މާލޭގައި 20 ބުރީގެ ފްލެޓް އިމާރާތް ކުރުމަށް ހަވާލު ކުރީ ބިޑަށް ހުޅުވާނުލާ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ހައުސިން މިނިސްޓްރީން 20 ބުރީގެ ފްލެޓް އިމާރާތެއް ބިޑް ކުރުމަކާއި ނުލައި އަމީން ކޮންސްޓްރަކްޝަންއަށް ދިން މައްސަލަ ބަލާ ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ސިޓީއެއް ފޮނުވައިފިއެވެ.

މާލޭގައި 20 ބުރީގެ ފްލެޓް ޢިމާރާތެއް އެޅުމަށް 1 ސެޕްޓެމްބަރ 2015 ވަނަ ދުވަހު ހައުސިންގ މިނިސްޓްރީގެ ފަރާތުން ވަނީ އަމީން ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފައެވެ. އަދި މިވެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރުވެސް އެއްބަސްވެވަޑައިގެންފައިވާނީ 20 ބުރިއަށް އިމާރާތް ކުރުމަށް އަމީން ކޮންސްޓްރަކްޝަން އާއި ޙަވާލުކޮށްފައިވަނީ އިޢުލާނުކުރުމަކާއިނުލާކަމުގައެވެ. ނަމަވެސް މިފަދަ ގޮތަކަށް ބިޑްކުރުމަކާއިނުލައި ވަކި ބަޔަކާއި ޕްރޮޖެކްޓެއް ހަވާލު ކުރުމަކީ ދިވެހިރާއްޖޭގެ މާލިއްޔަތާބެހޭ ޤާނޫނާއި ޚިލާފުކަމަކެވެ.