އައިސިސް ގެ މައްސަލާގައި އިސްލާމިކު މިނިސްޓަރ މުޙައްމަދު ޝަހީމު ވިދާޅުވި އިޚްލާޞްތެރިކަން ކުޑަ ވާހަކަފުޅު ކުށްވެރިކުރުން

noosbayan

އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސީރިއާ (އައިސިސް) ގެ ނަމުގައި ޙަރަކާތްތެރިވާ ހައްދުފަހަނާޅާފައިވާ މީހުންގެ ފިކުރާ ޙަރަކާތްތަކަށް ދިވެހިރާއްޖޭގައި އެއްވެސް ޖާގައެއް ނުދެއްވާނޭކަމަށް އިސްލާމިކް މިނިސްޓަރ ޝެއިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިނަމަވެސް އެވާހަކަފުޅާ ޚިލާފަށް އެމަނިކުފާނާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މިހާރު މިއޮތް ސަރުކާރުން ދެފުއް ދެގޮތް ސިފަތައް ދައްކަވަމުން ގެންދަވާތީ، އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ދިވެހި ރާއްޖޭގައި އެކިއެކި ސިފަ ސިފާގައި ޓެރަރިޒަމާ ގުޅުންހުރި ކަންކަމާއި ހައްދުފަހަނާޅާފައިވާ ކަންކަން ހިންގައި، ދީނީގޮތުން ނަފުރަތާއި ފިތުނަ ފުޅާ މިނެއްގައި އުފައްދައި، އަދި ދީނީ ކަންކަމާ ގުޅުވައި އެކި ފަރާތްތަކަށް މަރުގެ އިންޒާރުތައް ދޭދިނުން އިތުރުވަމުން ދާކަން ފާހަގަކުރެވިފައިވާއިރު ވެސް، މިކަމުގައި އިސްލާމިކް މިނިސްޓަރާއި އަދި މި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އަދި މިރާއްޖޭގައި ހިނގާ “ގޮތްނޭގޭ” މަރުތަކުގެ ޙަޤީޤަތް، ރާއްޖޭގެ ތަޙްޤީޤްކުރާ ފަރާތްތަކުން ހޯދަމުން ނުދާކަމާއި، މިގޮތުން ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ ޙަޤީޤީ ޤާތިލުން ހޯދުމަށް ވެސް މިހާތަނަށް މަސައްކަތްކޮށްފައިނުވާކަން ފާހަގަކުރަމެވެ. ހަމައެއާއެކު ޑޮކްޓަރ އަފްރާޝީމް ޢަލީ ގެންގުޅުއްވި ދީނީ މެދުމިނުގެ މިންގަނޑަށް ވަރަށް ބޮޑަށް ފާޑުވިދާޅު އެމަނިކުފާނަށް އެކިއެކި ގޯނާތައް ކުރި ފަރާތްތަކެއްވެސް ވާކަން އެނގިފައިވެއެވެ. ހަމައެފަދައިން އެމަނިކުފާނު އަވަހާރަކޮށްލުމުގެ ކުރީ ރޭ ޓީވީ ޕްރޮގްރާމެއްގައި ދީނީ ގޮތުން ހައްދުފަހަނާޅާފައިވާ ފިކުރާ އެއްގޮތަށް އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް އެމަނިކުފާނަށް ކޮންމެވެސް ފަރާތަކުން މަޖުބޫރުކުރުވާފައިވާކަން ދޭހަވާ މޭރުމުން އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާކަން ވެސް އެނގެން އޮތްކަން ފާހަގަކުރަމެވެ. ނަމަވެސް އެމަނިކުފާނު އަވަހާރަކޮށްލުމުގެ ޙަޤީޤަތް ސަރުކާރުން މިއަދާ ހަމައަށް ވެސް ހޯއްދަވާފައި ނުވެއެވެ.

އަދި ދިވެހިރާއްޖެއިން ބޭރުގައި ދިވެހިންގެ ހަނގުރާމަވެރި ބަޔަކު، ހަނގުރާމަވެރި ޖަމާޢަތްތަކާއެކު ހަނގުރާމައިގައި ބައިވެރިވެ ޙަރަކާތްތެރިވަމުންދާކަމާއި، އަދި ބޭރުގައި ހިންގާ ޓެރަރިޒަމަށް ފައިސާ ޖަމާކުރާތަނެއްގެ ގޮތުގައި ރާއްޖެ ވަމުންދާކަން ވެސް ހާމަވެފައިވެއެވެ. އަދި މިކަން ދާދިފަހުން އެމެރިކާގެ ސްޓޭޓް ޑިޕާރޓްމަންޓުގެ “ކަންޓްރީ ރިޕޯރޓްސް އޮން ޓެރަރިޒަމް 2013” ގައި ވެސް ފާހަގަކޮށްފައިވެއެވެ. މި ޕާރޓީން ޤަބޫލުކުރާގޮތުގައި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން އެ ޢަމަލުތައް ހިންގަނީ އެފަދަ ހިތްތަކަށް ހިތްވަރުދީ، ބާރުއަޅާ އަދި އެހީތެރިވެދޭ ބޭރުގެ ފަރާތްތަކެކޭ އެއްފަދައިން ދިވެހިން ވެސް ޝާމިލުވެގެންނެވެ. އަދި އެފަރާތްތަކުން އެފަދަ ޢަމަލުތައް ހިންގަނީ އެކަމަށް ބޭނުންވާ ފައިސާއާއި ތަމްރީނުލިބި، ރޭވިގެންވާ އިންތިޒާމެއްގެ ދަށުންކަން ވެސް ޤަބޫލުކުރެވެއެވެ. އަދި މިކަން ހުއްޓުވުމަށް ވެސް މި ސަރުކާރުން އެޅުއްވި އެއްވެސް ފިޔަވަޅެއް ފެންނަން ނެތްކަން ފާހަގަކުރަމެވެ.

ހަނގުރާމަވެރި އަދި ހައްދުފަހަނާޅާފައިވާ ޢަމަލުތައް ހިންގާ ދިވެހިން އެފަދަ ޢަމަލުތައް ހިންގުމުގައި އިންތިޒާމުވެގެން ޙަރަކާތްތެރިވުމަށް ހިތްވަރަކަށް ވެފައިވަނީ ސިޔާސީ ބޭނުމަކަށްޓަކައި އެކަމުގައި ބައެއް ސިޔާސީ ވެރިންގެ ބައިވެރިވުމުންނާއި، 23 ޢިއްތިޙާދުގެ ނަމުގައި ޙަރަކާތެރިވި ފަރާތްތަކުންނާއި، މިހާރުގެ ސަރުކާރުގެ ނައިބު ރައީސް ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙުމަދު، ދީނުގެ ނަމުގައި ފިތުނަ އުފެއްދުމަށް ބެއްސެވި ލުއި ފޮތް ފަދަ ތަކެތިންނާއި އަމަލުތަކުންނެވެ. ހަމައެފަދައިން ސިފައިންނާއި ފުލުހުންގެ އިސްވެރިން ހައްދުފަހަނަ އަޅާފައިވާ އަމަލުތައް ކުރިއެރުވުމަށް ބައިވެރިވެފައިވާ މިންވަރުންނާއި، ސިފައިންނާއި ފުލުހުންގެ ތަމްރީނުތަކުގައި ރޭވިގެން އިންތިޒާމެއްގެދަށުން އެފަރާތްތައް ބައިވެރިކޮށް ހަނގުރާމައަށް ތަމްރީނުކުރުވާ ކުރުމުންނާއި، ދީނާއި ޤައުމުގެ ނަމުގައި ކުރި ޙަރާމް ބަޣާވާތުގެ ސަބަބުން ވެސް އެފަރާތްތަކަށް ހިތްވަރަކަށްވެފައިވާކަން ފާހަގަކުރަމެވެ.

އަދި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ނަމުގައި މިހާރު މަޝްހޫރުވެ، ޙަރަކާތްތެރިވަމުންދާ ހައްދުފަހަނާޅާފައިވާ ޖަމާޢަތުގެ ހައްދުފަހަނާޅާފައިވާ ޙަރަކާތްތައް ހިންގުމުގައި އެމީހުން ދީނީގޮތުން ނިވާފަތްގަނޑަކަށް ބޭނުންކުރާ، ޝަހާދަތުގެ ދެކަލިމަ ވަކި ފޮންޓަކުން ލިޔެފައި އޮންނަ ލޯގޯ ނުވަތަ ދިދަ، ހަމަ މިދުވަސްވަރާ ދިމާކޮށް ރާއްޖޭގައި ވެސް ބައެއް ފަރާތްތަކުން މުޒާހަރާ ކުރުމުގައި ބޭނުން ކުރަމުންދާއިރު ވެސް އިސްލާމިކް މިނިސްޓަރާއި އަދި މި ސަރުކާރުން އެކަމާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާކަން ފާހަގަކުރަމެވެ. ހަމަ އެފަދައިން އިސްލާމިކް ސްޓޭޓް (އައިއެސް) އިން މިދެންނެވި ލޯގޯ ޖެހި ދިދަ ނިވާފަތްގަނޑަކަށް ހަދައިގެން ހައްދުފަހަނާޅާފައިވާ އަމަލުތައް ހިންގަމުންދާކަން މަޝްހޫރުވެފައިވަނިކޮށް، ހަމަ މިދުވަސްވަރާ ދިމާކޮށް އެ ލޯގޯ ޖެހި ބެނާތައް ދަމައި، އިސްތިހާރުކޮށްގެން ދީނީ ދަރުސު ބޭއްވުމަށްޓަކައި، މަގުސަދު ނުބައްލަވައި، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމް، އިސްލާމިކް މިނިސްޓްރީން ދޫކޮށް، އިންތިޒާމުކޮށްދެއްވާފައިވާކަން ފާހަގަކުރަމެވެ. އަދި މި ބެނާތައް ދެމުމުގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް ފަރާތްތައް ޙަރަކާތްތެރިވިކަން އެނގިފައިވެއެވެ.

އަދި މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް، ދިވެހިންގެ ހަނގުރާމަވެރި ބަޔަކު، ހަނގުރާމަވެރި ޖަމާޢަތްތަކާއެކު ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވަމުންދާ މައްސަލައާ ގުޅިގެން މީޑިއާގައި ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ވާހަކަފުޅު ދައްކަވާފައިވާކަން ފާހަގަކުރަމެވެ. އެގޮތުން ބޭރުގެ ހަނގުރާމަވެރި ޖަމާޢަތްތަކާއެކު ހަނގުރާމާގައި ބައިވެރިވުމަށް ސަރުކާރުން ދިވެހިން ނުފޮނުއްވާކަމަށާއި، އެކަމާމެދު ސަރުކާރުން ކުރާނެކަމެއް ނެތްކަމަށާއި އަދި އެފަދަ ފަރާތްތަކުން އެ ޢަމަލުތައް ހުއްޓާލުމުން މެނުވީ އެކަން ނުހުއްޓޭނޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަން ފާހަގަކުރަމެވެ.

މިކަން މިހެން އޮތުމުން، އިސްލާމިކް މިނިސްޓަރ ޝެއިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މިހާރު މިއޮތް ސަރުކާރުގެ ވާހަކަފުޅުތަކުގެ އިޚްލާޞްތެރިކަމެއް ނެތްކަން ހާމަވެ އެނގެއެވެ.

25 އޯގަސްޓް 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް