މުހައްމަދު އަސްލަމްގެ އަގުވައްޓާލުމަށް ޕީޕީއެމްއިން ނެރެފައިވާ ބަޔާން ކުށްވެރިކުރުން

noosbayan

މާޗް 22 ގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމަވާފައިވާ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބު ކުރުމަށް މިޕާޓީން ކުރަމުންދާ ކެމްޕެއިނަށް ހުރަސްއެޅުމަށް އިދިކޮޅު ފަރާތްތަކުން ރަވާހިންގަމުންދާ ނާތަހުޒީބު އަމަލުތައް އެއްމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
މި ޕާޓީގެ ފަރާޓުން ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރަށްވާ ކެންޑިޑޭޓް އަދި އެ ދާއިރާގެ މިހާރުގެވެސް މަޖިލިސް މެމްބަރ ސ.ހިތަދޫ، ނިޔާޒް އަލްފާޟިލް މުޙައްމަދު އަސްލަމް ގެ ކެމްޕެއިން ހައްގަށް އަރައިގަނެ އެމަނިކުފާނުގެ އަބުރާއި އިއްޒަތް ނަގާލުމަށް ޕީޕީއެމްއިން ފަތުރަމުންދާ ދޮގު ހަބަރުތައް މި ޕާޓީން ކުށްވެރިކުރަމެވެ.
މުހައްމަދު އަސްލަމަކީ ދުވަހަކުވެސް މީހަކަށް މަރުގެ އިންޒާރުދީ އަދި ބިރުދެއްކުމުގެ އެއްވެސް ޢަމަލެއް ހިންގަވާފައިވާ ބޭފުޅެއްނޫނެވެ. އަދި އެމަނިކުފާނުގެ ސިޔާސީ ޙަޔާތުގެ ތާރީޚަށް ބައްލަވާ ލެއްވި ނަމަވެސް އެމަނިކުފާނަކީ މިފަދަކަމެއް ދުވަހަކުވެސް ކުރަށްވާފައިވާ ބޭފުޅެއްނޫންކަން ވަރަށްސާފުކޮށް އިގެން އެބައޮތެވެ. އަދި މިކަމަށް އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުން ހެކިވެ ވަޑައިގަންނަވާނެއެވެ. އެހެންކަމުން ސިޔާސީ ފައިދާ ނެގުމުގެ ބޭނުމުގާ އަލްފާޟިލް މުޙައްމަދު އަސްލަމްގެ ނަޒާހަތްތެރިކަން ގެއްލޭގޮތަށް ކަނޑައެޅިގެން ބުހުތާނު ދޮގު ހައްދަވާ ޕީޕީއެމްއިން އެފަދަ ނޫސްބޔާންތައް ނެރުއްވުމީ މިޕާޓީން ނުހަނު ކަނބޮޑުވާ ކަމެކެވެ. އަދި މި އަމަލަކީ އިންތިހާބާއިބެހޭ އާއްމު ގާނޫނުގެ 29 ވަނަ މާއްދާއާއި އިލެކްޝަންކޮމިޝަންގެ އިންތިހާބާއިބެހޭ ގަވާއިދުގެ 12 ވަނަ މާއްދާއާއި ކަނޑައެޅިގެން ޚިލާފަށް މުހައްމަދު އަސްލަމްގެ ކެމްޕެއިނަށް ހުރަސްއަޅައި އަގުވަށްޓާލުމަށް ޕީޕީއެމްއިން ނެރެފައިވާ ބަޔާނެކެވެ.
މި ޕާޓީގެ ކެނޑިޑޭޓުންގެ ކެމްޕެއިން ހުށްޓުވާ ކެނޑިޑޭޓުންނަށް ހުރަސް އެޅުމަށް އިދިކޮޅު ފަރާތްތަކުން ރާވާ ހިންގަމުން ގެންދާ ޑިމޮކްރަސީއާއި ދުރު ނާތަހުޒީބީ މިފަދަ އަމަލުތައް ވަގުތުން ހުށްޓާލާ ތަހުޒީބީ ރިވެތި އުސޫލުން އިންތިހާބުގައި ވާދަކުރުމަށް ގޮވާލަމެވެ.
އަދި އޮޅުވާލުމާއި ނުފޫޒާއި ބިރުދެއްކުމުން އިންތިހާބު ހަރާބުކުރުމަށް ކުރަމުންގެންދާ މަސައްކަތުން މިޕާޓީގެ ދުވެލި މަޑުވެ ނުދާނެ ކަމުގައިވެސް ދަންނަވަމެވެ.
އެމްޑީޕީން އިންސާފުވެރި އިންތިހާބެއް ހޯދުމަށް ކުރަމުންދާ މަސައްކަތައް މިފަދަ ހުރަސްތަކުން ކުޑަވެސް ލޮޅުމެއް ނާއްނާނެވާހަކަ ދަންނަވަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް