އެމްޑީޕީގެ ޕާރލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރ ޢަލީ ވަޙީދު ފުލުސް އޮފީހަށް ޙާޟިރުކުރި މައްސަލަ ކުށްވެރިކުރުން

noosbayan

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީ)ގެ ޕާރލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރ ޢަލީ ވަޙީދު، ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމަށް އަރާހުންނެވި ޢަބްދުﷲ ރިޔާޒުގެ އަމުރަށް ފުލުސް އޮފީހަށް ހާޒިރުކުރި މައްސަލަ މި ޕާރޓީން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަދި އެމްޑީޕީގެ ޕާރލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރ ޢަލީ ވަޙީދަށް ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ޗިޓް ފޮނުވިއިރު އެ ޗިޓްގައި އަލީ ވަޙީދު ފުލުސް އޮފީހަށް ހާޒިރުވާންވީ އެއްވެސް ކަމެއް، ސަބަބެއް ބަޔާން ނުކޮށް މިވަނީ އެމަނިކުފާނު ފުލުސް އޮފީހަށް ހާޒިރުކުރުވާފައެވެ. ފުލުހުން އަވަދިނެތި މިވަގުތު އަލީ ވަޙީދު ފުލުސް އޮފީހަށް ހާޒިރުކޮށް ގޯނާކޮށް ހައްޔަރުކުރަން މިއުޅެނީ މިވަގުތަކީ ރައްޔިތުންގެ މަޖިލީހަށް ޕްރޮސިކިއުޓަރ ޖެނެރަލް އަޙްމަދު މުއިއްޒު އާއި އެޓާނީ ޖެނެރަލް އާޒިމާ ޝުކޫރު އަދި ޑިފެންސް މިނިސްޓަރކަމަށް ގަދަބާރުން އަރައިގެން ހުރި މުޙައްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލައިގެ ވޯޓު ނެގުން މިހާރު ތާވަލް ކުރެވެމުން ދާތީކަމުގައި މިޕާޓީއިން ޤަބޫލު ކުރަމެވެ. އަދި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި މިހާރު މިއޮތް ސަރުކާރުން ހިންގާ އަމަލެއްކަމަށް ބެލެވޭގޮތަށް، އަލީ ވަޙިދު ހައްޔަރުކުރުމަށް އުޅޭ އުޅުމަކީ މިހާރު މިއޮތް ސަރުކާރުން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ހިންގަން އުޅޭ ޖަރީމާއެއްކަމަށް މިޕާޓީއަށް ޤަބޫލު ކުރެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަދި މިޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރ ޢަލީ ވަޙީދަކީ މި ޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕް ތަމްސީލުކުރެއްވުމުގައި ނުހަނު ކުޅަދާނަކަމާއި ޖެހިލުންކުޑަކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ އިޚްލާޞްތެރި ބޭފުޅަކަށްވެފައި، އަދި “ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ” ގެ މުޤައްރިރުކަމަށް ވީހިނދު، އެ ޙައިޞިއްޔަތުން އެމަނިކުފާނަކީ އިދިކޮޅު ފަރާތްތަކާއި ޚާއްޞަކޮށް މިހާރު މިއޮތް ބަޣާވާތުގެ ސަރުކާރު އެންމެ ބޮޑަށް ޖެހިލުންވާ އެއް ޝަޙުސިއްޔަތެވެ. އަދި ފުލުހުން އެމަނިކުފާނަށް މިހިން ދޭ އިންޒާރަކަށް ނުވަތަ ދައްކާ ބިރަކަށް ބެއްލެވުމެއްނެތި އެމަނިކުފާނުން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅުގައި ސާބިތުކަމާއެކު ދެމިހުންނަވާނޭކަމުގެ ޔަޤީންކަން މިޕާޓީއަށް އޮވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަދި މިޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރ އަލީ ވަޙީދު ރައްޔިތުންގެ މަޖިލީހުގައި ކުރައްވަމުންގެންދާ މައްސައްކަތްޕުޅަށް ހުރަސްއެޅުއްވުމުގެ ގޮތުންނާއި އެމަނިކުފާނަށް ބިރުދައްކަވައި ގޯނާކުރެއްވުމުގެގޮތުން ފުލުހުންގެ ކޮމިޝަނަރ ޢަބްދުﷲ ރިޔާޒު ހިންގަވާ ފިނޑި އަމަލުތައް ވަގުތުން ހުއްޓާލުމަށާއި، ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ބާރާއި ދުސްތޫރީ ހަމަ ތަކާ ޑިމޮކްރެޓިކް އުޞޫލްތައް މުގުރާލުމަށް ތަކުރާރުކޮށް ކުރަމުންދާ ނުރައްކާތެރި މަސައްކަތްތައް ވަގުތުން ހުއްޓާލުމަށްވެސް މި ޕާޓީއިން ގޮވާލަމެވެ. އަދި، ޤާނޫނުއަސާސީއާއި ޤާނޫނުގެ ތެރެއިން ޢަމަލުކުރައްވަން ފެއްޓެވުމަށް އަބްދުﷲ ރިޔާޒަށް މިޕާޓީން ގޮވާލަމެވެ.

އަދި ޕޮލިސް ކަމިޝަނަރ އަބްދުﷲ ރިޔާޒުގެ އަމުރަށް ދޭތެރެ ދޭތެރެއިން މެމްބަރ އަލީ ވަޙިދު ފުލުސް އޮފީހަށް ހާޒިރު ކުރަމުންދާ މައްސަލަ ތަޙުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްއަށާއި، ކަމާއި ބެހޭ އެންމެހާ އިދާރާތަކަށް އެމްޑީޕީއިން ގޮވާލަމެވެ.

26 އޮކްޓޯބަރ 2013

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް