މަޖްލިސް ޕްރައިމަރީ ގައި ވޯޓް ދިނުމުގެ ޙައްގު ލިބިފައިވާ މެމްބަރުންގެ ލިސްޓް 25 ގައި އާއްމު ކުރަނީ

24 ޖެނުއަރީ 2014 ގައި ބޭއްވުމަށް ހަމޖެހިފައިވާ ރައްޔިތުންގެ މަޖްލިސް ޕްރައިމަރީގައި ވޯޓްލުމުގު ޙައްގު ލިބޭ އެމް.ޑ.ޕީ މެމްބަރުންގެ ލިސްޓް 25 ޑިސެމްބަރ ގައި އެމް.ޑީ.ޕީ ގެ ވެބްސައިޓްގައި ޢާމު ކުރުމަށް މަސައްކަތްކުރަމުންދާކަމަށްއިންތިޚާބާބެހޭ ކޮމިޓީއިން މައުލޫމާތު ދީފިއެވެ. އިންތިޚާބާއި ބެހޭ ކޮމިޓީގެ އޮފިޝަލަކު ވިދާޅުވީ އެމް.ޑީ.ޕީގެ މެމްބަރޝިޕް ކޮމިޓީއިން މިހާރު މަސައްކަތް ކުރަމުންދަނީ މި މަހުގެ 19 ވަނަ ދުވަހާ ހިސާބަށް އެމް.ޑީ.ޕީ ގެ މެމްބަރުންނަށް ވުމަށް އެދި ހުށައަޅާފައިވާ ފޯމްތައް ޕްރެސެސްކޮށް 25 ވަނަދުވަހުގެ ނިޔަލަށް ނިންމުމަށެވެ. މި މަހުގެ 10 ވަނަ ދުވަހު މަޖްލިސް އިންތިޚާބްގެ ޕްރިއިމަރީ ހުޅުވާލިދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 10،518 ފޯމް އެމް.ޑީ.ޕީ ގެ ސެކްރެޓޭރިއެޓް އަށް ލިބިފައިވާ އިރު 5،464 ފޯމަކީ ހަމައެކަނި 19 ވަނަދުވަހު ލިބުނު ފޯމްތައްކަމަށް އޮފިޝަލް މަޢުލޫމާތުދެއްވިއެވެ. އޮފިޝަލު ވިދާޅުވީ މިހާރުލިބިފައިވާ ފޯމްތަކުން ޕްރޮސެސް ކުރެވޭނީ ހަމަ އެކަނި ސައްޙަ ފޯމްތައްއެކަނިކަމަށެވެ. އަދި 25 ވަނަ ދުވަހު މެމްބަރުންގެ ލިސްޓް ޢާއްމުކުރުމަށްފަހު 30 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެކަމަށާއި ފައިނަލް މެމްބަރޝިޕްލިޓް ޖެނުއަރީ މަހުގެ 5ވަނަ ދުވަހު ޢާއްމުކުރާނެކަމަށް ވެސް އެ އޮފިޝަލް ވިދާޅުވުއެވެ. އެމް.ޑީ.ޕީ މެމްބަރެއްތޯ ބެލުމަށް REG ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް އައި.ޑީ ކާޑް ނަމްބަރޖަހާ 637 އަށް އެސް.އެމް.އެސް ކުރުމުން އެމީހަކީ އެމް.ޑީ.ޕީ މެމްބަރެއްތޯ ސާފުވާނެކަމަށް އެމް.ޑީ.ޕީ ސެކްރެޓޭރިއެޓްއިން މަޢުލޫމާތުދެއެވެ.