ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލައި ފުވައްމުލަކުން އެމްޑީޕީއާ ދެ ހާހަށްވުރެ ގިނަ ޕެޓިޝަން ފޯމު ހަވާލުކޮށްފި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި ފުވައްމުލަކުން 2،000 އަށް ވުރެ ގިނަ ޕެޓިޝަން ފޯމު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ހަވާލުކޮށްފިއެވެ.

އެމްޑީޕީގެ ޒުވާނުން ހިއްވަރުގެ ރައީސް މުހައްމަދު އަޒުމީން (އަޒޫ) އާ މި ފޯމުތައް ހަވާލުކުރީ ފުވައްމުލަކުގެ ތިން އަވަށެއްގެ އަންހެނުންގެ ދާއިރާގެ ފަރާތުންނެވެ.

މުޅި ދުނިޔޭގެ ތިމާވެއްޓަށް އަގުހުރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވަމުން ގެންދަވާ ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ފުވައްމުލަކުގެ ހޯދަނޑު އަވަށުގެ އަނބުލެ އަތިރި އާއި، ދިމާ ފަޅު ތެރޭގައި މިއަދު ވަނީ 50 ދައިވަރުންނާ އެކު ޑައިވް އިވެންޓަކާއި ސްނޯކްލިން ފަދަ އިތުރު މޫދު ހަރަކާތްތަކެއް ވެސް ބާއްވާފައެވެ. މީގެ އިތުރުން އަނިޔާވެރި ކަމާއި ދެކޮޅަށް މެއި މަހުގެ 1 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ތައްޔާރު ވަމުންދާ ބޮޑު އެއްވުމަށް ވެސް ފުވައްމުލަކުން ދަނީ ވަރަށް ފޯރިއާ އެކު ތައްޔާރު ވަމުންނެވެ.