މަންދު ކޮލެޖަށް ސަރުކާރުން ފުލުހުން ފޮނުވައި އެ ކޮލެޖް ބަންދުކޮށް ތަޅުއެޅުވި މައްސަލަ ކުށްވެރިކުރުން

ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން މަންދު ކޮލެޖަށް ތަކުރާރުކޮށް ފުރައްސާރަކުރަމުން ދިއުމަށްފަހު، ރޭގެ ވަގުތެއްގައި އެ ކޮލެޖަށް ފުލުހުން ފޮނުވައި އެ ކޮލެޖްގައި ތަޅުއަޅުވައި ބަންދުކޮށް، ދަރިވަރުން މަގުމަތިކޮށްފައިވާތީ، އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް ސަރުކާރުގެ އެ ޚުދުމުހުތާރު ޢަމަލު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މަންދު ކޮލެޖަކީ އަހަރުތަކެއް ވަންދެން ހިންގަމުން ގެންގޮސްފައިވާ، އަދި މިހާރު 800 އަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ކޮލެޖެއްކަން ފާހަގަކުރަމެވެ. އަދި މާލެއަށް އާދެވޭނޭ ގޮތްތައް ނެތް ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް ވެސް ރަށްތަކުގައި ތިބެގެން ކިޔެވޭނޭ ނިޒާމެއް ޤާއިމުކޮށްދީ، އެގޮތުން ވެސް މަތީ ތަޢުލީމު ފޯރުކޮށްދެމުންދާ ކޮލެޖްކަން ވެސް ފާހަގަކުރަމެވެ.

މަންދު ކޮލެޖުގެ މައްސަލަ މިހާރު ކޯޓުގައި ހިނގަމުން ދަނިކޮށް، އެ މައްސަލަ ނިމުމުގެ ކުރިން ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ރޭގަނޑުގެ ވަގުތުގައި ފުލުހުން ފޮނުވައި، އެ ކޮލެޖްގައި ތަޅުއަޅުވައި ބަންދުކުރި ކުރުމަކީ ސިޔާސީ ގޮތުން ހިންގާފައިވާ ސަރުކާރުގެ ވަރަށް ޚުދުމުހުތާރު ޢަމަލެއްކަމުގައި ދެކެމެވެ. އަދި މިއީ، މަންދު ކޮލެޖްގައި މިހާރު މަތީ ތަޢުލީމު ޙާޞިލުކުރަމުން ގެންދާ 800 އަށްވުރެ ގިނަ ދަރިވަރުންގެ ޙައްޤަށް އެއްގޮތަކަށް ވެސް ބަލައިލުމެއް ނެތި، އެ ދަރިވަރުން ނިކަމެތިކޮށް މަގުމަތިކޮށްލިކޮށްލުމެއްކަމުގައި ދެކެމެވެ. އަދި މިއީ، މަތީ ތަޢުލީމުގެ ފުރުސަތު ލިބުން ކުޑަ ދިވެހި ޒުވާނުންނަށް ސުރުކާރުން އިތުރަށް ކުރިމަތި ކުރުވި ވަރަށް ބޮޑު ބޭއިންސާފަކާއި އަނިޔާއެއްކަމުގައި ވެސް ދެކެމެވެ. ސަރުކާރުގެ ޚުދުމުހުތާރު މިފަދަ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގައި ޒުވާނުން ބިނާ ނުކުރެވި، ޒުވާނުންގެ މުސްތަޤުބަލު ހަލާކުވެ، އަދި ރާއްޖޭގެ ތަރައްޤީ މަޑުޖެހިގެންދާނޭ ކަމެއްކަމުގައިވާތީ، އެކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

ސަރުކާރުގެ ޚުދުމުހުތާރު މިފަދަ ޢަމަލުތައް ވަގުތުން ހުއްޓައިލުމަށާއި، އަދި ދައުލަތުގެ މިނިވަން މުވައްސަސާތަކުން މަންދު ކޮލެޖާއި އެ ކޮލެޖުން މަތީ ތަޢުލީމު ޙާޞިލުކުރަމުން ގެންދާ ދަރިވަރުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި އަވަސް ފިޔަވަޅުތައް އެޅުމަށް އެމް.ޑީ.ޕީ އިން ގޮވައިލަމެވެ.

3 ޖޫން 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް