އެމްޑީޕީ އައްޑޫ ސިޓީ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ އޮފީސް ރޯކޮށްލާ، އެމްޑީޕީގެ ޖަލްސާއަށް ހުރަސް އެޅުމަށް ބަޔަކު ކުރި މަސައްކަތް ކުށްވެރިކުރުން

noosbayan

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ އޮފީހަށް ރޭ ގާތްގަނޑަކަށް 11:30 ހާއިރު ު ހަމަލާދީީ އަލިފާން ރޯކޮށްލާ، އައްޑޫ ސިޓީގެ ފޭދޫގައި އެމްޑީޕީން ބޭއްވި ބިޔަ ޖަލްސާގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ހަމަނުޖެހުން ހިންގާފައިވާތީ، އެކަން އެންމެ ހަރުކަށި އިބާރަތުން މި ޕާޓީން ކުށްވެރިކޮށް، އެކަމުގައި ޒިންމާވާ ފަރާތްތައް ތަފާތުކުރުމެއް ނެތި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރަށް މި ޕާޓީން ގޮވާލައެވެ.

ރޭގައި ހިނގާދިޔަ މިކަންކަމަކީ، ޤާނޫނު އަސާސީން ލިބިދީފައިވާ ސިޔާސީ ޕާޓީ ހިންގުމާއި، ޚިޔާލުފާޅުކުރުމުގެ ހައްޤަށް ހުރަސްއެޅޭ ފަދަ ނާތަހުޒީބު ކަންކަމެވެ. މި ފަދަ ކަންކަން ތަކުރާރުކޮށް އެމްޑީޕީއަށް އަމާޒުވަމުންދަނީ، އެމްޑީޕީގެ މަޤްބޫލުކަން ފެންނަމުންދާތީ، ޕާޓީއާއި އިދިކޮޅު ފަރާތްތަކުން އެފަދަ ކަންކަމަށް ހިތްވަރުދެމުން ގެންދާތީކަމުގައި މި ޕާޓީން ދެކެއެވެ.
އެމްޑީޕީގެ ޤައުމީ އިދާރާގައި އަލިފާން ރޯކޮށްލާ، އެތަނުގެ ބިއްލޫރިތައް ތަކުރާރުކޮށް ތެޅުމަށްފަހު، އެމްޑީޕީ އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ އޮފީހުގައި އަލިފާން ޖެހުން ފަދަ ކަންކަމުގެ ސަބަބުން ރައްޔިތުން ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ހަމައެހެންމެ، ކުރިއެކޭ އެއްފަދައިން ސިޔާސީ ހަރަކާތް ހިންގުމަށް ބަޔަކު އަޑީގައި ތިބެގެން ހުރަސްއަޅާ ހުއްޓުވުމުގެ ސަޤާފަތް ރާއްޖޭގައި މިވަނީ އިޢާދަވެފައިކަން މިފަދަ ކަންކަމުން ހާމަވެ، ޔަޤީންވެއެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް ޓަކައި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުރައްކާތެރި ހަމަލާތަކެއް އަމާޒުވަމުން ދިޔަ ނަމަވެސް، މަޤްބޫލުކަމާއި ތާއީދަކީ، ލަޓިބުރިންނާއި ބިރުދެއްކުމުން ހޯދޭނެ އެއްޗެއް ނޫންކަމުގައި ޕާޓީއާއި އިދިކޮޅު ފަރާތްތަކަށް ދަންނަވަމެވެ. އަދި އެންމެހާ ގޮންޖެހުންތަކާއި، ނުރައްކަލުގެ ތެރޭގައިވެސް ޕާޓީގެ ހިންގުމަށް، ޕާޓީގެ ހަރަކާތްތަކަށް އެއްވެސް މަޑުޖެހުމެއް ނާންނާނެކަމުގެ ޔަޤީންކަން ޕާޓީގެ ލޮބުވެތި މެމްބަރުންނަށް އަރުވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެތޭރިއަޓް