އެމް.ޑީ.ޕީގެ ސަރުކާރުގައި މާލެ ސިޓީ ކައުންސިލާއި ޓަޓްވާ ގްލޯބަލް ރިނިޔުބަލް އެނަރޖީ މޯލްޑިވްސް އާ ދެމެދު 15 މޭ 2011 ގައި ވެފައިވާ ކޮންސެޝަން އެގްރީމެންޓަކީ ކުނި ނައްތާލުމަށް ޤާއިމުކުރި އެންމެ ހަރުދަނާ ނިޒާމު

noosbayan

ތިލަފުށީގައި އަންދާ ކުނީގެ ސަބަބުން އަރާ ދުމުގެ މައްސަލައާ ގުޅިގެން މާލެއާއި އަދި މާލެ ކައިރި ސަރަޙައްދުތަކަށް ކުރިމަތިވަމުންދާ އުނދަގޫތަކާއި ސިއްޙީ މައްސަލަތަކާމެދު ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވީހިނދު، އެކަމަށް ޙައްލު ހޯދޭނެގޮތަކާމެދު 1 ޖުލައި 2014 ވަނަ ދުވަހު ބޭއްވުނު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ހިންގާ ކޮމެޓީ ގެ 170 ވަނަ ބައްދަލުވުމުގައި މި ޕާރޓީން ދެކޭގޮތް ވަނީ ނިންމިފައެވެ.

ހިންގާ ކޮމެޓީއަށް ފާހަގަކުރެވުނީ ދުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުނި ނައްތާލެވޭ ގޮތަށް ހަރުދަނާ ބަދަލެއް ގެނެވެން ޖެހޭކަމާއި، އަދި އެފަދަ އެންމެ ރަނގަޅު ބަދަލެއް ނުވަތަ އުސޫލެއް މިހާތަނަށް ވެސް ހުށަހަޅައި ތައްޔާރީތައް ވެފައިވަނީ އެމް.ޑީ.ޕީގެ ސަރުކާރުގައިކަމެވެ. އެގޮތުން އެމް.ޑީ.ޕީގެ ސަރުކާރުގައި މާލެ ސިޓީ ކައުންސިލާއި ޓަޓްވާ ގްލޯބަލް ރިނިޔުބަލް އެނަރޖީ މޯލްޑިވްސް އާ ދެމެދު 15 މޭ 2011 ގައި ވެފައިވާ ކޮންސެޝަން އެގްރީމެންޓަކީ ކުނި ނައްތާލުމުގައި އަމަލުކުރުމަށް މިހާތަނަށް ހޯދިފައި އޮތް އެންމެ ރަނގަޅު އަދި އެންމެ ހަރުދަނާ އުސޫލުކަމުގައި ދެކެމެވެ.

އެ ކޮންސެޝަން އެގްރީމެންޓަކީ ޕަބްލިކް ޕްރައިވެޓް ޕާރޓްނަޝިޕްގެ އުސޫލުން، ތިލަފުއްޓާއި މާލެއާއި ވިލިގިއްޔާއި ހުޅުމާލޭގެ އިތުރުން ކާފުއަތޮޅާއި ވާވުއަތޮޅާއި އއ. އަދި އދ އަތޮޅުގެ ރިސޯޓުތައް ވެސް ހިމެނޭގޮތުން ލާމެހިފައިވާ ކުނި ނައްތާލާ ނިޒާމެއް ޤާއިމުކުރަންޖެހޭގޮތަށް އެކުލަވާލެވިފައިވާ އެގްރީމެންޓެކެވެ. އެ ނިޒާމު ޤާއިމުކޮށްފައިވަނީ ކުނި އެއްކުރުމާއި، އުފުލުމާއި، ބައިބަޔަށް ވަކިކުރުމާއި، ފަރުވާކުރުމުގެ މައްޗަށްކަން ފާހަގަކުރަމެވެ.

އެ އެގްރީމެންޓްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ފަރާތުން ތިރީގައި ބަޔާންކޮށްފައިވާ މައިގަނޑު ކަންކަން ކުރުން ލާޒިމުކޮށްފައިވެއެވެ:

ދުވަހުން ދުވަހަށް ގޭގޭއިންނާއި ވިޔަފާރިކުރާ ތަންތަނުން ކުނި އެއްކުރުމާއި އަދި އުފަލަންޖެހޭ ކުނިގޮނޑުތަކަށް ކުނި އުފުލުން.

މާލޭ ސިޓީ ކައުންސިލާއެކު އެގްރީމެންޓްކުރާ ރިސޯޓުތަކަށް ވެސް ކުނި އެއްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުން. މިގޮތުން އެގްރީމެންޓް ނުކުރާ ރިސޯޓުތައްކަމުގައި ވިޔަސް އެ ރިސޯޓުތަކުން ތިލަފުށްޓަށް ކުނި ފޮނުވައިފިނަމަ، ޚިދުމަތް ފޯރުކޮށްދޭ ފަރާތުން އެކުނި ނައްތާލުން.

ކުނިގޮނޑުތަކުންނާއި ރިސޯޓުތަކުން އެއްކުރެވޭ ކުނި، ޚިދުމަތް ފޯރުކޮށްދޭ ފަރާތުން ތިލަފުށްޓައް ގެންދިއުން. އަދި އެގޮތަށް ގެންދެވޭ ކުނި ބައިބަޔަށް ވަކިކުރުމާއި، އެއަށް ފަރުވާކުރުމާއި އަދި ކުނި ނައްތާލާއިރު، ރީސައިކަލް ކުރެވެން އޮތް އެންމެ ގިނަ އަދަދަކަށް ކުނި ރީސައިކަލުކުރުން.

އެތިއެތިކޮޅަށް ހުންނަ މަދު ކުނިކޮޅުތައް ސާފުތާހިރުގޮތެއްގައި ނައްތާލުމަށްޓަކައި ވަޅުލެވޭނެ ގޮތެއް ޤާއިމުކުރުން.

ކުނި ގޮނޑުތަކުގައި ހުންނަ، އަދި ތިލަފުށްޓަށް ގެނެވިފައި ހުންނަ ސިނާއީ މަސައްކަތުގެ ތެރެއިން އުފެދޭ ކުނި، ކޮންސެޝަން އެގްރީމެންޓްގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން ނައްތާލުން.

މިދެންނެވި ކޮންސެޝަން އެގްރީމެންޓުން އެހެން ފައިދާތައް ލިބިދޭކަން ވެސް ފާހަގަކުރަމެވެ. އެގޮތުން އެ ޕްރޮޖެކްޓް އެކުލަވާލެވިފައިވަނީ 2020 އާ ހަމައަށް ދިވެހިރާއްޖެ ކާރބަން ނިޔުޓްރަލް ޤައުމަކަށް ހެދުމުގެ އަމާޒަށް ވާސިލުވުމުގެ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި އެ ޕްރޮޖެކްޓްގެ ދަށުން ތިލަފުށީގައި ހުންނަ ޑީސެލުން ހިންގާ އެންޖީނުގެ ބަދަލުގައި ކުނިން ހަކަތަ އުފައްދާ އުފެއްދުމަށް ބަދަލުކުރުން ހިމެނޭކަން ފާހަގަކުރަމެވެ. އަދި އެ ޕްރޮޖެކްޓްގެ ކޮންސްޓްރަކްޝަން އާއި އޮޕަރޭޝަން ފިޔަވަހީގައި 50-100 އާދެމެދުގެ އަދަދަކަށް މަސައްކަތު މީހުންގެ ވަޒީފާ އުފެދިގެންދިއުމާއި އިތުރު އެތަކެއް ފައިދާތަކެއް އެ ޕްރޮޖެކްޓްގެ ދަށުން ލިބިދޭކަން ފާހަގަކުރަމެވެ.

އެ ކޮންސެޝަން އެގްރީމެންޓްގެ ދަށުން، ތިލަފުށީގައި އަންދާ ކުނީގެ ސަބަބުން އަރާ ދުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށާއި ކުނި ނައްތާލުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ އެންމެހައި ތައްޔާރީތަކެއްވެ، އަމަލީ މަސައްކަތް 1 އަހަރުތެރޭގައި ފަށަން ހަމަޖެހިފައިވަނިކޮށް އެމް.ޑީ.ޕީގެ ސަރުކާރު ވައްޓާލުމަށްފަހު ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކު ސަރުކާރާ ހަވާލުވުމާއެކު، ބަންޑާރަ ނައިބު މެދުވެރިވެ، އެ އެގްރީމެންޓަށް ގިނަ ބަދަލުތަކެއް ގެނެސް، އެ އެގްރީމެންޓްގެ މުޙިއްމުކަން ކަނޑުވާލާފައިވެއެވެ. އަދި ރައީސް ޢަބްދުﷲ ޔާމިން ވެރިކަމަށް ވަޑައިގަތުމަށްފަހު ވެސް އެ އެގްރީމެންޓަށް ޢަމަލުކުރައްވާފައި ނުވުމުގެ ސަބަބުން، ދުމާއި ކުނީގެ މައްސަލައަށް ޙައްލެއް ލިބިފައި ނުވާކަން މި ޕާރޓީގެ ހިންގާ ކޮމެޓީން ފާހަގަކުރެއެވެ.

2 ޖުލައި 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް