އެމް.އެން.ޑީ.އެފްގެ ބައެއް ފަރާތްތައް ސިފައިންގެ ޚިދުމަތުން ޤަނޫނުތަކާއި ޚިލާފަށް ވަކިކޮށްފައިވާތީ އެކަން ހަރުއަޑުން ކުށްވެރިކުރުން

noosbayan

މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް(އެމް.އެން.ޑީ.އެފް)ގެ އިންޓެލިޖެންސްގެ ކުރީގެ ހެޑް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ނިލާމާއި ސިފައިންގެ 5 ބޭފުޅުން ސާބިތު ނުހިފޭ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ސިފައިންގެ ޚިދުމަތުން ޤަނޫނުތަކާއި ޚިލާފަށް ވަކިކޮށްފައިވާތީ އެކަން ހަރުއަޑުން ކުށްވެރި ކުރަމެވެ. ފާއިތުވީ ދެ އަހަރެއްހާ ދުވަހު ސިޔާސީ ހަލަބޮލިކަމަށް ޙައްލު ގެނެސް ޤަނޫނު އަސާސީ ދެމެހެއްޓުމަށާއި ރައްޔިތުންގެ ވެރިކަމެއް އުފެއްދުމަށް ދިވެހިރައްޔިތުންގެ އެތައް ބައެއް ކެނޑިނޭޅި މަސައްކަތްކޮށް މިއަދު މި ވަނީ އިންތީޚާބީ ސަރުކާރެއް އުފެދިފައެވެ. އެ ދަނޑިވަޅުގައި ސިޔާސީ ހަލަބޮލިކަން ޙައްލުކޮށް ޤާނޫނު އަސާސީ ދެމެހެއްޓުމަށް ދިވެހި ސިފައިންވެސް އެކި ގޮތްގޮތަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން މި ޕާޓީން އިޚްލާސްތެރިކަމާއެކު ޤަބޫލުކުރަމެވެ.

ރިޔާސީ އިންތިޚާބަށްފަހު ޤައުމަށް ކޮންމެވެސް މިންވަރެއްގެ ހަމަޖެހުން ލިބި އިންތިޚާބު ކުރެވިފައިވާ ސަރުކާރާއެކު ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން މަސައްކަތް ކުރާނެ ކަމުގައި މީގެ ކުރިންވެސް ވާނީ ދަންނަވާފައެވެ.

ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ސިފައިންގެ ބޭފުޅުން ސިޔާސީ މަޤްޞަދެއް ޚާސިލްކުރުމުގެ ބޭނުމުގައި ސިފައިންގެ ޚިދުމަތުން ވަކިކޮށްފައިވާކަމީ އެ މުވައްސަސާއަށް ލިބޭނެ ނިކަމެތި ކަމެކެވެ. އަދި ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ރައްޔިތުންގެ އިތުބާރާއި ޤަދަރު އިންތިހާއަށް ބޭނުންވެފައިވާ މިފަދަ ދަނޑިވަޅެއްގައި މިކަން ކުރެއްވުމަކީ އެ މުވައްސަސާއާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދި ގެއްލިފައިވާ އިތުބާރު އަލުން އަނބުރާ ހޯދުމަށް ގޮންޖެހުމެއްކަމަށްވެސް ވެގެންދާނެކަމަށް މިޕާޓީން ޤަބޫލުކުރަމެވެ.
26 ނޮވެމްބަރ 2013
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް