މާލެއަތޮޅު ގުޅީފަޅާބެހޭ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

14 ސެޕްޓެމްބަރ 2010

ބިން ހިއްކަވައި ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މާލެއަތޮޅު ގުޅީފަޅާބެހޭ މަސައްކަތްތައް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްލަވާލައްވައިފިއެވެ. ގުޅީފަޅު ސަރަޙައްދަށް އެމަނިކުފާނު މިއަދު މެންދުރުފަހު ވަޑައިގެންނެވީ މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ އިންތިޒާމުތައް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށާއި، ބިން ހިއްކުމުގައި ބޭނުންކުރެވޭ ބޯޓް، ދަ ކްއީން އޮފް ދަ ނެދަރލަންޑްސް ބައްލަވާލެއްވުމަށެވެ. މިބޯޓަކީ ބޮސްކާލީސް ކުންފުނިން ގެންގުޅޭ މިފަދަ އެންމެބޮޑު ބޯޓެވެ. އަދި މިއީ ދުނިޔޭގައިވެސް ބަނދެފައިވާ މިފަދަ އެންމެ ބޮޑެތި ބޯޓުތަކުގެ ތެރޭގައި ހިމެނޭ އެއްބޯޓެވެ. ދުވާލަކު ދެ ހެކްޓަރަށް ނުވަތަ ގާތްގަނޑަކަށް ހަތަރު ބޯޅަދަނޑަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކުމުގެ ފަންނީ ޤާބިލުކަން މިބޯޓުގައި ހުރި ކަމަށް، މިމަޝްރޫޢު ކުރިއަށް ގެންދެވުމަށް ޙަވާލުކުރެވިފައިވާ ނެދަރލަންޑްސްގެ ބޮސްކާލިސް ކުންފުނިން ހާމަކުރެއެވެ.

ގުޅީފަޅު ހިއްކުމާބެހޭ މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ގުޅީފަޅު އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ އަލްއުސްތާޛު މުޙަންމަދު ޝަހުދީ އަންވަރާއި، އެކޯޕަރޭޝަންގެ އިސްބޭފުޅުން މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބިން ހިއްކަވައި ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މާލެއަތޮޅު ގުޅީފަޅުން ހިއްކެވުމަށް ހަމަޖައްސަވާފައިވަނީ 10 ހެކްޓަރގެ ބިމެވެ. ގުޅީފަޅު ތަރައްޤީ ކުރެއްވުމުން، އެތަނުގައި ޞިނާޢީ ސަރަޙައްދަކާއި، ބަނދަރުގެ ޚިދްމަތްތަކާއި، ގުދަން ކުރުމުގެ ޚިދްމަތްތަކާއި، މިކަންކަމާ ގުޅޭ ޒަމާނީ ފަންނީ ޚިދްމަތްތައް ދެވޭނެ ވަސީލަތްތައް ޤާއިމު ކުރެވޭނެއެވެ.