ރައީސް މުޙައްމަދު ނަޝީދު ގޭބަންދަށް ބަދަލުކުރިކަމަށް ބަޔާންކޮށް ސަރުކާރުން ދީފައިވާ ލިޔުމަކީ ސަރުކާރުން ތައްޔާރުކޮށްގެން ދީފައިވާ ސަރުކާރުގެ ލިޔުމަކަށްވާތީ އޭގައި ވާގޮތަށް ޢަމަލުކޮށް އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރުމަށް ގޮވާލަން

ކްރިމިނަލް ކޯޓުން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ޙުކުމެއްކޮށް އެ ޙުކުމް އެމަނިކުފާނުގެ މައްޗަށް ތަންފީޒުކުރަމުން ގެންދަނިކޮށް، އެ ޙުކުމުގެ ބާކީ އޮތް ބައި ދާއިމީކޮށް ގޭބަންދަށް ބަދަލުކުރިކަމަށް ބަޔާންކޮށް 19 ޖުލައި 2015 ގައި ސަރުކާރުން ދީފައިވާ ލިޔުމަކީ ސަރުކާރުން ތައްޔާރުކޮށްގެން ދީފައިވާ ސަރުކާރުގެ ލިޔުމެއްކަމަށް ފޮރެންސިކް ތަޙްލީލުތަކުން ީ އެނގޭތީ، އެ ލިޔުމުގައިވާގޮތަށް ޢަމަލުކޮށް ރައީސް މުޙައްމަދު ނަޝީދު ގޭބަންދަށް ބަދަލުކުރުމަށާއި އަދި އެ ލިޔުމާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސުން ކުރިއަށް ގެންދާކަމަށް ބުނާ ތަޙްޤީޤް އަވަހަށް ނިންމައި އެކަމުގެ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނާ ޙިއްސާކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ގޮވާލަމެވެ.

އިސްވެ ދެންނެވުނު ފަދައިން 19 ޖުލައި 2015 ގައި ސަރުކާރުން (މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން) ރައީސް މުޙައްމަދު ނަޝީދު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރިކަމަށް ބަޔާންކޮށް ލިޔުން ދިނުމަށްފަހު އެ ލިޔުމަކީ ސައްޙަ ލިޔުމެއް ނޫންކަމަށް އަލުން ސަރުކާރުން ބުނުމަށްފަހު ރައީސް މުޙައްމަދު ނަޝީދު އަނބުރާ ޖަލަށް ބަދަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށެވެ. އެ ލިޔުމަކީ ސަރުކާރުން ތައްޔާރުކޮށްގެން ދީފައިވާ ސަރުކާރުގެ ލިޔުމެއްކަން މިހާރު ވަނީ ސާފުވެފައެވެ. ރައީސް މުޙައްމަދު ނަޝީދުގެ ޢާއިލާއިން ރާއްޖެއިން ބޭރުގެ މިނިވަން ފޮރެންސިކް އެކްސްޕާރޓުން މެދުވެރިކޮށް އެ ލިޔުން ތަޙްލީލުކުރުމުން އެނގެނީ އެ ލިޔުން ތައްޔާރުކޮށް އުފައްދާފައިވަނީ އޭގެ ކުރިންވެސް ސަރުކާރުން ރައީސް މުޙައްމަދު ނަޝީދަށް ލިޔުންތައް ޙަވާލުކޮށްފައިވާ ތަނުންކަމެވެ. އެހެންކަމުން އެ ލިޔުމަކީ ސީދާ ސަރުކާރުން (މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން) ރައީސް މުޙައްމަދު ނަޝީދު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރިކަން ބަޔާންކޮށް ދީފައިވާ ސައްޙަ ލިޔުމެއްކަމާ މެދު މިހާރު ޝައްކުކުރާނެ ޖާގައެއް ނެތެވެ.

ރައީސް މުޙައްމަދު ނަޝީދު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރިކަމުގެ އެ ލިޔުން ސަރުކާރުން ޙަވާލުކުރުމަށްފަހު އެމަނިކުފާނު ޖަލު ހައްޔަރުގައި ބަހައްޓާފައި އެވަނީ ސަރުކާރުގެ އަމިއްލަ ނިންމުންތަކާ ވެސް ކަނޑައެޅިގެން ޚިލާފަށެވެ. އަދި އެއީ އިންސާފާއި ޤާނޫނު ނުހިނގާކަމާއި އަދި ސަރުކާރުގެ އަމިއްލަ ނިންމުންތަކަށް ސަރުކާރުން އަމިއްލައަށް ތަބާނުވާކަމުގެ އަލިގަދަ ހެއްކެކެވެ. އެ ލިޔުމާ ގުޅޭ ތަޙްޤީޤް މޯލްޑިވްސް ޕޮލިސް ސަރވިސުން ހިންގުމުގައި އިޙްމާލުވާ ކޮންމެ ދުވަހަކީ ރައީސް މުޙައްމަދު ނަޝީދުގެ ޙައްޤުތައް ގެއްލި، ނާއިންސާފާއި އަނިޔާ އެމަނިކުފާނު ތަޙައްމަލުކުރައްވަން ޖެހިވަޑައިގެންފައިވާ ދުވަހެކެވެ.

އެހެންކަމުން ރައީސް މުޙައްމަދު ނަޝީދު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރިކަމަށް ބަޔާންކޮށް ސަރުކާރުން ދީފައިވާ ލިޔުމާ އެއްގޮތަށް މިހާރުން މިހާރަށް ސަރުކާރުން ޢަމަލުކުރުމަށާއި، ދައުލަތުގެ ނުވަތަ ސަރުކާރުގެ އިދާރާތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލައި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށާއި ސަރުކާރުން ރައްޔިތުންނާ ކުރާ އެކިއެކި މުއާމަލާތުތަކަށް ސަރުކާރުން އިޙްތިރާމްކުރުމަށާއި ސަރުކާރާއި ދައުލަތުގެ އިތުބާރު ގެއްލޭ އެފަދަ ނޭއްގާނީ ކަންކަމުން ދުރުވުމަށް ސަރުކާރަށް އިލްތިމާސް ކުރަމެވެ. އަދި ޤާނޫނާ ޚިލާފަށް ރައީސް މުޙައްމަދު ނަޝީދު އަނބުރާ ޖަލަށް ގެންދިއުމަށް ނިންމައި، އެޣައިރުޤާނޫނީ ނިންމުން ތަންފީޛުކުރުމަށް އަމުރުކުރި ފަރާތްތަކާއި، އެ ޢަމަލު ހިންގި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މިޕާޓީން ގޮވާލަމެވެ.

9 ޑިސެމްބަރ 2015
ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް