މިއަދު ކުރިއަށްދާ އެމްޑީޕީގެ “ބާރަށް ކުރިއަށް” ބައެއް ހަރަކާތްތައް!

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މާލޭ ސިޓީގައި މިއަދު (22 ސެޕްޓެމްބަރ 2013) ހަވީރު 4.30ގައި 24ގަޑިއިރަށް ދެމިގެންދާ ދުވުމެއް/ހިނގުމެއް ރާޅުގަނޑު ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވެއެވެ. މާލެވަށާ ދުވުމާއި އަދި ހިނގުމުގެ މިއިވެންޓަގައި ކޮންމެ ބޭފުޅަކަށްވެސް މާލޭގެ ކޮންމެ ދިމާލަކުން ގުޅިވަޑައިގެން ބައިވެރިވެވަޑައިގެންނެވޭނެއެވެ.

މިރޭ 9.00 – 10.00 އަށް ޔުނިވަރސިޓީ އަދި ކޮލްޖްތަކުގައި ކިޔެވެމުންދާ ދަރިވަރުން މަންދު ކޮލެޖް ހޯލްގައި ރައީސް ނަޝީދު ބައްދަލުކުރައްވާނެއެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯގައި މަތީ ތައުލީމާއި، ކަމާއި ގުޅުން ހުރި ދާއިރާތަކުގެ ސިޔާސަތު އޮޅުންފިލުވައިދީ އެކުދިންގެ ސުވާލުތަކަށް ރައީސް ނަޝީދު ޖަވާބު ދެއްވާނެއެވެ.

އަދި 10.00 – 10.30 އަށް ކަނޑު ދަތުރުކުރުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަންބު ޖަގަހައިގައެވެ.

ތ. އަތޮޅު އޮމަދޫގައި މިހާރު ކުރިއަށް ދާ “ބާރަށް ކުރިއަށް” ކެމްޕެއިންގައި އެމްޑީޕިގެ މެމްބަރުންނާއި ސަޕޯޓަރުން އިސް ނަންގަވައިގެން ރޭ އެރަށުގައި ބޭއްވި ޖަލްސާގައި އޮމަދޫގެ ރަށުކައުންސިލްގެ ރައީސް އަބްދުﷲ ޝާއިރު ވަނީ އެމްޑީޕީއަށް ސޮއިކުރައްވާ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. އަދި މީގެ އިތުރުން އެރަށުގައި އެއްމެ އިސްކޮށް ހަރަކާތްތެރިވާ 2 ޒުވާނުން ކަމަށްވާ އަލީ ރަޝާދާއި އިބްރާޙިމް އާމިރުވެސް ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ މިއަދުވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. މިގޮތުން 10.30 ގައި ހިތަދޫ އުތުރު ދާއިރާގައި މަސައްކަތްކުރައްވާ ޕެޗް ލީޑަރުންނާއި ބައްދަލުކުރައްވާ، ކެމްޕެއިންގެ މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި 10.30 – 12.00 އެދާއިރާގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ހަވީރު 4.30ގައި ހިތަދޫ ދެކުނު ދާއިރާގެ ޕެޗް ލީޑަރުންނާއި ބައްދަލުކުރައްވާ 6.00 ގައި އެދާއިރާގައި ދޮރުން ދޮރަށް ހިންގަވައި މެނިފެސްޓޯ އާއި ބެހޭ މައުލޫމާތު ހިއްސާކުރައްވާނެއެވެ.

އެމްޑީޕީގެ ޕަރލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު އަރި އަތޮޅަށް ކެމްޕެއިން ދަތުރުފުޅެއް މެންދުރުފަހު 2:30ގައި ފައްޓަވާނެއެވެ. މިދަތުރުފުޅުގައި މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އުކުޅަހަށާއި ރަސްދޫއަށެވެ. ރަސްދޫގައި ރޭގަނޑު މަޑުކުރެއްވުމަށްފަހު މާދަމާ (23 ސެޕްޓެމްބަރ 2013) ވަޑައިގަންނަވާނީ ހަންޏާމީދޫ، އޮމަދޫ، ކުނބުރުދޫ އަދި މަހިބަދޫއަށެވެ. ދަތުރުފުޅު ނިންމަވައިލެއްވުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރ 2013ގައެވެ. އެދުވަހު މަންދޫ، ފެންފުށި އަދި މާމިގިއްޔަަށް ވަޑައިގަންނަވާނެއެވެ. ކެމްޕެއިން ޓީމް ދަތުރުކުރައްވާ ރަށްތަކުގައި ދޮރުން ދޮރަށް ހިންގެވުމާއި، ޖަގަހަ އަދި ކަންމަތީ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯ އާއި ބެހޭ ލިޔުންތައް ރައްދުކޮށްދީ ޕާޓީގެ ސިޔާސަތުތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތްކުރާނެއެވެ. ފުރަތަމަ ބުރުގައި އެމްޑީޕީއަށްް ވޯޓު ނުދޭ ފަރާތްްތަކުގެ ތާއީދު އެމްޑީޕީއަށް ހޯދުމުގެ މަސައްކަތްވެސް ކެމްޕެއިން ޓީމްއިން ކުރައްވާނެއެވެ.