ޤައުމީ ޔުނިވާރސިޓީގެ ޤާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅިފައިވާ ބިލާއި ގުޅިގެން ބޭއްވުނު ޕެނަލް ޑިސްކަޝަން ރޭ ބާއްވައިފި

CJaPmb6UcAALQqF

ރޭ ސޯލްޓް ރެސްޓޯރެންޓް ކެފޭގެ ޖަލްސާ ކުރާމާލަމުގައި ބޭއްވުނު މި ޕެނެލް ޑިސްކަޝަންގައި ބައިވެރިންނަށް މައުލޫމާތު ދެއްވީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ މުސްތަފާ ލުތުފީ ، ޝިފާ މުހަންމަދު އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީގެ ތައުލީމާއި ތަމްރީނާއި ބެހެ ކޮމިޓީގެ ނައިބު މުޤައްރިރު ޝަފިއްޔާ ޒުބެއިރެވެ.

ޔުނިވަރސިޓީގެ މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލި ސިޔާސީ ތަނަކަށް ޔުނިވަރސިޓީ ބަދަލުވެގެން ދިއުމުން ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިވާނެއެވެ. އެކިއެކި ސިޔާސީ މީހުން ޔުނިވަރސިޓީއިން ވަޒީފާދީ، އަދި ބައެއް ފަރާތްތަކަށް ވަޒީފާއިން ވަކިކޮށް، އެކިއެކި ސިޔާސީ މަޤްޞަދުތައް ޙާޞިލުކުރުމަށް ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނާއި ވަސީލަތްތައް ނާޖާއިޒް ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެން ދާނެއެވެ. ކޯސްތައް އެކިއެކި ކެމްޕަސްތަކުގައި ފެށުމުގައާއި ނުފެށުމުގައި، ދަރިވަރުން ކޯސްތައް ހޮވުމުގައާއި ނުހޮވުމުގައި، ދަރިވަރުން މާއްދާތަކުން ފާސްކޮށްދިނުމުގައާއި ފާސްކޮށް ނުކުރުމުގައި، ސިޔާސީ ފިކުރު، ޢިލްމީ މިންކުރުމާ މަސްހުނިވާނެއެވެ. ޔުނިވަރސިޓީގެ އެންމެ މުހިންމު އެއް ޒިންމާއެއްކަމުގައިވާ ދިރާސާކުރުމާއި ދިރާސާކޮށްގެން އުފައްދާ މަޢުލޫމާތު/ޢިލްމު ޢާންމުކުރުމަށް ވަރަށް ބޮޑު ހުރަހެއް އެޅިގެން ދިއުމުގެ ފުރުޞަތު ބޮޑުވާނެއެވެ. އަދި ދިރާސާކުރުމަށް ސަރުކާރު ބޭނުންނުވާ ކަންކަން ދިރާސާ ނުކޮށް، ސަރުކާރު ބޭނުންވާ ކަންކަމާ ބެހޭގޮތުން ސަރުކާރު ބޭނުންވާ ގޮތަށް މަޢުލޫމާތު ފެތުރުމަށް (ޕްރޮޕަގެންޑާއަށް) ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެެވެ.