ފެންފޯއް ރުއްތައް ކަނޑާލީ ފުލުހުން ކަމަށް ޔަގީންވާ އިތުރު ހެއްކެއް ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް

މާލެ ސިޓީ ކައުންސިލުގެ އިދާރާއިން މާލޭގެ މަގުތައް ފެހި ކުރުމުގެ މަޤްޞަދުގައި އިންދާފައިވާ ފެންފޯއް ރުއްތައް ރެޔެއްގެ ދަންވަރު ބަޔަކު އުފުރާފައިވާ މައްސަލާގައި މަންޒަރު ދުށް ބައެއް ޢާއްމުންގެ ފަރާތުން ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މި ޕާޓީއިން އޭރުވެސް ތުހުމަތުކުރަމުން އައީ އެކަމުގައި ފުލުހުންގެ ބަޔަކު ބައިވެރިވާކަމަށެވެ.
އިއްޔެ 7 މާރޗް 2015 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރީގެ ޑިފެންސް މިނިސްޓަރު ކާރނަލް ރޓޑ މުޙައްމަދު ނާޒީމުގެ މައްޗަށް ދައުލަތުން ކުރާ މަނާ ހަތިޔާރު ގެންގުޅުމުގެ ދަޢުވާގެ ޝަރީޢަތުގެ މަޖިލީހުގައި މާލޭގެ މަގުތަކުގައި އިންދާފައިހުރި ފެންފޯއް ރުއްތައް އުފުރުމުގައި ބައިވެރިވެފައިވަނީ ދިވެހި ފުލުހުން ކަމަށާއި އަދި އެ ކަމުގައި ބައިވެރިވި ބައެއް ފުލުހުންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަމަށް ކާރނަލް ޜޓޑ މުޙައްމަދު ނާޒިމު ވިދާޅުވެފައިވެއެވެ.
ކާރނަލް ރޓޑ މުޙައްމަދު ނާޒިމުގެ ފަރާތުން ޝަރީޢަތުގައި ދައްކަވާފައިވާ ވާހަކަތަކުން ހާމަވެގެންދަނީ ޤާނޫނު ތަންފީޒުކުރުމުގެ ޤާނޫނީ ވާޖިބު މަތިކުރެވިފައިވާ ފުލުހުންގެ ތެރޭގައި ޤާނޫނާއި ޚިލާފު ކަންކަން ކުރާ ބަޔަކު އުޅެމުންދާކަމާއި އަދި އެކަމަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށާއި ރައްޔިތުންގެ ހިތްތަކުގައި ނާމާންކަން އުފެދިގެންދާނެކަމެއް ކަމަށްވާތީ މި ޕާޓީއިން ކަންބޮޑުވުން ފާޅުކުރަމެވެ.
އަދި ދިވެހި ފުލުހުންގެ ތެރެއިން ޤާނޫނާއި ޚިލާފަށް ކަންކަން ކުރުމުގެ ފުރުޞަތު ލިބިގެންދަނީ އެ އިދާރާގެ އިސްވެރިންގެ ޒިންމާދާރުކުޑަކަމުންކަމާއި އެކަމުގެ ޒިންމާ ފުލުހުންގެ އިސްވެރިން ނަންގަވާ އިސްތިއުފާ ދިނުމަށް ގޮވާލަމެވެ.