ރައިސް ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ އަދި ޑީއަރޕީގެ މަޖްލިސް މެމްބަރ ވިޝާމް އަލީ ރ. އަތޮޅު ދަތުރުފުޅު ފައްޓަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ އަދި ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރޕީގެ މަޖިލިސް މެމްބަރ ވިޝާމް އަލީ ރ. އަތޮޅުު މަޑުއްވަރީ އަދި މީދޫއަށް ކުރައްވާ ދަތުރުފުޅު މިއަދު މެންދުރުފަހު ވަނީ ފައްޓަވާފައެވެ.

ރ. އަތޮޅަށް ކުރައްވާ 2 ދުވަހުގެ ދަތުރުފުޅުގައި މިބޭފުޅުން އެއްމެ ފުރަތަމަ ޒިޔާރަތް ކުރެއްވީ މަޑުއްވަރީއަށެވެ. މަޑުއްވަރީގައި ދޮރުން ދޮރަށް ހިންގަވާ ރިޔާސީ އިންތިޚާބުގެ 2ވަނަ ބުރުގައި ރައީސް ނަޝީދަށް ތާޢީދު އިތުރުކުރުމަށް ކެމްޕެއިންވަނީ ކުރައްވާފައެވެ. މިގޮތުން ރައީސް ނަޝީދަށް ފުރަތަމަ ބުރުގައި ވޯޓު ނުލާ ފަރާތްތަކާއި ބައްދަލު ކުރުންވަނީ ކުރިއަށް ގެންދަވާފައެވެ. އަދި މިރޭ އެރަށުގައި ކަންމަތީ ބައްދަލުވުންވެސް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ރ. އަތޮޅުގެ މި ކެމްޕެއިން ޓީމު މާދަމާ ހެނދުނު ދަތުރު ކުރާނީ މީދޫ އަށެވެ. އަދި މީދޫގައި ދޮރުން ދޮރަށް ހިނގުމާއި ކަންމަތީ ބައްދަލުވުން ބޭއްވުމަށްފަހު ހޮނިހިރު ދުވަހު ރ. އަތޮޅު ދަތުރު ނިންމަވާ މާލެ ވަޑައިގަންނަވާނެއެވެ.