ނޫސްބަޔާން: ދިވެހިރާއްޖޭގެ މިހާރުގެ ހާލަތަށް ވިސްނާފައި، އެމްޑީޕީއިން ދެންކުރިއަށްދާނެ ގޮތެއް ބަޔާންކުރާ ގަރާރު އާންމުކުރުމަށް ނެރޭ ނޫސްބަޔާން

noosbayan

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ 119 ވަނަ ޖަލްސާއަށް ހާޒިރުވި 78 މެންބަރުންގެ އަޣްލަބިއްޔަތުން ދިވެހިރާއްޖޭގެ މިހާރުގެ ހާލަަތަށޤ ވިސްނާފައި، އެމްޑީޕީއިން ދެންކުރިއަށްދާނެ ގޮތެއް ބަޔާނުކުރާ ގަރާރު އާންމުކުރަމެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 111 ވަނަ މާއްދާގެ (ހ)ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިޚާބުވާނީ ވޯޓުދިން މީހުންގެ ފަންސާސްއިންސައްތައަށް ވުރެ ގިނަ ވޯޓު އެ މީހަކަށް ލިބިގެން ކަމާއި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތައަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ އެ އިންތިޚާބު ބޭއްވުނުތާ އެކާވީސް ދުވަހުގެ ތެރޭގައި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ލާޒިމްކުރާ ހިނދު،

– 7 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އާބާދީގެ %88 ވޯޓުލުމުގައި ބައިވެރިވެ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް މުޙައްމަދު ނަޝީދަށް %45.5، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް %25.35، ޖުމްހޫރި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހީމަށް %24.07 އަދި ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކަށް %5 ލިބި، އިންތިޚާބު އޮބްޒަރވްކުރި ބައިނަލްއަޤުވާމީ ފަރާތްތަކާއި މިނިވަން ޖަމިއްޔާތަކުން އެއިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިާޚާބެއް ކަމަށް ކަނޑައަޅާފައިވީ ހިނދު،

– އަދި 7 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ޤާސިމް އިބުރާހިމްގެ ޖުމްހޫރީ ޕާޓީން ބާޠިލްކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައި އެއަށްފަހު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން 2 ވަނަ ބުރުގެ ވޯޓުލުން ފަސްކުރުމަށް ސުޕްރީމްކޯޓަށް ހުށަހަޅައި، އެ ކޯޓުން ޤާނޫނުއަސާސީގެ 172 ވަނަ މާއްދާއާއި ޚިލާފަށް އެމައްސަލަ ބަލައިގަނެ، އެމައްސަލަ ޤާނޫނުއަސާސީއާ ޚިލާފަށް ބަލަމުންދާ ހިނދު،

– އަދި އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ޤާނޫނުއަސާސީ ލާޒިމުކުރާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބޭއްވުމުގެ ވަގުތީ ޢަމުރެއް ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ނުހިމެނޭ ގޮތުން 4 ފަނޑިޔާރަކު ނެރެފައިވީ ހިނދު،

– އަދި ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބޭއްވުމަށް ނިންމައި، އިންތިޚާބާއި ގުޅޭ އިންތިޒާމްތައް ރާވާފައިވަނިކޮށް،އިންތިޚާބްބޭއްވުމަށްއިލެކްޝަންސްކޮމިޝަންއަށްހުރަސްއަޅައިހުއްޓުވުމަށް ސުޕްރީމް ކޯޓުގެ 6 ފަނޑިޔާރުން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރުކޮށްފައިވާ ހިނދު،

– ޑިމޮކްރަސީއަށާއި އިސްލާހަށް ތާއީދުކުރާ ދިވެހި ރައްޔިތުން މިކަމާމެދު އިންތިހާއަށް ހިތްހަމަ ނުޖެހި އިހްތިޖާޖް ކުރަމުންދާހިނދު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޤައުމީ މަޖިލީހުން މިއަދު އިޤްރާރުވަނީ ދިވެހިރާއްޖޭގައި ޑިމޮކްރަސީ ކަށަވަރުކޮށް، ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ޙައްޤު އަނބުރައި ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި އަންނަނިވި ކަންކަން ކުރުމަށެވެ:

1. ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރަށް ތައްޔާރު ވުމުގެ ގޮތުން ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިއުން.

• މާލެއާއި އަތޮޅުތަކުގައި ކުރިއަށް ގެންދާ އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ އެންމެހައި ކަންކަން ފެއްޓުމަށް އެމްޑީޕީގެ ހަރުގެތަކާއި ޖަގަހަތަކުގައި މަސައްކަތް ކުރިއަށް ގެންދިއުން.
• ކޮންމެ ރަށެއްގައިވެސް ދޮރުން ދޮރަށް ހިނގައި ރައްޔިތުންގެ ޙާލު އޮޅުންފިލުވައި އެމްޑީޕީގެ ސަރުކާރުގައި ތަންފީޒުކުރާނެ ސިޔާސަތުތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުން.
• މިކަމާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށްތަކަށް އެމްޑީޕީގެ ކެމްޕޭން ޙަރަކާތްތެރިންގެ ދަތުރުތައް ފެށުން.

2. ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް އުފެއްދުމަށް ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ތާރީޚަކަށް އެދި މިހާރު ކުރިއަށް ގެންދާ ސުލްޙަވެރި އިހްތިޖާޖުތައް ކުރިއަށް ގެންދިއުން.
• “ރައްޔިތުންގެ ވެރިކަމެއް އުފެއްދުމަށް” ގޮވާލާ ބޮޑުމުޒާހަރާއަކަށް ގޮވާާލައި، އެ އިހްތިޖާޖު ކުރުން.
• މާލެއާއި ރާއްޖޭގެ ރަށްތަކުގައި ކޮންމެ ދުވަހުކު ސުލްޙަވެރި ސިޔާސީ ޙަރަކާތް ކުރިއަށް ގެންދިއުން.
• މަދަނީ ބަސްނޭހުމަކަށް ދިޔުން

3. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ފަހު 2 ވަނަ ބުރު ބޭއްވުމަށް ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތު، ފަހަނައަޅައި ގޮސް، ފުރަތަމަ ބުރުގެ ނަތީޖާ ދައްކާގޮތުން ބަޣާވާތުގެ ސަރުކާރުގެ ވެރިޔާ، ޑރ މުހައްމަދު ވަހީދު ހަސަން މަނިކަށް، ލިބިފައިވަނީ އެންމެ %5 ކަމަށްވީއިރު، ދިވެހިރައްޔިތުން ތަމްސީލުކޮށް އެ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމަށް އޭނާއަށް އެއްވެސް ޤާނޫނީ ހައިސިއްޔަތެއްނޯންނާނެތީ، ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ރައްޔިތުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު 11 ނޮވެމްބަރ 2013 ގައިނެތްނަމަ، 7 ސެޕްޓެމްބަރ 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލައި، ރައްޔިތުންގެ އެންމެ ބޮޑު ތާޢީދެއް ލިބި ރައްޔިތުން ތަމްސީލްކުރަން އެންމެ އެކަށޭނެ ފަރާތަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުކަމަށް ވާތީ، މިކަމާ ގުޅިގެން 11 ނޮވެމްބަރު 2013 ގެ ކުރިން ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

• ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި މަޝްވަރާކޮށް އެ މުވައްސަސާތަކުގެ ބާރުވެރިކަން ހޯދުން.
• ބައިނަލްއަޤްވާމީ މުޖުތުމަޢާއި މަޝްވަރާކޮށް ބާރުވެރިކަން ހޯދުން.
29ސެޕްޓެމްބަރ 2013


ބަޔާން ނެރުނީ: އެމްޑީޕީ ސެކްރޭޓެރިއޭޓް