ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރިޔާސީ އިންތިޚާބު ބާޠިލް ކުރުމަށް ނެރުއްވި ޙުކުމާއި އެ ކޯޓުގެ އަމުރުތަކާއި ގުޅޭގޮތުން އެމްޑީޕީން ނެރޭ ނޫސްބަޔާން

noosbayan

7 ސެޕްޓެމްބަރު 2013 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަކީ އެއިންތިޚާބުގެ ލެޖިޓިމަސީ (ޝަރްޢިއްޔަތު) ގެއްލިފައިވާ ބާޠިލް އިންތިޚާބެއް ކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާއިން ވަނީ ކަނޑައަޅައި ޙުކުމް ކުރައްވާފައެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުން އެޝަރީޢަތް ހިންގާފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު އިޖުރާޢަތުތަކެއްގެ މައްޗަށެވެ. އަދި ޝަރުޢީ އުޞޫލުތަކާވެސް ކަނޑައެޅިގެން ޚިލާފަށެވެ. އަދި އޭގެ އިތުރުން، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ޖުމްލަ ޢަދަދަކީ211,890 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާއިރު، ޤަވާޢިދާ ޚިލާފަށް ވޯޓުލީ މީހުންގެ ޖުމްލަ ޢަދަދަކީ 242 މީހުންކަން ސުޕްރީމް ކޯޓުގެ އެޤަޟިއްޔާގެ ޙުކުމުން ވަރަށް ސާފުކޮށް އެނގެއެވެ. އެހެންކަމުން، އެޢަދަދަކީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނާނޭ ޢަދަދެއް ނޫންކަންވެސް އެނގެއެވެ. ވީމާ، އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓަކީ ބާޠިލް ވޯޓެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީއާއި އިންތިޚާބާބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ އެޙުކުމަކީ ޤާނޫނުއަސާސީއާ ޤާނޫނާ ޚިލާފަށް ކޮށްފައިވާ ބާޠިލް ޙުކުމެކެވެ.

އަދި، ޤާނޫނުއަސާސީއާ ޚިލާފަށް އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު ބާޠިލު ކުރެއްވި ޤަޟިއްޔާގައި، 20 އޮކްޓޯބަރ 2013 ވަނަ ދުވަހުގެ ކުރިން އިންތިޚާބުގެ ފުރަތަމަ ބުރު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޙުކުމް ކުރެއްވުމުން، އެޙުކުމުގައިވާ ގައިޑްލައިނާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރައްވަމުން ގެންދަވަނިކޮށް، އަނެއްކާވެސްސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-SJ/07 ކޯޓުޢަމުރު ވަނީ ޤާނޫނުއަސާސީއާ ޚިލާފަށް10 އޮކްޓޯބަރ 2013 ވަނަ ދުވަހު އުއްތަމަފަނޑިޔާރު ސޮއިކުރައްވައި ނެރުއްވާފައެވެ. އެޢަމުރުގައިވަނީ އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް އިންތިޒާމް ކުރައްވަމުން ގެންދަވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީ ކުރުމަށް އެންގުމަށްޓަކައި އެކޮމިޝަނުން ނެރުނު (A) EA-2013/540 އާއި (A) EA-2013/539 ދެ އިޢުލާނަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގައިޑްލައިނާ ޚިލާފަށް ނެރެފައިވާ ދެ އިޢުލާނުކަމަށާއި، އެހެންކަމުން އެ ދެ އިޢުލާނު ބާޠިލްކޮށްފި ކަމުގައެވެ. އެހެންނަމަވެސް، ރަޖިސްޓަރީ ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރައްވަމުން ގެންދަވާފައިވަނީ ޤާނޫނާ ޤަވާޢިދާ އެއްގޮތަށް އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42ޤަޟިއްޔާގައި ރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ އުޞޫލާވެސް އެއްގޮތަށްކަން ފާހަގަކުރަމެވެ. މީގެ އިތުރުން، ދިވެހިރައްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 113 ވަނަމާއްދާގައި، ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވާކަމަކާމެދު ވަކިގޮތަކަށް ނިންމުމެއް ސުޕްރީމްކޯޓުން ނިންމަންވާނީ އެކޯޓުގައި ހިމެނޭ ހުރިހާ ފަނޑިޔާރުން ތިބެގެން ކަމަށް ވަރަށް ސާފު ޢިބާރާތުން ބަޔާންކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު2013/SC-SJ/07 (10 އޮކްޓޯބަރ 2013) ގެ ކޯޓުޢަމުރު ނެރެފައިވަނީ، ޤާނޫނުއަސާސީގެ 113 ވަނަ މާއްދާއާ ޚިލާފަށް، އެޢަމުރުގައި ހިމެނޭ ކަންކަމާމެދު އެކޯޓުގެ ހުރިހައި ފަނޑިޔާރުން ތިބެގެން މަޝްވަރާ ކުރުމަށްފަހުގައެއް ނޫނެވެ. އެހެންކަމުން، އިސްވެ ދެންނެވި ކަންކަމުގެ އިތުރުންވެސް،އެޢަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ސުޕްރީމް ކޯޓުން ނެރެފައިވާ ޣައިރުޤާނޫނީ ޢަމުރެއްކަން ސާފުކޮށް އެނގެއެވެ. ވީމާ، އެޢަމުރަކީ ދައުލަތުގެ އެއްވެސް މުއައްސަސާއަކުންވެސް އަދި އަމިއްލަ ފަރުދަކުވެސް އޭގެ މައްޗަށް ޢަމަލުކުރަން ޖެހޭނޭ ޢަމުރެއް ނޫނެވެ. އަދި އެއީ ބާޠިލް ޢަމުރެކެވެ.

އަދި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަމާއްދާގައި ބުނެފައިވަނީ، ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ޤާނޫނު އަސާސީގައިވާ ގޮތުގެމަތީންކަމަށެވެ. އަދިޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބުނެފައިވަނީ، ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނު އަސާސީއާއި ޤާނޫނަށްކަމަށެވެ. ޤާނޫނުއަސާސީގައި ސާފު ޢިބާރާތުން މިފަދައިން ބަޔާންވެގެންވާއިރު، ޝަރުޢީކޯޓުތަކާއި ފަނޑިޔާރުކަމުގެ މަޤާމު ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުން ކުރައްވައިގެން ޝަރީޢަތް ކުރައްވައި، ރައްޔިތުންނާއި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ މައްޗަށް ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު، ޣައިރުޤާނޫނީ ޢަމުރު ނެރުއްވަމުން ގެންދަވާ ފަރާތްތަކާމެދު،ޤާނޫނުގައިވާ ގޮތުގެ މަތީން ޖުޑީޝަލް ސަރވިސް ކޮމިޝަނުންނާއި، ޕްރޮސެކިޔުޓަރ ޖެނެރަލް ލަސް ނުކުރައްވައި ފިޔަވަޅު އެޅުއްވުމަށް ހަރުއަޑުން ގޮވާލަމެވެ.

އަދި، ދަންނަވަމެވެ. ސުޕްރީމްކޯޓުން ނެރުއްވާފައިވާ ޣައިރުޤާނޫނީ ޢަމުރު ތަންފީޛު ކުރުމަށް ސަލާމަތީ ބާރުތަކަށް އެކިއެކި ފަރާތްތަކުން އަންގަވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 245 ވަނަ މާއްދާގައި ވަރަށް ސާފު ޢިބާރާތުން ބުނެފައިވަނީ، “އެއްވެސް ފަރާތަކުން ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކަށް ޣައިރުޤާނޫނީ އަމުރެއް ކޮށްގެނެއް ނުވާނެއެވެ. އަދި އެފަދަ އެއްވެސް އަމުރަކަށް ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކު ތަބާވެގެނެއް ނުވާނެއެވެ.” މިފައިދައިންނެވެ. އެހެންކަމުން، ދިވެހި ފުލުހުންނާއި ސިފައިންގެ މައްޗަށް ކުރެވޭ އެފަދަ ޣައިރުޤާނޫނީ ޢަމުރުތަކަށް ތަބާނުވުމަކީ ޤާނޫނުއަސާސީން ފުލުހުންނާއި ސިފައިންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެކެވެ. އަދި، އެފަދަ ޢަމުރަކަށް ތަބާވާ ފުލުހަކު ނުވަތަ ސިފައިންގެ ބޭކަލަކަށް އެކުރެއްވެނީ ޤާނޫނީ ކުށެކެވެ. އަދި އެޢަމަލަކީ، އެޢަމަލާމެދު އެމީހެއްގެ މައްޗަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅޭނޭ ޢަމަލެއް ކަމުގައިވެސް ދަންނަވަމެވެ.

12 އޮކްޓޯބަރ 2013
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް