ރޭގެ މުޒާހަރާއިން ހައްޔަރުކުރި ޢަހްމަދު މަޙުލޫފާއި އަދި އިތުރު ފަރާތްތައް ދޫކޮށްލުމަށް ގޮވާލުން

ިދިކޮޅު މައި ސިޔާސީ ޕާރޓީތަކުގެ އެއްބާރުލުމާއެކު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިންތިޒާމުކޮށްގެން ޤައުމީ ހަރަކާތުގެ ފަރާތުން 12 ޖޫން 2015 ވަނަ ދުވަހުގެ ރޭ ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ ޢަހްމަދު މަޙުލޫފާއި، އަދާލަތު ޕާރޓީގެ ޑެޕިޔުޓީ ސެކްރެޓެރީ ޖެނެރަލ އަޙްމަދު ޝަރީފާއި އަދި ހައްޔަރުކޮށްފައިވާ އެނޫން ވެސް މުޒާހަރާގެ އެންމެހާ ބައިވެރިން ވަގުތުން ދޫކޮށްލުމަށް މި ޕާރޓީން ގޮވައިލަމެވެ.

އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ސަރުކާރާ އިދިކޮޅު އެތައް ހާސްބަޔަކު މަޖީދީމަގުގައި އިށީނދެ އިނދެ ސުލްޙަވެރިކަމާއެކު ކުރިޔަށް ގެންދިއަ މުޒާހަރާގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ ޢަހްމަދު މަޙުލޫފާއި، އަދާލަތު ޕާރޓީގެ ޑެޕިޔުޓީ ސެކްރެޓެރީ ޖެނެރަލ އަޙްމަދު ޝަރީފާއި އަދި އިތުރު ފަރާތްތައް ޙައްޔަރުކޮށްފައިވަނީ ފުލުހުން އެތަކެއް ފަހަރު މަތިން މުޒާހަރާގެ ތެރެއަށް ވަދެގަނެ މުޒާހަރާގެ ސުލްޙަވެރިކަން ނަގައިލުމަށް މަސައްކަތްކުރުމަށްފަހުގައެވެ. އަދި އެއްވެފައިވާ މީހުންގެ ގަޔަށް ފުލުހުން ޕެޕަރ ސްޕްރޭ ޖަހައި އަނިޔާވެރިވެފައިވާކަން ފާހަގަކުރަމެވެ. އެއްވެ އުޅުމާއި ޝުޢޫރު ފާޅުކުރުމުގެ ޙައްޤު ހަނިކުރުމުގެ ގޮތުން ޤާނޫނު އަސާސީއާ ޚިލާފަށް އެތަކެއް ގޮންޖެހުންތަކެއް ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ކުރިމަތިކުރުވާފައިވެއެވެ. އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދެއްގައި މުޒާހަރާގެ ސައުންޑް އުފުލުމަށް ހުރަސްއަޅައި، އަދި 3 ފުރޮޅުލީ އަތްގާޑިއާގައި ސައުންޑް އުފުލުމުން ރޭގަނޑު 11 ޖެހީމާ ސައުންޑް ކަނޑާލުމަށް ޤާނޫނު އަސާސީއާ ޚިލާފު އަމުރުކޮށް، އެއަށްފަހު އަތްގާޑިޔަލާއި ސައުންޑް ފުލުހުން އަތުލައިގެން ގެންގޮސްފައިވެއެވެ.

ސުލްޙަވެރި މުޒާހަރާތައް ބޭއްވުމުގައި އެއްބާރުލުންދީ މުޒާހަރާ ކުރާފަރާތްތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަކީ ފުލުހުންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމު ކަމަކަށްވީ ނަމަވެސް، ސަރުކާރާ އިދިކޮޅަށް މުޒާހަރާ ކުރާފަރާތްތަކަށް ފުލުހުން އެފަދަ ރައްކާތެރިކަމެއް ކަށަވަރުކޮށް ނުދީ، މުޒާހަރާކުރުމާއި ޚިޔާލުފާޅުކުރުމުގެ ޙައްޤަށް ފާޅުކަން ބޮޑުގޮތެއްގައި ފުލުހުން އަރައިގަންނަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ސުލްޙަވެރި މުޒާހަރާތަކުންނާއި އަދި ސިޔާސީގޮތުން ޙައްޔަރުކޮށްފައިވާ އެންމެހައި ފަރާތްތައް ވަގުތުން މިނިވަންކުރުމަށް މި ޕާރޓީން ސަރުކާރަށް ގޮވައިލަމެވެ.

13 ޖޫން 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓ