ޤައުމުގެ ސަލާމަތަށް އަތުކުރި އޮޅާލުން މުޙިއްމު!

noosbayan

އަދާލަތު ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް ސައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ ޔާމީން ޢަބްދުލް ޤައްޔޫމްއަށް ތާއީދު ކުރައްވަން ނިންމެވީ ދެކަމެއްގެ މައްޗަށް ބުރަވެ ހުރެގެން ކަމަށެވެ. އެއީ “ޤައުމާއި ދީނަށްޓަކައި އެންމެ މަސްލަޙަތު ބޮޑީ” ޕީޕީއެމްއާއި އެކު ކުރިއަށް ދިއުން ކަމަށެވެ.

ދީނަށްޓަކައޭ ކިޔާ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ގެ ސަރުކާރު ވައްޓާލުމަށް ޙުއްޖަތާ ދަލީލް ދައްކާ އަދި އަދާލަތު ޕާޓީއަކީ އިސްލާމްދީން ރައްކާތެރިކުރާ ބައެއްކަމަށް ބުނެ އެމްޑީޕީ އާއި ގުޅެ އެމީހުންނަށް އިސްލާމްދީން ކުރިއެރުވުމަށް ދިން ފުރުސަތުތަކުގެ ބޭނުން ހިފައި އެންމެ ފަހުން މަކަރާ ހީލަތް ހަދައި “ލާދީނީ” އޭ ކިޔާ ކާންދިން އަތުގައި އެވަނީ ދަތްއަޅާފައެވެ.
އަނެއްކާވެސް ދީނަށްޓަކައޭ ކިޔާ ފައިސާގެ ފަހަތުން ދުވެ ވިކި ހުސްވީ ޖުމްހޫރީ ޕާޓީއަށެވެ. މިއަދު ޖުމްހޫރީ ޕާޓީ ހަލާކުކޮށް ލުމަށްފަހު އެންމެފަހުން ގުޅެންޖެހުނީ އެއްކަލަ ސޭޚުންނަށް ދަންތުރަ ޖެއްސި ކުރީގެރައީސް މައުމޫންގެ ޕާޓީއަށެވެ. ދީން ވިއްކަމުންގޮސް ބޮޑުއަގުގައި ޢަދާލަތު ޕާޓީ މިހާރު އެވިއްކާލީ ފަސްވަނަ ޕާޓީއަށެވެ.

މި ގޮތުން މާތް މަޤުސަދެއްގައި އުފެއްދި އަދާލަތު ޕާޓީ ވިއްކާލުމުގެ އިތުރުން އިސްލާމްދީން ވިއްކަމުން ގޮސް ބޭނުންހާގޮތަކަށް ބޭނުންވާ ކަމެއްގައި ހަތިޔާރެއްގެ ގޮތުގައި އިސްލާމް ދީން ބޭނުންކޮށް މީސްތަކުންނަށް ދީންއޮޅުވާލައި މަގުފުރައްދަމުންގޮސް ސޭޚުންގެ އަގުވައްޓާލާ ރައްޔިތުންގެ ހިތްތަކުގައި އޮތް ޤަދަރާ އިޙްތިރާމް ވެއްޔާމޮޑެވިގެން ދިޔައީ އަދާލަތު ޕާޓީގެ ރައީސް ސޭޚް ޢިމްރާން ޢަބަދުﷲ ގެ ސަބަބުން ކަމުގައި ދިވެހި އެންމެހާރައްޔިތުން މިއަދު ދަނެއެވެ.

އަޅުގަޑުމެން ދިވެހި މައިން މި ގޮވާލަނީ މާތްވެގެންވާ އިސްލާމްދީން ޙިމާޔަތް ކޮށް ދިވެހި އެންމެހާ ރައްޔިތުން އެކަތިގަނޑަކަށްވެ ޤައުމުގެ ތަރައްޤީ ގައި އަތުކުރި އޮޅާލައިގެން ނުކުތުމަށެވެ!

ޝުކުރިއްޔާ
10 ނޮވެމްބަރ 2013

ޝިޔާމާ އަޙްމަދު
އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ