ޢަލީ ޙަމީދުގެ ކޮރަޕްޝަން މައްސަލައިގެ ލިޔެކިޔުންތަކުގެ މައްޗަށް ކޮފީ އެޅި ލިޔެކިޔުންތައް ހަލާކުވިކަމަށް ބުނާތީ އެކަމުގެ ހައިރާންކަމާއި ކަންބޮޑުވުން ފާޅުކުރުން

noosbayan

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކޮރަޕްޝަން މައްސަލައިގެ ލިޔެކިޔުންތައް ކްރިމިނަލް ކޯޓުގައި ވަނިކޮށް އެ ލިޔެކިޔުންތައް ހަލާކުވެއްޖެކަމާއި އަދި އެ ލިޔެކިޔުންތައް ހަލާކުވެފައިވަނީ އޭގެ މައްޗަށް ކޮފީ އެޅިގެންކަމަށް ބުނާތީ، އެސަބަބާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ނުހަނަ ހައިރާންވެ ކަންބޮޑުވުން ފާޅުކުރަމެވެ.
ޢަލީ ޙަމީދުގެ މައްސަލަތައް ނުބެލި ދާދިއުމާއި، މައްސަލައެއް ކޯޓާ ހަމައަށް ހިނގައްޖެނަމަ ދެން އެދިމާވާ މިފަދަ ގޮތްތަކަކީ މިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ އޮތްގޮތް ނިކަން ރަނގަޅަށް ހާމަކޮށްދޭ ކަންކަމެވެ.
ފަނޑިޔާރަކު ފާސިދުވެ، ކޮރަޕްޓްވެ، އަބުރު ގެއްލި ނުވަތަ ބްލެކްމޭލް ކުރެވިފައިވާ ކަމުގެ ބޮޑު ތުހުމަތެއް އޭނާގެ މައްޗަށް ކުރެވިއްޖެނަމަ، ދިގު ޝަރީޢަތްތަކެއް ހިންގައި، ކުށް ސާބިތު ކުރުމަކާ ވެސް ނުލައި، އެ ފަނޑިޔާރަކު ފަނޑިޔާރުކަން ކުރުމުން ދުރުކުރެވޭކަމީ މިރާއްޖޭގެ ޖުޑިޝަރީގެ ނިޒާމް އަދި ދަސްކުރަން ޖެހިފައިވާކަމެއްކަމުގައި ހިތާމައާއެކު ފާހަގަކުރަމެވެ. މިގޮތުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު ކަސްބީ އަންހެނުންނާއެކު ބަރަހަނާކޮށް ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ކަމަށް ބެލެވޭ ވީޑިއޯ އާންމުވެ ހާމަވެފައިވާއިރުއާއި، އަދި އެ މައްސަލައާއި އެ ފަނޑިޔާރު ބްލެކްމޭލް ކުރެވިފައިވާކަމުގެ މައްސަލަ ވެސް ކަމާބެހޭ ފަރާތްތަކުން ތަޙުޤީޤުކުރަމުންދާކަމަށް ބުނާއިރުއާއި، މީގެ އިތުރުން ކޮރަޕްޝަނުގެ މައްސަލައެއް ވެސް އެ ފަނޑިޔާރުގެ މައްޗަށް ކްރިމިނަލް ކޯޓަށް މިހާރުވެސް ހުށަހެޅިފައިވާއިރު، އެފަނޑިޔާރު ސްޕްރީމް ކޯޓުގެ ބެންޗްގައި ޝަރީޢަތް ކުރެއްވުމުގައި ދެމިހުންނަވާ ދެމިހުންނެވުމަކީ ޝަރުޢީ އަދި ދުނިޔޭގެ އެއްވެސް ޤާނޫނީ ހަމައެއް ދަންނަ ކަމެއް ނޫނެވެ.
ޢަލީ ޙަމީދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ކޮރަޕްޝަން މައްސަލައިގެ ލިޔެކިޔުންތަކުގެ މައްޗަށް ކޮފީ އުޅުމުގެ ސަބަބުން އެލިޔެކިޔުންތައް ހަލާކުވެފައިވާތީ، އެ ސަބަބާހުރެ އެމައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނުނިންމަވާނޭ ކަމަށް މި ޕާރޓީން އުއްމީދުކުރަމެވެ.

4 މޭ 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއޭޓް