ފަނޑިޔާރުގޭގެ މިނިވަންކަން ނަގާލުމާއި، ސިޔާސީ މަސައްކަތަށް ޖާގަ ހަނިކުރުމާއި، ސިޔާސީ ލީޑަރުން ޖަލަށްލަމުންދާތީ އެކަމަށް ހައްލު ހޯދުމަށް ސީމެގްއިން ގޮވާލުން

ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުން ތަބާވުމަށް އެ ޖަމާއަތުގެ މެމްބަރު ޤައުމުތަކުން އެއްބަސްވެ، ކަނޑައަޅައިފައިވާ ހަމަތަކާއި އުސޫލުތަކުން، މެމްބަރު ޤައުމެއް ނެއްޓިދިއުމުގެ ހާލަތް ދިމާވުމުގެ މައްސަލައިގައި އިއްޔެ ބޭއްވުނު ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް) ގެ ބައްދަލުވުމުގައި ބަހުސްކޮށް، ނިންމި ނިންމުމުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން މަރުހަބާ ކިޔަމެވެ.

ކޮމަންވެލްތުގެ ބައެއް ޤައުމުތަކުގައި މިހާރު އޮތް ހާލަތުގެ ސަބަބުން، ނިއު ޔޯކުގައި އިއްޔެ ބޭއްވުނު ސީމެގް ގެ 46 ވަނަ ބައްދަލުވުމުގައި މައުލޫ އަމާޒުކޮށްފައިވަނީ މައިގަނޑު 2 ކަމެއްގެ މައްޗަށެވެ. އެއީ މެމްބަރު ޤައުމަކުން ޝަރުއީ ނިޒާމުގެ މިނިވަންކަންނަގާލައި ޤާނޫނުގެ ވެރިކަން ނުހިންގުމުގެ މައްސަލައިގެ މައްޗަށާއި، އާންމު އުސޫލަކުން ސިޔާސީ ފަރާތްތަކުގެ މަސައްކަތަށް ފުރުސަތު ނުދީ، ސިޔާސީ ލީޑަރުން ޖަލަށްލުމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަންނަމުން ދާކަމުގެ މައްސަލައިގެ މައްޗަށެވެ.

މި ދެ މައްސަލައަކީ ކޮމަންވެލްތުގެ އަސާސީ ހަމަތަކާއި އުސޫލުތަކާއި މެމްބަރު ޤައުމަކުން ވަރަށް ބޮޑަށް ޚިލާފު ވެއްޖެކަމަށް ބެލެވޭނެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބޮޑު 2 މައްސަލަ ކަމަށް ސީމެގް ގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މި 2 ކަމަކީ ޤައުމުގެ ޑިމޮކްރެސީ އާއި މިނިވަން މުއައްސަސާތައް ހަލާކުވެދާ ކަންކަން ކަމާއި، އަދި އެއީ ކޮމަންވެލްތުގެ ޗާރޓަރާއި ޚިލާފު ކަންކަން ކަމުގައި ސީމެގްއިން ފާހަގަކޮށްފައިވެއެވެ. ހަމަ އެފަދައިން މި މައްސަލަތަކަކީ ސީމެގްއިން އިސްނަގައިގެން ބެލުމަށް ސީމެގްއާއި މަތިކޮށްފައިވާ މަސައްކަތެއް ކަމަށް ސީމެގްއިން ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ ހާލަތުގައި ވާ މެމްބަރު ޤައުމުތަށް ކޮމަންވެލްތުގެ ހަމަތަކާއި އުސޫލުތަކަށް ތަބާވުމަށް ކޮމަންވެލްތުން އިތުރަށް މަސައްކަތް ކުރުމަށް ސީމެގްއިން ނިންމައިފައިވެއެވެ.

އެހެންކަމުން، ދިވެހިރާއްޖެ އަކީ ސީމެގްއިން ފާހަގަކޮށްފައިވާފަދަ ޝަރުއީ ނިޒާމުގެ މިނިވަންކަން ގެއްލިފައިވާ، ޤާނޫނުގެ ވެރިކަން ނުހިނގުމުގެ އިތުރުން، ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ސިޔާސީ މަސައްކަތަށް ޖާގަ ހަނިކޮށްފައިވާ މެމްބަރު ޤައުމަކަށް ވާތީ، އެކަންކަން އިސްލާހުކުރުމަށް ކޮމަންވެލްތުން ވެދޭ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެއްބާރުލުން ދިނުމަށް އެމް.ޑީ.ޕީ އިން ސަރުކާރަށް ގޮވާލަމެވެ.

27 ސެޕްޓެމްބަރު 2015
ބަޔާން ނެރުނީ : އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓް