ޕީ.ޕީ.އެމް ގެ ޖަލްސާތަކަށް ދިއުމަށް ސަރުކާރުގެ ކުންފުނިތަކާއި މުވައްސަސާތަކުގެ މުވައްޒިފުންނަށް އަންގައި މަޖުބޫރުކުރުވަމުންދާ ދިއުން ހުއްޓައިލުމަށް ގޮވާލުން

ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާރޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) އިން ބާއްވާ އާންމު ޖަލްސާތަކަށް ދިއުމަށް ސަރުކާރުގެ ކުންފުނިތަކާއި އެކިއެކި މުވައްސަސާތަކުގެ މުވައްޒިފުންނަށް ސަރުކާރުން އަންގައި މަޖުބޫރުކުރުވަމުންދާ ދިއުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ސަރުކާރުން އެފަދަ އެންގުންތައް އަންގައި މުވައްޒަފުންނަށް މަޖުބޫރުކުރުވުމަކީ ޤާނޫނު އަސާސީއާއި އަދި ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފު ޢަމަލެކެވެ. އަދި އެފަދަ އެންގުންތަކާ އެއްގޮތަށް ޕީ.ޕީ.އެމް ގެ ޖަލްސާތަކަށް ޙާޟިރުނުވާ މުވައްޒަފުންނާމެދު ފިޔަވަޅުއަޅައި ނުވަތަ ވަޒީފާއިން ވަކިކުރާނޭ ކަމުގެ ބިރު، އެ މުވައްޒަފުންނަށް އޮތްކަމެކެވެ. އަދި ވަޒީފާގެ ބިރު އެފަދައިން ދެއްކުމަކީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފުކަމެކެވެ.

ސަރުކާރުގެ މި ޢަމަލަކީ ރައްޔިތުންގެ ތާޢީދު ސަރުކާރަށް ނެތުމުން ހިންގާ ނާތަހުޒީބު އަދި ދަށުދަރަޖައިގެ ޢަމަލެއްކަން ފާހަގަކުރަމެވެ. އަދި ޕީ.ޕީ.އެމް ގެ ޖަލްސާތަކަށް ނުދިއުމުގެ ސަބަބުން އެއްވެސް މުވައްޒަފަކާމެދު އެއްވެސް ފިޔަވަޅެއް އަޅައި ނުވަތަ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވިގެން ނުވާނެއެވެ. އެފަދައިން ފިޔަވަޅުއެޅޭ ފަރާތްތަކުގެ ދިފާއުގައި އެމް.ޑީ.ޕީ ސާބިތުކަމާއެކު ދެމިއޮންނާނޭކަމުގެ ޔަޤީންކަން އެފަރާތްތަކަށް މިފުރުސަތުގައި އަރުވަމެވެ.

ޕީ.ޕީ.އެމް ގެ ޖަލްސާތަކަށް ޙާޟިރުވުމަށް ސަރުކާރުގެ ކުންފުނިތަކާއި އެކިއެކި މުވައްސަސާތަކުގެ މުވައްޒިފުންނަށް ސަރުކާރުން އަންގައި މަޖުބޫރުކުރުވަމުންދާ ދިއުން މިހާރުން މިހާރަށް ހުއްޓައިލުމަށް ސަރުކާރަށް މި ޕާރޓީން ގޮވާލަމެވެ.

19 ފެބްރުއަރީ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް