އެމްޑީޕީ މެންބަރުންގެ އަދަދު ސާޅީސް ހާހަށް އަރައިފި

21 ސެޕްޓެމްބަރ 2010

ލިޔުނީ: ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންގެ އަދަދު 40،000 އަށް އަރައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ކޮމިޝަނުގައި އޮންނަ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ އެމްޑީޕީގެ ސައްޙަ މެންބަރުންގެ ޢަދަދަކީ 40،919 އެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް ވިދާޅުވީ މިއީ އެމްޑީޕީގެ ރެޖިސްޓްރޭޝަންގައި މަސައްކަތްކުރައްވާ ފަރާތްތަކާއި، އެމްޑީޕީ ސެކްރެޓޭރިއަޓްގެ މުޥައްޒަފުންނާއި، ކޯރޑިނޭޓަރުންނާއި، ރަށްރަށުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ ބުރަ މަސައްކަތުން ހާސިލްކުރެވުނު ކާމިޔާބީއެއް ކަމަށާއި، އެކަމަށްޓަކައި އެފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުދަންނަވާ ކަމަށެވެ.
އެމްޑީޕީގެ މެންބަރޝިޕް މިހާ ހަލުވި ކަމާއެކު އިތުރުވަމުން ދިއުމުގެ މައިގަނޑު އެއް ސަބަބަކީ ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން، ޚާއްސަކޮށް ބިންހިއްކުމާއި ގުޅީފަޅު ޕްރޮޖެކްޓްފަދަ ޕްރޮޖެކްޓްތަކުގެ މަސައްކަތްދާ ހަލުވި މިނުގެ ސަބަބުން، މި ސަރުކާރަށް ދިވެހިރައްޔިތުންކުރާ އިތުބާރު ބޮޑުވަމުން ދިއުންކަން ވެސް ޝާހް ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ މެންބަރުންގެ އަދަދު މިހާ ބޮޑަށް މަތިވެފައި މިވަނީ މި ސެޕްޓެމްބަރު މަހުގެ 24 ވާ ހުކުރު ދުވަހު އެޕާޓީގެ ދާއިރާތަކުގެ އިންތިޚާބު ބޭއްވުމާ ދިމާކޮށްކަން ވެސް ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން ފެށިގެން އިރުއޮއްސި 7.00 އާ ހަމައަށެވެ. މިއިންތިޚާބަކީ އެސްއެމްއެސް މެދުވެރިކޮށް ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ އިންތިޚާބެވެ. މިއިންތިޚާބުގެ ވޯޓުލުން މާލޭގައި އޮންނާނީ ކަލާފާނު ސްކޫލުގައި ކަމަށާއި، މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއިންތިޚާބުގެ ވޯޓުލުން އެދުވަހު ކުރިޔަށްދާނޭ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މާލޭގެ ދާއިރާތަކާއި، މާލޭގައި ދިރިއުޅުއްވާ އަތޮޅުތަކުގެ ރައްޔިތުންނަށް ކަލާފާނު ސްކޫލުގައި ހުޅުވިފައިވާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއިންތިޚާބުގެ ވޯޓުލުން 24 ސެޕްޓެމްބަރ 2010 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 2.00 އިން ފެށިގެން ރޭގަނޑު 7.00 އާ ހަމަޔަށް ކުރިޔަށްދާނޭ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.