އުސްތާޛު މަޙުފޫޒު ސަޢީދުގެ ބޮލަށް ވަޅި ހަރާ އޭނާއަށް ދިން މަރުގެ ޙަމަލާ ކުށްވެރިކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛު މަޙުފޫޒު ސަޢީދުގެ ބޮލަށް ވަޅި ހަރާ، މަރުގެ ޙަމަލާއެއް ދީ އޭނާ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައިވާތީ އެކަން މި ޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

ޢުުމުރުން 26 އަހަރުގެ މަޙުފޫޒު ސަޢީދުގެ ބޮލަށް ބަޔަކު ވަޅިހަރާ އޭނާގެ ފުރާނައަށް ނުރައްކާވާ ވަރަށް ޒަޚަމްކޮށްލާފައިވަނީ މިއަދު ހަވީރު މާވެޔޮމަގުންނެވެ.

މަޙުފޫޒު ސަޢީދަށް މިއަދު ދިން މަރުގެ ޙަމަލާ ދީފައި އެވަނީ އޭނަ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނެވުމުގެ އިތުރުން، އެންމެ ފަހުން ބޭއްވި އެމް.ޑީ.ޕީ ގެ ޖަލްސާގައި ވާހަކަ ދައްކަވާފައިވަނިކޮށެވެ. އަދި އިސްލާމީ މަރުކަޒުގައި ހުކުރަށްފަހު ރައީސް ނަޝީދުގެ މައްޗަށް ދުޢާކުރުމުގެ މައްސަލާގައި މިއަދު ފުލުސް އޮފީހަށް ޙާޟިރުކުރެވުނު ފަރާތުގެ ޤާނޫނީ ވަކީލުގެ ގޮތުގައި ފުލުސް އޮފީހަށްވެސް ވަޑައިގެންފައިވަނިކޮށެވެ.

އުސްތާޛު މަޙުފޫޒު ސަޢީދަކީ މި ޕާޓީގެ ޤާނޫނީ ކޮމިޓީގެ މެމްބަރެއްގެ އިތުރުން އެކީޓާސް ލީގަލް ކޮންސަލްޓަންޓްސްގެ ސީނިއަރ އެސޯސިއޭޓެއްވެސްމެއެވެ.

އުސްތާޛު މަޙުފޫޒު ސަޢީދަށް މިއަދު ދިން މަރުގެ ޙަމަލާ އަކީ ބަޔަކު ކުރިން ރާވައިގެން ދީފައިވާ ޙަމަލާއެއްކަމަށް މި ޕާޓީން ދެކެމެވެ. މިފަދަ ނުރައްކާތެރި މަރުގެ ޙަމަލާތައް ރޯމާދުވާލު އެންމެންގެ ކުރިމަތީގައި ޖެހިލުމެއްނެތި ދެމުންދާ ސަބަބަކީ އެ ޖަރީމާތައް ހިންގާ މީހުން ހޯދައި، ޝަރީޢަތުގެ ކުރިމައްޗަށް ޙާޟިރުނުކުރޭނޭ ކަމުގެ ޔަޤީންކަން އެ ޖަރީމާތައް ހިންގާ ފަރާތްތަކަށް ކަށަވަރުވާތީކަމުގައި ދެކެމެވެ.

އުސްތާޛު މަޙުފޫޒު ސަޢީދުގެ ބޮލަށް ވަޅި ހަރާ އޭނާއަށް ދިން މަރުގެ ޙަމަލާ ފުރިހަމައަށް ތަޙުޤީޤުކޮށް، އެ ޙަމަލާދިން ފަރާތްތަކާއި، އެކަން ރާވައި ހިންގި ފަރާތްތަކެއްވާނަމަ އެ ފަރާތްތަށްވެސް ޝަރީޢަތުގެ ކުރި މައްޗަށް ޙާޟިރުކޮށް ޙައްޤު އަދަބު ދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ. އަދި މި ޕާޓީއިން މިކަން ގާތުން ބަލަމުންދާނެކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ. އުސްތާޛު މަޙުފޫޒު ސަޢީދަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަމެވެ. –އާމީން-