ނޫސްވެރިންނަށް ގޯނާކުރުން ހުއްޓައިލުމަށް ގޮވައިލުން

އެމް.ބީ.ސީ ގެ މުވައްޒަފު އަދި ޓީވީއެމް ގެ ނޫސްވެރިޔާޢަލީ ޝާމިނަށް ޤާނޫނު އަސާސީން ލިބިގެންވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެތެރެއިން ކުރެއްވި ޓްވީޓްތަކަކާ ގުޅުވައިގެން، އެމް.ބީ.ސީ ގެ ޤާނޫނާ ކަނޑައެޅިގެން ޚިލާފަށް އެ ނޫސްވެރިޔާ ސަސްޕެންޑްކޮށްފައިވާތީއާއި، އަދި ރާއްޖެޓީވީ ގެ ވީޑިއޯ ޖާރނަލިސް މުޙައްމަދު ވިސާމަށް އަނިޔާވާގޮތަށް ފުލުހުން އޭނާ ކޮށްޕައި ބިންމައްޗަށް ވައްޓާލާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ޢަމަލުތައް އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރެސީއެއް ދެމިއޮތުމުގެ މައިގަނޑު އެއް ތަނބުކަމުގައިވާއިރު، ރާއްޖޭގެ ނޫސްވެރިންނަށާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް މިފަދައިން ބިރުދައްކައި، ގޯނާކޮށް އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަކީ މި ޕާރޓީން އެއްވެސް ގޮތަކުން ބަލައިގަންނާނެ ކަމެއް ނޫނެވެ.

ސަރުކާރާއި އަދި އެކިއެކި ފަރާތްތަކުން ނޫސްވެރިންނަށް ބިރުދައްކައި ގޯނާކުރާހިނދު، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ވަގަށްނެގިފަހުން މިހާރު200ދުވަސް ފަހަނާޅައި ގޮސްފައިވާއިރު، ސަރުކާރުން އެމައްސަލަ ބެލުމަށް އިންކާރުކޮށް އެކަމުގައި ސަރުކާރު އިޙްމާލުވެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ރާއްޖެޓީވީ އަންދައިލި މައްސަލައާއި އިބްރާޙިމް ވަޙީދު (އަސްވާޑް) އަށް މަރުގެ ޙަމަލާދިން މައްސަލައާއި އަދި މިނޫންވެސް މީޑިއާތަކާއި ނޫސްވެރިންނަށް ދެމުންދާ ޙަމަލާތަކާއި މަރުގެ އިންޒާރުތަކާއި ގޯނާކުރުމުގެ މައްސަލަތައް ސަރުކާރުން ބަލައި އިންސާފު ހޯދައިނުދޭކަން މިފުރުސަތުގައި ވެސް ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މިފަދަ ކަންކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން 2008ވަނަ އަހަރުގެ ކުރިން އޮތް ދަރަޖައާއި ގާތަށް އަލުން ދަށަށް ވެއްޓިފައިވާކަން ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމާބެހޭ ޖަމިއްޔާތަކުން ދަނީ ފާހަގަކުރަމުންނެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލުމަށް ސަރުކާރުންނާއި ބައެއް ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތް ވަގުތުން ހުއްޓައިލުމަށް އެމް.ޑީ.ޕީ އިން ގޮވައިލާހިނދު، ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާޢުގައި މިޕާރޓީ އަބަދުވެސް ދެމިއޮންނާނޭކަމުގެ ޔަޤީންކަން އެންމެހައި ނޫސްވެރިންނަށާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް އަރުވަމެވެ.

25ފެބްރުއަރީ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް