މެންބަރުންގެ ޚިޔާލު: ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީ ޓިކެޓު ދިނުމުގައި ވިސްނާލަންޖެހޭ

31 އޯގަސްޓް 2010

ލިޔުނީ: މުޢާޒް މުޙައްމަދު (މޯލާ)

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީގެ ޓިކެޓް ދިނުމަށް ހަދާފައިވާ އުސޫލު ކިތަންމެ ފުރިހަމަ ނަމަވެސް ޕާޓީގެ ޓިކެޓް ދިނުމުގައި އިތުރަށް ވިސްނާލަންޖެހޭ ކަންތައްތަކެއް ހުރިކަން އެއީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ. އެއްވެސް ދާއިރާއެއްގެ އިންތިޚާބީ ގޮނޑިތަކަށްވުރެ ޓިކެޓަށް އެދި ހުށަހަޅާ ފަރާތްތައް ގިނަކަމަށްވާނަމަ ވަކި ހިސާބަކުން ނަމަވެސް ޕްރައިމަރީސް އަކަށް ދިޔުމަށް ގައުމީ މަޖުލީހުން ނިންމާފައިވާ ނިންމުމުގައި ޙިކުމަތްތެރިކަމެއް ވެއެވެ. މިނުކުތާއަށް ތަފްޞީލަށް ދިޔުމުގެ ކުރިން އަޅުގަނޑު ބަލާލަން ބޭނުންވަނީ ޕާޓީގެ ކުޑަ ކޮމެޓީއަކުން ޓިކެޓް ދޭނެ ފަރާތްތައް ސެލެކްޓްކުރާނަމަ އެކަމުގައި ވިސްނާލަންޖެހޭ މުހިންމު ކަމުގެ މައްޗަށެވެ.
އާދެ މިފަދަ ކަމެއް ސެލެކްޝަނަކުން ނިންމާލުމުގެ ފިކުރު ޕާޓީ ތެރެއިން ފެތުރިގެންދާ ހިނދު، ހިތާހިތާ ނަމަވެސް ސުވާލު ކޮށްލެވެނީ މިދެންނެވިގޮތަށް ސެލެކްޓް ކުރާނީ ކޮން ކްރައިޓީރިއާއެއްގެ މަށްޗަށް ބަލާފަތޯއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ސެލެކްޝަނެއް ހަދާނަމަ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލާއިރު ސެލެކްޝަން ކްރައިޓީރިއާވެސް އިޢުލާންކުރަން ޖެހޭނެއެވެ. އެހެން ނޫންނަމަ މިނިވަން މުއައްސަސާތަކަށް މީހުން ޢައްޔަން ކުރުމުގައި ޑީ.އާރު.ޕީން ޖެއްސި ގޭމު އެމް.ޑީ.ޕީ ތެރޭގައިވެސް ޖެއްސުމުގެ ފުރުޞަތު ދެވުނީއެވެ. ޑީ.އާރު.ޕީގެ މެޖޯރިޓީ އޮންނަ މަޖުލީހުގެ ކޮމެޓީތަކުގައި ނަންނަތައް ދިރާސާ ކުރުމުގައިވެސް ކްރައިޓީރިއާ ކަނޑައަޅަމުންދަނީ ރައީސް ނަޝީދު ހުށަހަޅުއްވާފަރާތްތައް ފެއިލް ކޮށްލުމަށް އިސްކަންދީގެން އެކި ފަހަރު އެކި ގޮތަށްކަން އަޅުގަނޑުމެން އެންމެނަށް އެނގެއެވެ. އަދި ޑީ.އާރު.ޕީން ނުރުހޭ މީހުން ހުށަހަޅާފައިވާނަމަ އެމީހުން ފޭލިކޮށްލާނެ ހުރިހާގޮތަކަށް އިސްކަންދީގެން ކްރައިޓީރިއާ ކަނޑައަޅާކަމީ ހެޔޮވެރިކަމުގެ އުޞޫލުތަކާއި ޚިލާފުކަމެއްކަމަށް އަޅުގަނޑުމެން އަބަދުވެސް ވަކާލާތުކުރަމެވެ.
ކުރިން މިދެންނެވި ހަޤީޤަތްތަކުގެ ދުރުމިން ލޯކަލް ކައުންސިލް އިންތިޚާބުގެ ޓިކެޓް ދިނުމުގައި ސެލެކްޝަން ހެދުން ބަލާލާނަމަ ދެންނެވެންއޮތީ، އެކަން ނުކިއްސަރުކޮށް ހިނގާ ދިޔުމުގެ ފުރުސަތު އޮތްކަމަށެވެ. ސަބަބަކީ ސެލެކްޝަން ހަދާނެ ކްރައިޓީރިއާ ކުރިން އިޢުލާން ކޮށްފައި ނެތުމާއިއެކު، މިހާރު ޓިކެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ސެލެކްޝަން ކޮމެޓީގައި ތިބޭ މީހުން ނުވަތަ ޕާޓީގެ އެހެން ގުނަވަނެއް ކަމުގައިވީނަމަވެސް ހިންހަމަ ނުޖެހޭމީހުން ކަޓުވާލުމަށްޓަކައި ވަކިގޮތަކަށް ސެލެކްޝަން ކްރައިޓީރިއާ ހެދުމުގެ ފުރުސަތު އޮތުމެވެ. އެހެން ކަމަށް ވާނަމަ ހެޔޮވެރިކަމުގެ އުސޫލުން މިކަން މިގޮތަކަށް ނުކުރެވޭނެއެވެ.
ހެޔޮވެރިކަމުގެ އުސޫލުތައް ކުރިއަށްނެރެ މުޅި ޤައުމު މިއުސޫލުތަކާއި އެއްގޮތަށް ބަދަލުކުރުމަށް ކަމަރުބަނދެގެން އޮތް އެމް.ޑީ.ޕީން މިކަމުގައި ވިސްނުންންތެރި ޙިކުމަތްތެރި ނިންމުންތަކެއް ނިންމާނެ ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަމެވެ. މިހިސާބުން އަޅުގަނޑު ކުރިން ދެންނެވި ޤައުމީ މަޖުލީހުގެ ނިންމުމުގެ ޙިކުމަތްތެރިކަން ޔަޤީންކުރެވެވެ. ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުށަހަޅުއްވައި ކާނަލް މުހައްމަދު ނަޝީދު ތާއީދުކުރައްވައި ޤައުމީ މަޖުލީހުން ނިންމާފައިވާގޮތަށް ޕްރައިމަރީސްއަކުން ޓިކެޓް ދޭނެ ފަރާތްތައް ނިންމުމަކީ ބުއްދިވެރިގޮތެއްކަން ޔަޤީނެވެ. އޭރުން އެމް.ޑީ.ޕީ ގެ ޓިކެޓް މިވެނި ގޮތަކަށް ދިންކަމަށް ބުނެ ޚިޔާލުތަފާތުވުމަކަށް ފުރުޞަތެއް ނޯންނާނެއެވެ. އަދި ހަމަ އެހެންމެ ޕްރައިމަރީސް ކާމިޔާބުކުރުމަށްޓަކައި އިތުރު މެންބަރުން އެމް.ޑީ.ޕީއަށް ވެއްދުމުގެ ރޫހެއްވެސް އާލާކުރެވުނީއެވެ. މިއީ ހިކުމަތްތެރި އެމް.ޑީ.ޕީ އެވެ. މިދުވަސްވަރު ދާއިރާތަކުގެ އިންތިޚާބު ކާމިޔާބުކުރުމަށް ކެންޑިޑޭޓުން މެންބަރޝިޕް އިތުރުކުރުމަށް މަސައްކަތްކުރަމުން އެގެންދާ ބީދައިންނެވެ.