ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ހުށައަޅާ ޕެޓިޝަން ފޯމްތައް ހިފައިގެން ރައީސް އޮފީހަށް ދިޔަ އެމްޑީޕީ މެންބަރުންނަށް ފުލުހުން ހުރަސްއަޅައިފިއެވެ.
އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި އެކު ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މިއަދު މެންދުރު ފަހު ރައީސް އޮފީހާ ޕެޓިޝަން ފޯމުތައް ހަވާލުކުރުމަށް މަސައްކަތްކޮށްފައެވެ. މި ޕެޓިޝަން ފޯމުތަކުގެ އަދަދު ގިނަ ކަމުން ފޯމުތައް ގެންގޮސްފައި ވަނީ ތަންޑިޔާ ލައިގެންނެވެ.
ފުލުހުން އެމްޑީޕީގެ މެންބަރުންނަށް ފުރަތަމަ ހުރަސްއެޅީ ސޯސަން މަގު ނާދީ ކަންމަތިންނެވެ. ފުލުހުން އެމްޑީޕީގެ މެންބަރުންނަށް ހުރަސް އެޅި ނަމަވެސް އެމްޑީޕީގެ މެންބަރުން އަމީރު އަހުމަދު މަގުން ހުޅަނގަށް ކުރިޔަށް ގޮސް ވެލާނާގެއާ އަރާ ހަމަވިތަނުން، ރައީސް އޮފީހާ މަޝްވަރާކޮށް ޖަވާބެއް ލިބުމުން ނޫނީ އެ ސަރަހައްދަށް ނުދެވޭނެކަމަށް ބުނެ ފުލުހުން ވަނީ އެމްޑީޕީގެ މެންބަރުން ހުއްޓުވާފައެވެ.
ރައީސްއޮފީހުން ޖަވާބެއް ލިބޭނެކަމަށް ފުލުހުން ބުނުމުން އެސަރަހައްދުގައި އެތައް އިރަކު މަޑުކުރުމަށް ފަހު، ޖަވާބެއް ނުލިބުމުން އެމްޑީޕީގެ މެންބަރުން ވަނީ ޕެޓިޝަން ފޯމްތައް ހިފައިގެން އެނބުރި އެމްޑީޕީ އޮފީހަށް އައިސްފައެވެ.
މީގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ޕެޓިޝަން ހުށަ އެޅޭނެކަމަށެވެ.