މުޅި ރާއްޖޭގެ ޖުމްލަ ތަބިއްޔަތު މިސްރާބް ޖަހައިފައިވަނީ ރާއްޖެ ބަދަލުކޮށް ޑިމޮކްރެސީ އާއި ދިމާއަށް: ރައީސް ނަޝީދު

މުޅި ދިވެހިރާއްޖޭގެ ޖުމްލަ ތަބިއްޔަތު މިސްރާބް ޖަހައިފައިވަނީ ރާއްޖެ ބަދަލުކޮށް، ޑިމޮކްރެސީ އާއި ދިމާއަށް ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރޭ (8 އޮކްޓޯބަރ 2013) ރާޅުގަނޑު ސަރަހައްދުގައި ބޭއްވުނު ‘އެއްބުރުން’ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގައުމާއި ރައްޔިތުންގެ ތަބިއްޔަތު ބަދަލު ކޮށްލެވޭނެ އިތުރު ފަރާތެއް ނާންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިދިކޮޅު ވާދަވެރިން ބޭނުންވަނީ އެމަނިކުފާނު ދިގު މުއްދަތަކަށް ޖަލަށްލައި ސިޔާސީ ވާދަވެރިން ހައްޔަރުކުރުކޮށް، ރިޔާސީ އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށް ސިފައިންނާއި ފުލުހުންނަށް ވެރިކަން ދިނުމަށްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުން ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމް ގާއިމްކޮށް، ރައްޔިތުންނަށް ވޯޓު ދިނުމުގެ ހައްގު ދިނުމަށް ނޭދޭކަަމަށެވެ. އެބޭފުޅުންގެ އަމާޒަކީ އަބަދުވެސް ހުދުމުހުތާރު ވެރިކަމެއް ގާއިމްކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއިން ނިކުމެ ތިބީ ރާއްޖެ ތަރައްގީކޮށް، މިއަދު ލިބޭ އެއްޗަކަށް ވުރެ އިތުރަށް މާދަމާ ހޯދައިދިނުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ވޯޓު ލާނެ ތާރީޚެއް ލިބުމަކީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރީ މުއްދަތެއް ނުލިބޭނެފަދަ ގޮތަކަށް ވޯޓުލުން ފަސްކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ ތަރައްގީވެގެން އަންނާނީ އެރައްޔިތުންގެ ބައިވެރިވުމާއެކީކަން މިއަދު އޮޅުންފިލައިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 2008 ވަނަ އަހަރު 44000 ވޯޓު، 2009 ވަނަ އަހަރު 55000 ވޯޓު، 2011 ވަނަ އަހަރު 67000 ވޯޓު އަދި 2013 ވަނަ އަހަރު 95000 ރައްޔިތުން އެމްޑީޕީއަށް ވޯޓު ދިންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުން އަމާޒުހިފައިގެން ތިބީ ރަންރީނދޫ ފަހަރަކަށްކަމަށެވެ.

ފުރަތަމަވެސް ނިކުތީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރަންކަމަށާއި، އެގޮތަށް އެދުނީ ވަޒީރުންގެ މަޖިލީސް ބަހައިލުމަށް ނޭދޭތީކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ވަޒީރުންގެ މަޖިލީސް ބަހައިލައިގެން ވެރިކަން ކުރުމަށް ބޭނުންނުވާތީ އިއްތިހާދު ނުވީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސުޕްރީމް ކޯޓު އިއްވައިފައިވާ ހުކުމަކީ ތަސްމީނާއި ޑީއާރޕީ އެމްޑީޕީ ކޮޅުގައި ތިބެގެން އިންތިޚާބު ބޭއްވުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރިމަތީގައި ވަނީ އުފާވެރި ދުވަސްތަކެއްކަމަށާއި ކަންބޮޑުވެ ނުލެއްވުމަށް ރައީސް ނަޝީދު އެދިލެއްވިއެވެ. މިއަދު ދަތިތަކާއި ކުރިމަތިވެ، މާދާމާ މަގުމަތީގައި ތިބެންޖެހުނު ނަމަވެސް ދިވެހިރާއްޖޭގެ ރައްޔިތުންގެ ޖުމްލަ ތަބިއްޔަތު އޮތީ ރަނގަޅަށްކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވިއެވެ.