އަލުން މަޖިލީސް ބާއްވަން އެމްޑީޕީގެ ފަރާތުން ހުށައަޅައިފައިވާ ހުށައެޅުމަށް އަޅުގަނޑުމެން ތާއީދުކުރަން : ތަސްމީން އަލީ

ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީތެރޭ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ހުށައަޅައިފައިވާ ހުށައެޅުމަށް ތާއީދުކުރައްވާކަމުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރޕީ)ގެ ލީޑަރ ތަސްމީން އަލީ ވިދާޅުވެއްޖެއެވެ.

މިއަދު (18 ސެޕްޓެމްބަރ 2013) ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި ހުންނަވައި ދެއްވި އިންޓަރވިއުއެއްގައި ތަސްމީން ވިދާޅުވީ މިކަމަށް ތާއީދުކުރަން ޖެހެނީ އެއްވެސް ހެއްކެއްނެތި އިންތިޚާބުގެ ސައްޙަކަމާމެދު ސުވާލު އުފައްދައި، އިލެކްޝަންސް ކޮމިޝަން އާއި މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ބަޔަކު ނަގާލަން މަސައްކަތްކުރާއިރު ރައްޔިތުންގެ މަޖިލީހުގެ ކަމާއިބެހޭ ކޮމެޓީތަކާއި ބައްދަލުކޮށް ކުރަންޖެހޭ މުހިންމު މަސައްކަތެއްކަމަށެވެ.

އިންތިޚާބުގެ ނަތީޖާ ނިމިގެންދާނީ ރައްޔިތުން ވޯޓުލައިގޮތަކަށްކަމަށާއި، ހުރިހާ ސިޔާސީ ފަރާތްތަކުންވެސް ކުރަންޖެހޭކަމަކީ ރައްޔިތުންގެ ތާއީދު ހޯދުންކަމުގައި ތަސްމީން ވިދާޅުވިއެވެ. ހައިކޯޓުގެ ހުކުމުންވެސް އިންތިޚާބުގެ ސައްހަކަމާއި މެދު ސުވާލު އުފެދޭ ކަމެއް ނެތްކަން ހާމަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ތަސްމީން ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ނުކުމެގެންދާނީ ކޯޓަކުން ނުވަތަ އެހެން މުއައްސަސާއަކުން ނޫންކަމަށާއި އެނަތީޖާ ނުކުމެގެންދާނީ ރައްޔިތުންގެ ވޯޓުލައިގޮތެއްގެ މަތިންކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން މުއައްސަސާތަކަށް ކުރިމަަތިވާ މައްސަލަތައް ބަލަންޖެހޭނެކަމަށާއި، މަޖިލީހުގެ ތަޅުމުގަޔާއި ކޮމެޓީތަކުގައި ހަރަކާތްތެރިވެ، ކަންކަން ހަމަމަގުން ދޭތޯ ބަލަންޖެހޭނެކަމުގައި ތަސްމީން ވިދާޅުވިއެވެ.

އިންތިޚާބުގެ ސައްޙަކަން ދަމަހައްޓާ، ހަމަޖެހޭ އުސޫލެއްގެ މަތީން އިންތިޚާބާއި ގުޅޭ ކަންތައްތައް ގެންދިޔުމަށް އެމްޑީޕީއިން ކުރާ މަސައްކަތުގައި ޑީއާރޕީއިން އަބަދުވެސް މަސައްކަތްކުރާނެކަމުގައިވެސް ތަސްމީން ވިދާޅުވިއެވެ. ޑީއާރޕީއަކީ ފުރަތަމަ ބުރުގެ ނިމުމާއެކު އިންތިޚާބުގެ ސައްޙަކަން ގަބޫލުކޮށް ދެވަނަ ބުރަށް ދިޔަ ދެކެނޑިޑޭޓުންނަކީ ކޮބައިކަން ގަބޫލުކުރި ބައެއްކަމަށާއި އެގޮތުގެ މަތީން ރައީސް ނަޝީދަށް ތާއީދުކުރަން ނިންމައިގެން ތިބި ބައެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ޑީއާރޕީގެ ތެރެއިން މަދު މެންބަރުންތަކެއް އިދިކޮޅު ކެނޑިޑޭޓަށް ތާއީދުކުރައްވާކަމަށް ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ތަސްމީން ވިދާޅުވީ އެމަނިކުފާނުގެ ވިސްނުން ހުރީ ކުރިއަށް އޮތް ދިހަ ދުވަހަށް ކެމްޕެއިންކޮށް ރައީސް ނަޝީދު އިންތިިޚާބުކުރުމަށްކަމަށާއި ޑީއާރޕީގެ ހުރިހާ ގޮފިތަކަކުން ވެސް މަސައްކަތްކުރަނީ މިވިސްނުމުގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ އިތުބާރު ނަގާލުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުންދާ މަސައްކަތާއިމެދު މިއަދު އިންޓަރވިއުގައި ތަސްމީން ކަންބޮޑުވުންފާޅުކުރެއްވިއެވެ.