ރައީސް ނަޝީދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުން ރާއްޖެއަށް އިތުރު މައްޝޫރުކަން ހޯއްދަވައިދެއްވުމާއެކު އެނބުރި ވަޑައިގަތްގަތުމަށް އެމް.ޑީ.ޕީ އިން މަރުޙަބާ ދެންނެވުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުން ރާއްޖެއަށް އިތުރު މައްޝޫރުކަމާއި ރީތި ނަން ހޯއްދަވައިދެއްވުމާއެކު 11 ނޮވެމްބަރ 2014 ވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަތްގަތުމަށް އެމް.ޑީ.ޕީ އިން ހޫނު މަރުޙަބާއެއް ދަންނަވަމެވެ.

ރައީސް މުޙައްމަދު ނަޝީދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރެއްވުމުގައި ދުނިޔެއިން ފާހަގަކޮށްލެވޭ ޝަޙުސިއްޔަތުތަކަށް ޚާއްޞަކުރެވިގެންދެވޭ މައްޝޫރު އެވޯޑް، ‘ސިލްވިއާ އާރލް މިޝަން ބްލޫ އެވޯޑް 2014’ ވަނީ، ފްލޮރިޑާގެ ސޭންޓް ޕީޓަރސްބާރގުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމަނިކުފާނަށް އަރުވާފައެވެ. މިއަހަރުގެ އެވޯޑު ރައީސް ނަޝީދަށް ދެއްވުމަށް މިޝަން ބްލޫ އިން ނިންމާފައިވަނީ އެމަނިކުފާނު ތިމާވެށި ހިމާޔަތްކުރެއްވުމަށާއި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރައްވަމުން ގެންދަވާ މަސަކަތްޕުޅުތަކަށް ބަލައިފައެވެ.

އަދި ހަމަ އެފަދައިން ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ ޝަރަފަށްޓަކައި ފްލޮރިޑާގެ ސޭންޓް ޕީޓަރސްބާރގުގެ މޭޔަރ ރިކް ކްރިސްމަންގެ އަތްޕުޅުން އެމަނިކުފާނަށް ވަނީ ސޭންޓް ޕީޓަރސްބާރގުގެ ތަޅުދަނޑި އަރުވައިފައެވެ.

އަދި މިދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ ތިމާވެއްޓާ ގުޅޭ ޚާއްޞަ ތަޤުރީރެއް ފްލޮރިޑާގެ އެކަރޑް ކޮލެޖްގައި ދެއްވައިފައެވެ. އަދި ޑޮކްޓަރ ސިލްވިއާ އާރލް އާއި ރައީސް ނަޝީދާ ދެބޭފުޅުން ވަނީ ބްލޫ އޯޝަން ފިލްމް ފެސްޓިވަލުގައި ސުވާލާއި ޖަވާބުގެ ސެޝަނެއް ބާއްވަވައިފައެވެ. ހަމަ އެއާއެކު އެމަނިކުފާނު ވަނީ ޔުނިވާރސިޓީ އޮފް ސައުތު ފްލޮރިޑާގެ ދަރިވަރުންނާ ބައްދަލުކުރައްވައި ސުވާލާއި ޖަވާބުގެ ސެޝަނެއް ވެސް ބާއްވަވައިފައެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެމެރިކާގެ މައްޝޫރު ބައެއް ރޭޑިއޯ ތަކުންނާއި ނޫސްތަކުން އެމަނިކުފާނުގެ ބަސްދީގަތުން ހޯދާފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތަކާމެދު ރައީސް ނަޝީދު ވަކާލާތުކުރައްވައި، އަދި އެރޮނގުން ބައިނަލްއަޤުވާމީ ފެންވަރުގައި އެމަނިކުފާނު އަދާކުރައްވާ އިސް ދައުރުގެ ސަބަބުން، އެމަނިކުފާނު ބައިނަލްއަޤުވާމީ ދުނިޔޭގައި ނަން މައްޝޫރު އަދި މަޤުބޫލު ލީޑަރަކަށް ވެވަޑައިގަތުމާގުޅިގެން، އެމަނިކުފާނަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުންނާއި ޖަމާއަތްތަކުން މިފަދަ ޝަރަފުވެރި އިނާމުތައް ލިބިވަޑައިގަތުމަކީ މުޅި ރާއްޖެއަށް ލިބޭ މައްޝޫރުކަމަކާއި ޝަރަފެއްކަމުގައި މިޕާރޓީން ދެކެމެވެ. އަދި އެމަނިކުފާނުގެ މި މުޙިއްމު މަސައްކަތްޕުޅަށް އިތުރު ކާމިޔާބީއަށް މި ޕާރޓީން އެދެމެވެ.

12 ނޮވެމްބަރ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓް