ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އެމަނިކުފާނާ ބައްދަލުކުރެއްވުން މަނާ ކުރުމަކީ ޤާނޫނާ ޚިލާފް ކަމެއް

ރައީސް މުޙައްދު ނަޝީދުގެ ޤާނޫނީ ވަކީލް އަލްއުސްތާޛް ޙަސަން ލަޠީފް އެމަނިކުފާނާ 1 މަސް ދުވަހަށް ބައްދަލުނުކުރެވޭ ގޮތަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ނިންމެވި ނިންމެވުމަކީ ކަނޑައެޅިގެން ޤާނޫނާ ޚިލާފް ކަމެއްް ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ފާހަގަކޮށް އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލް އަލްްއުސްތާޛް ޙަސަން ލަޠީފާ ބައްދަލުނުކުރެވޭނެ ކަމަށް ނިންމުގެ އެއްވެސް ޤާނޫނީ ބާރެއް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢުމަރު ނަސީރަށް ލިބިވަޑައެއް ނުގަންނަވައެވެ. މިއީ އެކަމަނިކުފާނުގެ މިސްޓަރުގެ މަޤާމު ނަހަމަގޮތުގައި ބޭނުންކުރެއްވުން ކަމުގައިވެސް ދެކެމެވެ. ޤާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބަލައި ފިޔަވަޅު އެޅުމަށް ވަކި ޚާއްޞަ ފަރާތެއްވާއިރު، އެފަރާތުގެ އިޙްތިޞާސްގެ ތެރެއަށް ހޯމް މިނިސްޓަރު ވަދެވަޑައިގަތުމަކީ ކަންބޮޑުވާކަމެކެވެ. އަދި އެއީ މި މުޅި ދަޢުލަތް ނުރަނގަޅަށް ހިނގަމުންދާކަން ހާމަވާ ކަމެކެވެ.

އެހެންކަމުން މި ނިންމުން އަނބުރައި ގެންދަވައި ޤާނޫނު އަސާސީގައި ބަޔާން ކުރާ ފަދައިން ރައީސް މުޙައްމަދު ނަޝީދު އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާ އެއްވެސް ހުރަހެއް ނެތި ބައްދަލުކުރެވޭނެ ގޮތް ހެެއްދެވުމަށް ސަރުކާރަށް ގޮވާލަމެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ދިވެހި ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިޚްތިޔާރު ކުރާ ޤަނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިނދެގައި އެފަދަ އެހީ ހޯދުމާއި ލިބިގަތުމުގެ ޙައްޤު ލިބިގެންވާކަމަށެވެ. އެހެންކަމުން އެއްވެސް ހަމައެއްނެތި މިފަދަ ގޮތަކަށް ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ޙަސަން ލަތީފް އެމަނިކުފާނާ ބައްދަލުކުރުން މަނާ ކުރުމަކީ ރައީސް މުޙައްމަދު ނަޝީދަށް ޤާނޫނު އަސާސީން ލިބިދޭ އެމަނިކުފާނު އިޚްތިޔާރު ކުރައްވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯއްދެވުމުގެ ޙައްޤަށް އަރައިގަތުމެވެ.