ޤައުމީ ހަރަކާތުގެ ފަރާތުން ޖޫން 12 ވަނަ ދުވަހުގެ އެއްވުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވައިފި

ޖޫން 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުމުގައި ބައިވެރިވުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ޤައުމީ ހަރަކާތުގެ ފަރަތުން ދަޢުވަތު އަރުވައިފިއެވެ. މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވަމުން މިއަންނަ ޚުދުމުހުތާރުވެރިކަން ހަމަ މަގަށް އެޅުވޭނީ ދިވެހިރައްޔިތުން ތިބީ މިއަނިޔާވެރިކަމަށް ޖާގަ ދިނުމަށް ތައްޔާރަށް ނޫންކަން ހާމަކޮށްދީގެންކަމުގައި ވާތީ ދިވެހިރައްޔިތުން މިއަދު ފަހަތަށް ނުޖެހޭނެކަން ސަރުކާރަށް އަންގަންޖެއެވެ. މިކަންވާނީ މާލެ އަރާ އެކަން ކަށަވަރު ކޮށްގެންނެވެ.

ސަރުކާރުން މަޝްވަރާ ކުރުމަށް ގޮވަލި ނަމަވެސް ސަރުކާރުގެ އިހްލާސްތެރިކަމެއް މި މަޝްވަރަތަކުގެ މައްޗަށް ހުރިތަނެއް ނުފެންނަކަމަށްވެސް މިއަދު ޤައުމީ ހަރަކަތުގެ ނޫސް ބަޔާނުގައި ވެއެވެ. ސިޔާސީ ގިނަ އިސްވެރިންތަކެއް ހައްޔަރުކޮށް ޖަލަށް ލުމަށްފަހު މަޝްވަރާއަށް ގޮވާލެވުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.

ޚުދުމުހުތާރު ވެރިކަން ދިވެރާއްޖެއަށް އަނބުރާ އަންނަކަމާމެދު މުޅި ދުނިޔެ މިއަދު މިދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއަދު ދިވެހިންނަށް ކުރިމަތިވެފައިމިވާ އަނިޔާވެރިކަމުން ސަލާމަތްވެވޭނީ ސަރުކާރުން ދޫދީގެން އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށް ސިޔާސީ ދަޢުވާތައް މިހާރުން މިހާރަށް ހުއްޓުމުންނެވެ. ބޮޑު ސިޔާސީ ތަޅާފޮޅުންގަނޑެއްގެ ތެރެއަށް ދިވެހިރާއްޖެ ވައްޓާލުމުގެ ބަދަލުގައި އިޚްލާސްތެރިކަމާއެކު މަޝްވަރާގެ މޭޒު އިޚްތިޔާރުކުރުމަށް ރައީސް ޔާމީނަށް މި ނޫސް ބަޔާނުގައި ގޮވާލާފައިވެއެވެ.

މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވަމުން މިއަންނަ ޚުދުމުހުތާރުވެރިކަން ހަމަ މަގަށް އެޅުވޭނީ ދިވެހިރައްޔިތުން ތިބީ މިއަނިޔާވެރިކަމަށް ޖާގަ ދިނުމަށް ތައްޔާރަށް ނޫންކަން ހާމަކޮށްދީގެންނެވެ. ދިވެހިރައްޔިތުން މިއަދު ފަހަތަށް ނުޖެހޭނެ ކަން ސަރުކާރަށް އަންގައިދީގެންނެވެ. މިކަންވާނީ މާލެ އަރާ އެކަން ކަށަވަރު ކޮށްގެންނެވެ.