ރިޔާސީ އިންތިޚާބަށް ކުރަމުންދާ ކެމްޕެއިން

ފުވައްމުލަކު: ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ.މުސްތޮފާ ލުތުފީ ފުވައްމުލަކަށް މިމަހުގެ 12ވަނަ ދުވަހު ފެއްޓެވި ހާއްސަ ކެމްޕެއިން ދަތުރުފުޅުގައި މިހާތަނަށް އެރަށުގެ ދަޑިމަގު، ދިގުވާޑު، މިސްކިތްމަގު، މާލެގަން، މާދަޑު، އަދި ދޫޑިގަން އަވަށުގައި ކެމްޕެއިން ހަރަކާތްތައް ވަނީ ކުރިއަށް ގެންދަވާފައެވެ. މިއަށްފަހު މިއަދު އެމަނިކުފާނު ހަރަކާތްތެރިވެ ވަޑައިގަންނަވާނީ ދޫޑިގަން، ފުނާޑު، އަދި ދަޑިމަގު އަވަށުގައެވެ. އަދި، އަންގާރަ ދުވަހު ފުވައްމުލަކުގެ މި ކެމްޕެއިން ދަތުރުފުޅު ނިންމަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ފުވައްމުލަކުގައި ހިންގަވާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވަނީ ދޮރުން ދޮރަށް ހިންގަވައި އެމްޑީޕީއަށް ކުރިން ލިބުނު ތާއީދަށްވުރެ ބޮޑު ތާއީދެއް ހޯދުމުގެ ގޮތުން ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށާއި އެމްޑީޕީގެ މެނިފެސްޓޯގައިވާ ކަންތައްތައް އޮޅުންފިލުވައިދެއްވުމަށެވެ. މީގެ އިތުރުން ކަންމަތީ ބައްދަލުވުންތައް ވަނީ ބާއްވާފައެވެ.
އއ، އދ، މ، ފ، ދ އަދި ކ އަތޮޅު: ރިޔާސީ އިންތިޚާބަށް ކުރަމުން އަންނަ ކެމްޕެއިންގެ ތެރެއިން ޕާޓީގެ ޕަރލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އަދި އެދާއިރާގެ ކެމްޕެއިން ކޯޑިނޭޓަރ މުޙައްމަދު ޝިހާބު އިސްވެ ހުންނަވައި ކުރަމުން ގެންދާ ކެމްޕެއިންގެ ތެރެއިން ހޮނިހިރު ދުވަހު ވަޑައިގެންފައިވަނީ މުއްޔަށެވެ. އަދި އިއްޔެ ހަރަކާތްތެރިވެފައިވަނީ ފ.ނިލަންދޫގައެވެ. މ. އަތޮޅުގެ މިދަތުރަށްފަހު އަލީ ވަޙީދު މިއަދު އއ އދި އދ އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރެއްވުމަށް މިހާރު އުޅުއްވަނީ ދަތުރުމަތީގައެވެ.
އަލީ ވަހީދާއި މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރ ރުޤިއްޔާ މުޙައްމަދު އަދި އެ ދާއިރާގެ ކެމްޕެއިން ޓީމް މިއަދު (14 އޮކްޓޯބަރ 2013) ހަރަކާތްތެރިވުމަށް ހަމަޖެހިފައިވަނީ މަހިބަދޫ، އޮމަދޫ، ހަންޏާމީދޫ، ބަތަލާގައެވެ. އަދި މާދަމާ މާޅޮސް، ބޮޑުފުޅަދޫ، އުކުޅަސް، ތޮއްޑޫ އަދި ރަސްދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. ބުދަ ދުވަހު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވާނީ ކާށިދޫ، ގާފަރު، ހުރާ އަދި ދިއްފުށީގައެވެ. ކެމްޕެއިން ދަތުރު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތުލުސްދޫގައި ބުރާސްފަތި ދުވަހު (17 ސެޕްޓެމްބަރ 2013) ހޭދަކުރުމަށްފަހުގައެވެ.
މިދަތުރުގައި ވަޑައިގަންނަވާ ރަށްތަކުގައި ހަރުގެތަކާއި ޖަގަހަތަކުގައި ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ވީހާވެސް ގިނަ ރައްޔިތުންނަށް ރައީސް ނަޝީދުގެ ސިޔާސަތުތައް އޮޅުންފިލުވައިދީ ރައީސް ނަޝީދަށް ތާއީދު އިތުރުކުރުމަށްޓަކައި ދޮރުންދޮރަށް ހިނގުމާއި މި ދާއިރާތަކުގައި ޒުވަނުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދަވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

ށ. އަތޮޅު: ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގެ ތެރެއިން އިއްޔެ (13 އޮކްޓޯބަރ 2013) ށ. ކަނޑިތީމުގާއި ހަރުގެ ޖަލްސާ ބޭއްވެވުމަށްފަހު ވަޑައިގަތީ ގޮއިދޫއަށެވެ. އެރަށު ހަރުގޭގައި ސަޕޯރޓަރުންނާއި ބައްދަލުކުރެއްވުމަށްފަހު ދޮރުންދޮރަށް ހިންގަވައި ރައްޔިތުންނާއި ބައްދަލުކުރައްވައިފައިވެއެވެ. އިއްޔެ ހަވީރު ވަޑައިގެންފައިވަނީ ބިލެތްފަހިއަށެވެ. އެރަށުގައި ހަރުގެ ޖަލްސާއެއް ބާއްވަވައިފައިވެއެވެ. ރެއަކީ ހައްޖު ވިލޭރޭކަމުން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެއްނުވެއެވެ. އަދި އަލުން ކެމްޕެއިން ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު (14 އޮކްޓޯބަރ 2013) ހަވީރެވެ.
ނ، ބ އަދި ޅ އަތޮޅުގައި އެމްޑީޕީގެ “އެއްބުރުން” ކެމްޕއިން ބާރު ސްޕީޑުގައި ކުރިއަށް ގެންދަން އިއްޔެ ފެށި ކެމްޕެއިން ދަތުރުގައި ދެ ޓީމަކަށް ބެހިގެން މަސައްކަތްތައް ވަނީ ފަށާފަ ކަމުގައި އެދާއިރާގެ ކެމްޕެއިން ނައިބު ކޯޑިނޭޓާރ މާހިރު ޢީސާ ވިދާޅުވެއްޖެއެވެ.
މިގޮތުން މި ދާއިރާތަކުގައި މިހާރު ވަނީ ދޮރުން ދޮރަށް ހިންގަން ފަށާފައި ކަމާއި، ރޭގައި ނައިފަރު ގަޑި ބުރުގައި ވަރަށް ޙާއްސަ އާއްމު ބައްދަލުވުމެއްވެސް ބާއްވާފައި ކަމުގައި މާހިރި ޢީސާ ވިދާޅުވިއެވެ. މާހިރު ޢީސާ އިތުރަށް ވިދާޅުވީ ނައިފަރުގައި ވަރަށް މުހިއްމު ކަމެއްދީގެން އެރަށުގެ ޒުވާނުންނަށް އަމާޒުކޮށް ކުޅިވަރުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމާއި، އިއްޔެއިން ފެށިގެން ދެދުވަހުގެ މުއްދަތަށް ފުޓުބޯޅާ ކޯޗިން ކޭމްޕެއް ކުރިއަށް ދާކަމުގައާއި، މިއަދު ވެސް މަހރަކާތް ފޯރީގައި ކުރިއަށް ދާނެކަމުގައެވެ.
ނައިފަރުގައި ރޭ ކަންމަތީ ޖަލްސާ ބާއްވާވާ އެރަށުގައި ކެމްޕެއިން ހަރަކާތް ނިންމަވާ ޓީމު މިއަދު ޒިޔާރަތް ކުރެއްވީ ނ. ވެލިދޫއަށެވެ. ވެލިދޫގައި މިއަދުގެ މުޅި ދުވަސް އެއްކޮށް ދޮރުން ދޮރަށް ހިންގަވާ މިރޭ ކެމްޕެއިން ހަރަކާތް ނިންމަވާނީ އެރަށުގައި ބާއްވާ ކަންމަތީ އާއްމު ޖަލްސާއަށް ފަހު އެވެ. އަދި ވެލިދޫއަށް ފަހު ޓީމު ދަތުރުކުރައްވާނީ ހޮޅުދޫއަށް ކަމަށް މާހިރި ޢީސާ ވިދާޅުވިއެވެ.
މާހިރު ޢީސާއާއި އެކު ހަރަކާތްތެރިވެ ވަޑައިގަންނަވަނީ މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރ އިބްރާޙިމް ރަޝީދު (ބޮންޑަ)އާއި، އެދާއިރާއަށް ކަނޑައަޅާފައިވާ ކެމްޕެއިން ޓީމުގެ މެމްބަރުންނެވެ.
ބ އަތޮޅު: އަދި މީގެ އިތުރުން ރައީސް ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމު، އެބޭފުޅާގެ ކެމްޕެއިން ޓީމާއި އެކު މިހާރު މަސައްކަތްތައް ކުރިއަށް ގެންދަވަނީ ބ . އަތޮޅުގައި ކަމަށާއި އިއްޔެ އެ ޓީމު ތިއްބެވީ އޭދަފުށީގައި ކަމަށް މާހިރި ޢީސާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ދެތިން ދުވަހު މިދާއިރާތަކުގައި ކެމްޕެއިން ހަރަކާތްތައް ބާރު ސްޕީޑްގައި ގެންދާނެކަމުގައި ވެސް މާހިރު ޢީސާ ވިދާޅުވިއެވެ.

ހދ. އަތޮޅުގެ ދާއިރާތަކުގައި “އެއްބުރުން” ކެމްޕެއިން ގެ ހަރަކާތްތައް ފޯރިއާއިއެކު އަލުން ފައްޓަވައި ކުޅުދުއްފުށި، ހަނިމާދޫ، ނޮޅިވަރަމް ދާއިރާ އަދި ވައިކަރަދޫ ދާއިރާގައި ފާއިތުވި 3 ދުވަހު ވަނީ ކެމްޕެއިން މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
މިގޮތުން ކުޅުދުއްފުށީގައި އައްޝެޢިހް ހުސެއިން ރަޝީދު ތަޤްރީރު ކުރެއްވި ޖަލްސާވަނީ ބާއްވާފަ، އަދިކުޅުދުއްފުށި ރީނދޫ ކުރުން ޕްރްގްރާމް އަލުން ފަށާ މީގެ އިތުރުން ޑރ. ޝާފިޔާގެ އެހީތެރިކަމާއިއެކު ރަށުގައި އެމްޑީޕީގެ މެނިފެސްޓޯގެ މައުލޫމާތު އާއްމުންނާއި ހިއްސާ ކުރައްވާ އެމްޑީޕީގެ “އެއްބުރުން” ކެމްޕެއިން ގެ މަސައްކަތްތައް ވަނީ ހިންގަންފަށާފައެވެ.
ޗެއަރޕާސަންގެ ނައިބު މާލީ އަޙްމަދު މައުސޫމު އަދި ހދ. އަތޮޅުގެ އަތޮޅު ކައުންސިލަރ ހުސެއިން ރަޝީދު މިހާރު ހަނިމާދޫގައި ކެމްޕެއިން މަސައްކަތް ވަނީ ފަށްޓަވައި އިއްޔެ ދޮރުން ދޮރަށް ހިންގަވަން ފަށްޓަވައިފިއެވެ. އަދި މީގެ އިތުރުން ހަނިމާދޫގައި އައްޝެޢިހް ހުސެއިން ރަޝީދު ތަގްރީރު ކުރައްވާ ޖަލްސާވެސް ވަނީ ބާއްވާފައެވެ.
ހދ. ނޮޅިވަރަމް ދާއިރާގައި އެދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާޙީމް ވަޙީދު އިސްވެހުންނަވައި އެ ދާއިރާގައި ކެމްޕެއިންގެ ކަންކަން ފަށްޓަވައިގެން ކުރިއަށް ގެންދަންވަނީ ފަށްޓަވާފައެވެ.
ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ ރައީސް އަޙްމަދު ޙާޝިމު މިއަދު ވައިކަރަދޫގައި ކެމްޕެއިން ހަރަކާތްތައް ފަށްޓަވައި ދޮރުން ދޮރަށް ހިންގަވަންވަނީ ފަށްޓަވާފައެވެ.