ދަރުމަވަންތަ ސްކޫލްގެ ޢިމާރާތުން ތަންތަންގަނޑު ވެއްޓެމުން ދިއުން

noosbayan

ދަރުމަވަންތަ ސްކޫލްގެ އިމާރާތުން ތަންތަންގަނޑު ވެއްޓެމުންދާ ވާހަކަ 17 މޭ 2014 ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ޚަބަރުން އަޑު އިވުމުން، މި ޕާޓީގެ ތަޢުލީމާއި ތަމްރީނާ ބެހޭ ކޮމިޓީގެ ފަރާތުން 18 މޭ 2014 ވަނަ ދުވަހު އެ ސްކޫލަށް ޒިޔާރާތްކޮށް އެކަންތައް ބަލައިފިއެވެ.
ދަރުމަވަންތަ ސްކޫލްގެ އުތުރުފަރާތުގައި ހުރި ޢިމާރާތަކީ އަކިރިއާއި ދޮންވެލި ބޭނުންކޮށްގެން މީގެ 25 ވަރަކަށް އަހަރު ކުރިން ބިނާކޮށްފައިވާ ޢިމާރާތެކެވެ. އެ އިމާރާތްވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. މީގެ ކުރިންވެސް ތަފާތު ފަހަރު މަތިން މި އިމާރާތް މަރާމާތުކުރެވިފައި ވެއެވެ. އަމީނިއްޔާ ސްކޫލްގެ އުތުރަށް ހުރި އެފަދަ އިމާރާތެއް ވަނީ ބާވެގެން ތަޅާލައިފައެވެ. އަދި އެ އިމާރާތް ވަނީ ނެހެދިއެވެ. އިސްކަންދަރު ސްކޫލްގެ ޗާދަނދީ މަގަށް ހުރި އިމާރާތަކީ ވެސް ހަމަ އެހާ ބާ އިމާރާތެކެވެ. އަތޮޅުތެރޭގައި ވެސް ވަރަށް ބޮޑަށް ބާވެފައިވާ ތަންތަން އެބަހުއްޓެވެ.
2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައި އިރު ރާއްޖޭގެ ސްކޫލްތަކުގެ ކްލާސް އިމާރާތްތަކާއި ފާޚާނާތަކާއި ފަރުނީޗަރ ހުރީ ވަރަށް ދަށް ފެންވަރެއްގައެވެ. ބައެއް ސްކުލްތަކުގެ ފުރާޅުން ވާރޭ ވެހެއެވެ. ވިއްސާރަދުވަސް ދުވަހު ކްލާސްރޫމްތަކަށް ފެން ވިއްސާވަރުން ކިޔަވައިނުދެވެއެވެ. ބައެއް ސްކޫލްގައި ފާޚާނާތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ކުދިން ފާޚާނާކުރަން ގެއަށް ދާންޖެހެއެވެ. ހުރިހާ ސްކޫލެއްގައި ކިޔަވައިދެމުން ގެންދިޔައީ ދަންފަޅިތަކަކަށެވެ.
އެމްޑީޕީ ވެރިކަމަށް އައީ ރާއްޖޭގެ ތަޢުލީމަށް ވަރަށް ބޮޑުކުރިއެރުމެއް ގެނައުމުގެ ޕްލޭންތަކަކާއެކުގައެވެ. އޭގެ ދަށުން ކުރެވުނު ގިނަ ކަންތައްތަކުގެ ތެރޭގައި ސްކޫލްތަކުގެ އިމާރާތްތައް މަރާމާތުކޮށް ރަނގަޅުކުރުމާއި، ރަނގަޅު ފެންވަރުގެ ޒަމާނީ އައު ޢިމާރާތްތައް އެޅުމުގެ މަޝްރޫޢެއް ވަރަށް ބާރު ސްޕީޑްގައި ކުރިޔަށް ގެންދިއުން ހިމެނެއެވެ. އޭގެ ދަށުން، 2011 ވަނަ އަހަރުގެ ނިޔަލަށް 259 ކްލާސްރޫމާއި އެތައް ލެބޯޓްރީއަކާއި ސްކޫލް ހޯލް އިމާރާތްކުރެވުނެވެ. 112 ސްކޫލް (52 އިންސައްތަ) އެއް ދަންފަޅިޔަށް ބަދަލުކުރެވުނެވެ. 5 އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އައު ޢިމާރާތްތައް ހަދައި އެއް ދަންފަޅިޔަށް ބަދަލުކުރުމަށް ރޭވިފައިވެއެވެ.
ދަރިވަރުންނާއި މުވައްޒަފުންެގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދަރުމަވަންތަ ސްކޫލްގެ ހަލާކުވެފައިވާ އިމާރާތުގެ ސަލާމާތްކަން ހުރި މިންވަރެއް ވަރަށް އަވަހަށް ބައްލަވައި، އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުއްވުމަށާއި، މީގެ 20-25 އަހަރު ކުރިން އަކިރިޔާއި ދޮންވެލި ބޭނުންކޮށްގެން ހަދާފައިވާ ހުރިހާ ސްކޫލް އިމާރާތެއްގެ ހާލަތު ދެނެގަތުމުގެ ސަރވޭއެއް ކުރުމަށް އެމްޑީޕީ ން ސަރުކާރަށް ގޮވާލަމެވެ. އަދި ހަމަ އެއާއެކު، އެމްޑީޕީން ކުރިޔަށް ގެންދިޔަ ދިވެހިރާއްޖޭގެ ސްކޫލްތައް ރަނގަޅު ފެންވަރަކަށް ގެނަސް ކިޔަވައިދިނުން އެއް ދަންފަޅިޔަށް ބަދަލުކުރުމުގެ މަޝްރޫޢު ހުއްޓަވައިނުލައްވައި ކުރިޔަށް ގެންދެވުމަށް ވެސް ގޮވައިލަމެވެ.
18 މޭ 2014