އެމް.އެން.ޑީ.އެފް ގެ ޖެނެރަލުންނާއި އެހެނިހެން އޮފިސަރުން މަޤާމުން ވަކިކުރަމުންދާދިއުން އެމް.ޑީ.ޕީ އިން ކުށްވެރިކުރުން

noosbayan

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ބްރިގެޑިއަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި އެހެނިހެން ބައެއް އިސް އޮފިސަރުން އެއްވެސް ސަބަބަކާނުލައި އެމް.އެން.ޑީ.އެފް ގައި އެބޭކަލުން އަދާކުރައްވަމުންގެންދެވި މަޤާމުތަކުން މިއަދު ވަކިކޮށް، އަދި އޭގެކުރިން ބްރިގެޑިއަރ ޖެނެރަލް އަޙްމަދު ނިލާމާއި އިތުރު އޮފިސަރުން ތަކެއް މަޤާމުތަކުން ވަކިކޮށްފައިވާތީ، އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.
ބްރިގެޑިއަރ ޖެނެރަލް އަޙްމަދު ނިލާމާއި ބްރިގެޑިއަރ ޖެނެރަލް ޢަބްދުﷲ ޝަމާލަކީ ސިފައިންގެ ޚިދުމަތުގެ ރޮނގުތަކުން ނުހަނު މަތީ ދަރަޖައަށް ތަޢުލީމާއި ޚާއްޞަ ތަމްރީނުތަކާއި ތަޖުރިބާ ޙާސިލުކުރައްވައި، ސިފައިންގެ ޚިދުމަތުގައި ވަރަށް މަތީ ދަރަޖައެއްގެ މިންގަނޑުތަކެއް ހިފަހައްޓަވައިގެން، އިޚްލާސްތެރިކަމާއެކު ގިނަގުނަ ޚިދުމަތްތަކެއް ޒަމާންތަކެއް ވަންދެއް ސިފައިންގެއަށް ކޮށްދެއްވި ޕްރޮފެޝަނަލް ބޭކަލުންކަން ފާހަގަކުރަމެވެ. އަދި ދިވެހި އަސްކަރިއްޔާގައި ޚިދުމަތްކުރައްވާ އެންމެހައި ފޭފުޅުންގެ މަތިވެރި ގަދަރާއި އިޙްތިރާމް ލިބިވަޑައިގެން ތިއްބެވި ބޭކަލުންކަން ވެސް ފާހަގަކުރަމެވެ. އަދި އެބޭކަލުންނާއެކު މަޤާމުން ވަކިކުރި އެންމެހާ ބޭކަލުންނަކީ ވެސް އެފަދަ އިޚްލާސްތެރި ޕްރޮފެޝަނަލް ޚިދުމަތްތެރިންކަން ވެސް ފާހަގަކުރަމެވެ.
އެއްވެސް ސަބަބެއް ނެތި މިދެންނެވި ޚިދުމަތްތެރިން މަޤާމުންވަކިކޮށްފައިވަނީ ސިޔާސީ މަގުސަދެއްގައިކަމާއި އަދި ވަރަށް ނާއިންސާފުންކަމަށް މިޕާރޓީން ދެކެމެވެ. މިކަން މިގޮތަށް ކޮށްފައިވާއިރު، 7 ފެބްރުއަރީ 2012 ވަނަ ދުވަހު ސިފައިންގެ ތެރެއިން ބައެއް މީހުން ޔުނީފޯރމުގައި މަގުމައްޗަށް ނުކުމެ އޭރުގެ ރައީސުލް ޖުމްހޫރިއްޔާއާ އަދި ސިފައިންގެ ކޮމާންޑަރ އިން ޗީފް ގެ އިސްތިއުފާއަށް ފާޅުގައި ގޮވައި، އިދިކޮޅު ސިޔާސީ މީހުންނާއެކު މުޒާހަރާކޮށް، ސިފައިންގެ ޤާނޫނާއި އަދި ސިފައިންގެ ކިބާގައި ހުންނަންޖެހޭ މުޅި ދުނިޔެ ޤަބޫލުކުރާ އެންމެހާ ޑިސިޕްލިން ތަކަކާ ޚިލާފު އެތައް އަމަލުތަކެއް ފާޅުގައި ހިންގާފާއިވާކަން ސާބިތުވެ، ކޯނީ ރިޕޯރޓްގައި ވެސް އެކަން ފާހަގަކޮށް އެފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ގޮވާލާފައިވާއިރު، އެއިން އެއްވެސް މީހަކާމެދު މިއަދާ ހަމައަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރަމެވެ. އެއާޚިލާފަށް އެމީހުންނަށް މަޤާމުތައް ކަށަވަރުކޮށްދީ، އަދި މަޤާމުތަކުގެ ކުރިއެރުންދީފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މި ޢަމަލުގެ ސަބަބުން ސިފައިންގެ ސިޔާސިވެ، ޕްރޮފެޝަނަލިޒަމް ގެއްލި، ގިނަ ސިފައިންނާއި ރައްޔިތުންގެ ކުރިމަތީގައި އެ މުވައްސަސާގެ އަގު ވެއްޓޭގޮތް މެދުވެރިވެފައިވާކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
30 ނޮވެމްބަރ 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް