މުޒާހަރާއަށް ހަމަނުޖެހުން އުފެއްދުމަށް ވަންނަ މުޒާހަރާގެ ބައިވެރިން ނޫން މީހުންނާ މެދު ފުލުހުން ފިޔަވަޅު އަޅަމުންނުދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން އިންތިޒާމުކޮށްގެން ރޭގައި މާލޭގައި ބޭއްވި ސުލްޙަވެރި މުޒާހަރާގެ ތެރެއަށް، އެ މުޒާހަރާގެ ބައިވެރިން ނޫން ބަޔަކު މޫނު ނިވާކޮށްގެން މުޒާހަރާގެ ތެރެއަށް ވަދެ، މަސްލަޙަތު ނަގާލައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކޮށްފައިވާއިރު، އަދި ފުލުހުން ވެސް އެކަން ހާމަކޮށްފައިވާއިރު، އެފަދަ އެއްވެސް މީހަކު ހިފާ ހައްޔަރުކޮށް ފިޔަވަޅު އަޅާފައިނުވާތީ މި ޕާރޓީން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ.

ސުލްޙަވެރި މުޒާހަރާތައް ބޭއްވުމުގައި އެއްބާރުލުންދީ އަދި މުޒާހަރާގެ ބައިވެރިން ނޫން މީހުން ހަމަނުޖެހުން އުފެއްދުމަށް ކުރާ ކަންތައްތަކުގެ ކިބައިން މުޒާހަރާގެ ބައިވެރިން ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަކީ ފުލުހުންގެ މައްޗަށް ޤާނޫނުން ލާޒިމުކުރާ ކަމެކެވެ. އަދި މޫނު ނިވާކޮށްގެން މުޒާހަރާގެ ތެރެއަށް ވަދެ، ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ މުޒާހަރާގެ ބައިވެރިން ނޫން މީހުންގެ ތެރެއިން އެއްވެސް މީހަކު ހިފާ ހައްޔަރު ނުކުރާކަމީ ފުލުހުންގެ ވާޖިބު އަދާނުކުރުންކަމުގައި ދެކެމެވެ. އަދި އެއީ ފުލުހުންގެ އިންޓެގްރިޓީއާމެދު ސުވާލުއުފެދޭ ކަމެކެވެ.

ރޭގެ މުޒާހަރާގެ އިތުރުން މިދިއަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ މަޖީދީމަގުގައި ސުލްޙަވެރިކަމާއެކު އިޙްތިޖާޖުކުރަމުން ދިއަ ރައްޔިތުންގެ ތެރެއަށް، އެ އިޙްތިޖާޖުގެ ބައިވެރިން ނޫން ބަޔަކު ލަޓިބުރި ހިފައިގެން ވަދެ މީހުންނަށް ޙަމަލާދީ އަދި ތަކެއްޗަށް ގެއްލުންދީފައިވާއިރު، އަދި ފުލުހުން އެމީހުން ހިފެހެއްޓުމަށް ފަހު ވެސް އޭގެތެރެއިން އެކަކު ވެސް ޙައްޔަރުކޮށްފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ހަމައެފަދައިން، ސަރުކާރުން އިންތިޒާމުކޮށްގެން ސަރުކާރުގެ ވެރިން އިސްކޮށް ތިއްބަވައިގެން މިދިއަ ފެބްރުއަރީ 19 ވަނަ ދުވަހު ބޭއްވި ސިޔާސީ ހިނގާލުމުގައި ބައިވެރިވި ބައެއް މީހުން ލަޓިބުރި ތަކާއެކު މޫނު ނިވާކޮށްގެން ތިބި އިރު، ފުލުހުން އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމާއި އަދި އެއީ ސުލްޙަވެރި ސިޔާސީ ހިނގާލުމެއް ނޫންކަމަށް ހާމަކުރުމަށް ފުލުހުން ފަސްޖެހިފައިވާކަން ފާހަގަކުރަމެވެ. މި ތަފާތުކުރުންތައް މިގޮތަށް ހުރުމުންނާއި، އަދި ޤާނޫނާ ޚިލާފަށް މޫނު ނިވާކޮށްގެން ތިބޭކަމަށް ފުލުހުން ބުނާއިރު، ފުލުހުން އެއިން އެއްވެސް ފަރާތެއް ހައްޔަރުކޮށް ނުވަތަ ފިޔަވަޅު އެޅުމުގެ ބަދަލުގައި ސުލްޙަވެރިކޮށް ތިބޭ މީހުން ހިފާ ހައްޔަރުކުރާކަމީ ފުލުހުން ޤާނޫނާ އެއްގޮތަށް ޢަމަލު ނުކުރާކަމުގެ ހެއްކެކެވެ. އަދި އެކަމަކީފުލުހުންގެ އިންޓެގްރިޓީއާއި އިތުބާރު ގެއްލިދާކަމެކެވެ.

އެހެންކަމުން ފުލުހުންގެ މިފަދަ ޢަމަލުތައް ބައްލަވައިދިނުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް މި ޕާރޓީން ގޮވައިލަމެވެ.

7 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް