ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ބައިނަލްއަގްވާމީ ފަރާތްތަކަށް މައުލޫމާތު ދިނުމަށް އެމްޑީޕީގެ ބައިނަލްއަޤްވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ ވަފުދެއް ބެލްޖިއަމްގެ ބްރެސަލްސްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޔޫރަޕިއަން ޔޫނިއަން ޕާރލިމެނޓުގެ ހާރިޖީ ކަންކަމާއި ދިފާއީ ކަންކަމާއިބެ ކޮމިޓީގެ މެމްބަރު އެޑުއަރޑް ކޫކަން އާއި ބައްދަލުކުރައްވައިފިއެވެ. އަދި ވައިސް ޗެއާރ އޮފް ޑެލެގޭޝަން އޮފް ރިލޭޝަންސްވިތު ކަންޓްރީސް އޮފް ސައުތު އޭޝިއާ ، ހާރިޖީ ކަންކަމާއި ބެހޭ ކޮމިޓީގެ އިތުރުން އިންސާނީ ހައްޤުތަކާއި ދިފާއި ކަންކަމާބެހޭ ކޮމިޓީގެ މެމްބަރު ރިޗާރޑު ހޮވިޓު އާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި އެމްޑީޕީގެ ބައިނަލްއަޤްވާމީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި އެކޮމެޓީގެ ދެ މެންބަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ތަސްމީން އަލީ އަދި އުމަރު އަބްދުއްރައްޒާގް ބައިވެރިވެލެއްވިއެވެ.
މިދަތުރުގައި އެމްޑީޕީގެ ބައިނަލްއަޤްވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ ވަފްދުގެ ބޭފުޅުން ބްރަސަލްސްގައި ތިއްބަވާ ޔޫރަޕިއަން ޔޫނިއަންގެ އޮފިޝަލުންނާއި ޔޫރަޕިއަން ޕާލަމެންޓުގެ އިތުރު ބައެއް މެންބަރުންނާ އަދި ބައްދަލުކުރެއްވާ ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ބައިނަލްއަޤުވާމީ ދުނިޔެއިން ކޮށްދެވެން އޮތްކަންކަމަކީ ކޮބައިތޯވެސް މަޝްވަރާކުރެވިގެންދާނެއެވެ.