އަންހެނުންގެ ދުވަސް ފާހަގަ ކުރާއިރު އަންހެނުން 30 އަހަރު ފަހަތަށް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ރޫހުގެ ފަރާތުން މިއަދު މީޑިއާތަކާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަދި އެމް.ޑީ.ޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުޙައްމަދު ވިދާޅުވީ އެމް.ޑީ.ޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ދިވެހި ރައްޔިތުންނަށް އެބައިމީހުންގެ ހައްގުތައް ހޯދައި ދިނުމަށް އަހަރުތަކެއް ކުރިން ކުރެވުނު ބޮޑު މަސައްކަތުން ދިވެހި އަންހެން ކަނބަލުން އެބައިމީހުންގެ ހައްގުތައް ހޯދަން ނިކުމެ ފަހަކާއި ޖެހެންދެން މަސައްކަތްކުރިކަމަށެވެ.
ނަމަވެސް މިއަދު މިފެއްނަނީ އަލުން އަނެއްކާވެސް ކުރީގެ ދިގު ހުދުމުހުތާރުކަމަށް ގައުމު ފުރޮޅި އަންހެން ކަނބަލުންވެސް އަލުން އެބައިމީހުންގެ ހައްގުތައް ހޯދަން ނިކުތުމަށް ފަސްޖެހެމުންދާ ހިތާމަވެރި މަންޒަރެވެ. އަންހެން ކަނބަލުން މިއަދު އަސާސީ ހައްގެއްގެ ގޮތުގައި އޮތް އެއްވެއުޅުމުގެ މިނިވަންކަންވެސް މިއަދު މިވަނީ އެކަނބަލުންގެ އަތުން ނިގުޅައިގަނެ އެކަނބަލުން މަގުމަށްޗަށް އަލުން ނުނިކުމެވޭނެހެން 60 ދުވަސް ޖަހާ ޤާނޫން އަސާސީން ލިބިދީފައިވާ ހައްގެއް ކޯޓުތަކުން ނިގުޅައިގަނެފައެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ގިނަގުނަ ކަންކަމާއި ހިދުމަތްތަގެ ތެރޭންވެސް ވަކިން ހާއްސަކޮށް އެކަނިވެރި މައިނަށް ދެމުންގެންދާ އިނާޔަތްތަކަށް ކުޑަވެސް ބަދަލެއް ނުގެނެސް ކުރިއަށް ގެންދިއުމަށް ސަރުކާރަށް އެމް.ޑީ.ޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ގޮވާލެއްވިއެވެ.