ޑރ.މުސްތަފާ ލުތުފީ އައްޑޫ ސިޓީގައި

BWs4uY9CUAAJtVu

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ.މުސްތަފާ ލުތުފީ ރޭ އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. އެބޭފުޅާގެ މި ދަތުރުފުޅުގައި މިއަދު
ހެނދުނު ވަނީ ކެމްޕެއިން ޓީމް އާއި ކައުންސިލަރުންގެ އިތުރުން ދާއިރާތަކުގެ ރައީސުންނާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދެވީ ކެމްޕެއިންގެ މަޝްވަރާތަކެވެ.

މީގެ އިތުރުން ރަނިންމޭޓް ޑރ.މުސްތަފާ ލުތިފީ ވަނީ މިއަދު އައްޑޫ ސިޓީގައި މަސައްކަތް ކުރާ ޓީޗަރުންނާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ވުމުގައި އެމްޑީޕީގެ ތައުލީމީ ސިޔާސަތާއި ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ޓީޗަރުންގެ ސުވާލު ތަކަށް ޖަވާބުވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. ޓީޗަރުންގެ މައިގަނޑު ސުވާލުތައް އަމާޒު ކުރެވިގެން ދިޔައީ މުސާރައާއި ގުޅޭ ގޮތުންނެވެ.

މީގެ އިތުރުން މިއަދު ހަވީރު 5 ޖަހާއިރު ރަނިންމޭޓު އައްޑޫ ސިޓީގައި މަސައްކަތް ކުރާ ނަރުހުންނާއި ބައްދަލު ކުރެއްވުން ވަނީ ބާއްވާފައެވެ. މި ބައްދަލު ވުމުގައި ޕާޓީގެ ސިއްޙަތާއި ބެހޭ ސިޔާސަތާއި ގުޅެ ގޮތުން މައުލޫމާތު ދެއްވުމުގެ އިތުރުން ނަރުހުންގެ ސުވާލު ތަކަށް ޖަވާބު ދެއްވުމުގެ ވަގުތުކޮޅެއްވެސް ކުރިއަށް ގެންދެވިއެވެ.

މޫސުން ތަންދޭނަމަ ހިތަދޫގައި މިރޭ ކަންމަތީ ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާއިރު މާދަމާ ހިތަދޫ ފިޔަވައި އެހެން ރަށްރަށުގައި ދޮރުން ދޮރަށް ހިނގެވުމަށް ހަމަޖެހިފައި ވެއެވެ. ރަނިންމޭޓުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.