮށް އަމާޒުވަމުންދާދިއުމުން އެނގެނީ އިންސާނީ ޙައްޤުތަކަށް ރައީސް ޢަބްދުﷲ ޔާމިން ގެ ސަރުކާރުން އަރައިގަނެ ދިވެހިރާއްޖެ ފުންމިނަށް ގަންބާލާފައިވާކަން މުޅި ދުނިޔެއަށް ހާމަވެފައިވާކަމެވެ.

10 ޑިސެމްބަރ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް