އެމް.ބީ.ސީ. ގެ ޗެނަލްތަކުގެ އެއަރޓައިމްގައި އިމްތިޔާޒު ފަހުމީގެ އިސްތިހާރު ދެއްކުމަށް އިންކާރުކުރި މައްސަލަ ކުށްވެރިކުރުން

noosbayan

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމް.ބީ.ސީ) ގެ ޗެނަލްތަކުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އަގުދެއްކުމުން ދޫކުރުމަށް ހަމަޖައްސާފައިވާ އިސްތިހާރު ސްލޮޓްތަކުގެ ތެރެއިން މި ޕާރޓީގެ ފަރާތުން މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަލްއުސްތާޛު އިމްތިޔާޒު ފަހުމީ (އިންތި) ގެ ސްލޮޓްގައި އެމަނިކުފާނުގެ އިސްތިހާރު ދެއްކުމަށް އެމް.ބީ.ސީ އިން އިންކާރުކޮށް، އެ އިސްތިހާރު ނުދެއްކި މައްސަލަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ހަރު އަޑުން ކުށްވެރިކުރަމެވެ.

މާފަންނު އުތުރު ދާއިރާގެ ކެންޑިޑޭޓްގެ އިސްތިހާރު ދެއްކުމަށް އެއާރޓައިމް ސްލޮޓްގެ ގޮތުގައި އެމް.ބީ.ސީ އިން ވަކި ވަގުތެއް ކަނޑައަޅައި އަންގާފައިވުމުން، އެގޮތުން 30 ސިކުންތުގެ އިސްތިހާރާއި ފައިސާ ހުށަހެޅުމުން އެ އިސްތިހާރު ދެއްކުމަށް އެމް.ބީ.ސީ އިން އިންކާރުކޮށްފައިވެއެވެ. މިގޮތަށް އެމް.ބީ.ސީ އިން އިންކާރުކޮށްފައިވަނީ އެ އިސްތިހާރުގައި ފުލުހުންގެ އަނިޔާވެރިކަން ދައްކާ ފޮޓޯއެއް ފެންނާތީކަމަށް ބުނެއެވެ.

ސިޔާސީ މީހުންނަށް ކެމްޕޭނުގައި ސިޔާސީ އިސްތިހާރު ދެއްކުމަށް އެއާރޓައިމް ސްލޮޓް ކަނޑައަޅައި ވިއްކުމަށް ހަމަޖެއްސުމަށްފަހު ވަކި ކެންޑިޑޭޓެއްގެ އިސްތިހާރު ދެއްކުމަށް އެމް.ބީ.ސީ އިން އިންކާރުކޮށްފައިވާތީ ކަންބޮޑުވުމާއެކު މި ޕާރޓީން ފާހަގަކުރަމެވެ. އަދި މިކަމަކީ ދައުލަތުގެ މީޑީއާގެ ހަމަހަމަކަން ނެތްކަމާއި، ވަކި ކެންޑިޑޭޓެއްގެ ކެމްޕޭނަށް ގަސްދުގައި ހުރަސްއަޅާކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާކަމާއި، އަނިޔާވެރިކަން ފޮރުވުމަށް އުޅޭކަމާއި، ޙަޤީޤަތް ހާމަކުރުމަށް ފަސްޖެހޭކަމާއި، އަނިޔާވެރިކަމާ ދެކޮޅަށް އުފުލާ އަޑު ކަނޑުވާލުމަށް މަސައްކަތްކުރާކަން ހާމަވެގެންދާ ކަމެއްކަމުގައި ދެކެމެވެ.

އަދި އެ އިސްތިހާރުގައި ދައްކާ އެއް ފޮޓޯއަކީ މީޑިއާގައި މަސައްކަތްކުރާ ކެމެރާމަނަކަށް ފުލުހުން ހަމަލާދޭ މަންޒަރުކަމަށްވާއިރު، އެމް.ބީ.ސީ ފަދަ މީޑިއާގެ ފަރާތަކުން އެހެން މީޑިއާގެ ފަރާތްތަކަށް ލިބޭ އަނިޔާ ފޮރުވުމަށް މަސައްކަތްކުރުމަކީ ވަރަށް ހައިރާންވަނިވި ކަމެކެވެ. މިފަދަ ސަބަބުތަކާހުރެ މިރާއްޖެ މިވަނީ ބައިނަލް އަޤުވާމީ ނޫސްވެރިކަމުގެ މިންގަނޑުތައް ބަލާ ޖަމިއްޔާތަކުގެ މިންގަނޑުތަކުން އެތައް ދަރަޖައެއް ދަށަށް ވެއްޓިފައިކަން ހިތާމައާއެކު ފާހަގަކުރަމެވެ.

އެމް.ބީ.ސީ އިން ދެއްކުމަށް އިންކާރުކުރި އިސްތިހާރު މިހާރުވެސް ރާއްޖެޓީވީ އިން ދައްކަމުން ދެއެވެ.

ވީމާ އެމްބީސީގެ ހަމަހަމަކަމެއް ނެތް އަދި މީޑިއާގެ މިނިވަންކަމުގެ މިންގަނޑުތަކާއި ޚިލާފު މިފަދަ އަމަލުތައް ހުއްޓާލުމަށް އެމްބީސީއަށް މިޕާޓީއިން ގޮވާލަމެވެ.

18 މާރޗް 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް