މާލެ ސަރަހައްދު ތަރައްޤީކޮށް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނޭކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

6308

މާލެ ސަރަހައްދު ތަރައްޤީކޮށް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނޭކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މެމޭރުމުން ވާހަކަފުޅު ދެއްކެވީ ރޭ (17 ސެޕްޓެމްބަރ 2013) މައްޗަންގޯޅި އުތުރުގައި ބޭއްވުނު ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ވާހަކަފުޅުގައި، އިދިކޮޅު ސިޔާސީ ވާދަވެރިން އެމްޑީޕީއަށް މިހާ ތާއިދު ބޮޑި ކީއްވެގެންތޯ ސުވާލުކުރާކަމަށާއި އެފަދަ ތާއީދެއް އެމްޑީޕީއަށް އޮތީ 2008 ވަނަ އަހަރު ވީ ވައުދުތައް ފުއްދަމުން ދިޔަތަން ރައްޔިތުންނަށް ފެންނާތީކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ލިބިގެންދާނޭ ފުރުސަތުތައް ރައްޔިތުންނަށް އެނގޭކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައްޤީއަށް ކުރަންޖެހޭ އެންމެ މުހިންމުކަމަކީ މާލޭގެ ތާށިކަން ކުޑަކުރުންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތަސައްވަރަކީ ގިރާވަރު ދެކެނު ކަނޑުން ފެށިގެން ހުޅުލޭފަޅަށް އެއްކޮޅުން އަނެއްކޮޅަށް މަގަކުން ގުޅުވާލުންކަމަށެވެ. އެމަގަށް، ބްރިޖާއެކު 250 މިލއަން ޑޮލަރު ހޭދަވާނެކަމަށާއި މިސަރަހައްދުގައި ހުރިތަންތަން ހިއްކާ، ތޮށިލައި، ނަރުދަމާ އަޅައި އަދި އަދި އެހެނިހެން އުމްރާނީ މަޝްރޫއުތަކާއިއެކު ޖުމްލަ 800 މިލިއަން ޑޮލަރު ހޭދަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެފަދަ ލާރި ހޯދާނީ ކޮންތާކުންތޯ ސުވާލު އުފެދޭ ކަަމަށާއި ޓެކްސްއިން މިފަދަ ފައިސާއެއް ހޯދޭނެގޮތެއް ނޯންނާނެކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިބާވަތުގެ ޕްރޮޖެކްޓްތައް ހިންގޭނީ ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕްގެ ދަށުންކަމަށާއި މިސަރަހައްދުގައި މުއްސަނދިކަން އެބަހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިޕްރޮޖެކްޓް ހިންގަނީ މާލޭގެ ތާށިކަން ކުޑަކުރަންކަން ފާހަގަކުރައްވާ ރައީސް ނަޝީދުވަނީ މިހާރު މާލޭގެ ރައްޔިތުން ގޯއްޗެއް ނުލިބިގެން ހާސްވެގެން އުޅޭއުޅުމުން އަރައިގަނެވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރާއްޖޭގެ ބައެއް ރަށްރަށް ހިއްކުމަށް ބުނަމުންދާތާ އެތައް އަހަރެއް ވީއިރު ނުވެ އޮެއްވާ އެމްޑީޕީ ސަރުކާރު އައިސް އެރަށްތައް ހިއްކުމުގެ މަސައްކަތް ބާރަށް ގޮސް ނިންމައިލިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިފަހަރުގެ އަމާޒަކީ އެފަދަ ބޮޑު މަސައްކަތެއް މާލޭ ސަރަހައްދުގައި ހިންގުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިކަންތައް ދެކޮޅު ޖެއްސުމަށް ބޭނުންވަނީ ވިޔަފާރި ކުރިއެރުވުންކަމަށާއި މިގޮތުން ފަތުރުވެރިކަމަކީ ކުރިއެރުވޭނެ އެންމެ ބޮޑު ވިޔަފާރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ގެސްޓް ހައުސްގެ ވިޔަފާރިއަކީ ރަނގަޅަށް ހިންގެން އޮތް ވިޔަފާރިއެއްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މާލެ ކައިރި ރަށްރަށަށް މިވިޔަފާރި ފުޅާވުމުން ހުޅުލޭ އެއަރޕޯރޓަށް އަންނަނީ އެއްމިލިއަން ޓުއަރިސްޓުން ނޫންކަމުގައެވެ. އެމްޑީޕީއިން އެއަރޕޯރޓް ތަރައްޤީކުރަން ބޭނުންވީ ފަސްމިލިއަން ޓުއަރިސްޓުންނަށް ޚިދުމަތް ދެވޭ ފެންވަރަށްކަމަށާއި އެއަދަދަށް މާލޭ ސަރަހައްދުގައި އެނދު ބިނާކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ 137 ޕްރޮގްރާމް ހިންގީމާ ވިޔަފާރިތައް ފަހިވެގެން ދާނެކަމަށާއި އޭރަށް ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތު ލިބޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހުޅުމާލެ ހިއްކުމަށް ވަރަށް ގިނަ ފައިސާ އާއި ދުވަސް ނެގިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ހުޅުމާލެ އާއި އެއްވަރުގެ ބިން އެމްޑީޕީގެ ސަރުކާރުން ހިންގީ ދެހަފްތާގެ ތެރޭގައިކަމަށެވެ. އަދި ހުޅުމާލޭގައި އެމްޑީޕީއިން ވެރިކަމާއި ހަވާލުވިއިރު ހުރީ 226 ފްލެޓްކަމަށާއި، މިއަދު 2400 ފްލެޓް ހުޅުމާލޭގައި ބިނާކޮށް ހުރީ މީހުން ވަންނަން ތައްޔާރަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިފަދަ ތަރައްޤީ ގެނެވުނީ ޓެކްސްގެ ނިޒާމަކުންކަމަށާއި އެޓެކްސްގެ ނިޒާމު ލިބުނީ ޑިމޮކްރެސީގެ ސަބަބުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީއިން ސަރުކާރާއި ހަވާލުވިއިރު ޓެކްސް ނެގުމަށް ދިރާސާކުރާތާ 20 އަހަރު ވެފައިވާކަމަށާއި އެކަން ނުވެފައި އޮތީ ވިޔަފާރިވެރިން ނުރުހޭތީކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.