ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރަމުންގެންދާ ބިލްތަކާ އެއްގޮތަށް ސަރުކާރު ހިންގުމަކީ ކުރެވޭނެ ކަމެއް ނޫން – މޫސަ

27 އޯގަސްޓް 2010

lh-hin-navaru19-03-2010-52-450-x-338

ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރަމުންގެންދާ ބިލްތަކާ އެއްގޮތަށް ސަރުކާރު ހިންގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޕާރލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު މިހެން ވިދާޅުވީ ސަރުކާރު ހިންގުމަށް ދަތިވާ އެތައް ކަމެއް ހިމަނައިގެން މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވުމަށް ފޮނުވި ބިލު، ތަސްދީޤް ނުކުރައްވައި ރައީސް ފޮނުވާލުމުން ވެސް އެބިލަށް އިތުރު އެއްވެސް އިސްލާޙެއް ނުގެނެސް ހަމަކުރިން އޮތްގޮތަށް ސަރުކާރަށް ދަތިވާ ގޮތަށް އިއްޔެ ފާސްކުރުމާ ގުޅިގެންނެވެ.

މޫސަ ވިދާޅުވީ މަޖިލީހުން މިހާރު ބިލްތައް ފާސްކުރަމުން ގެންދަނީ ސަރުކާރު ހިންގުމަށް ދަތިކުރުމަށް ކަމަށާއި އަދި ޤައުމުގެ ކަންތައްތައް ރަނގަޅުކުރުމަށް ވިސްނައިގެން ނޫން ކަމަށެވެ. އަދި އިދިކޮޅު މެންބަރުން ދައްކަވާ ވާހަކަތައް ކިތަންމެ ރީތި ނަމަވެސް އަމަލުތަކުން ފެންނަމުންދަނީ ސަރުކާރު ހިންގަން ދަތިކުރުމަށް ކުރެވުނުހާ ކަމެއްކޮށް ސަރުކާރު ހުއްޓުވަން މަސައްކަތްކުރާތަން ކަމުގައި މޫސަ ވިދާޅުވިއެވެ.
މިބިލްގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތައްމާނަކުރުމުގައި ފުށުއެރުންތައް އުޅޭކަމަށް ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ. އަދި މިފަދަ އޮޅުން އަރާ މައްސަލަތައް ރަނގަޅުކުރުމަށް ސްޕްރީމް ކޯޓަށް ދިޔުމާގުޅޭގޮތުން ވެސް ބައެއް މެންބަރުން ޚިޔާލުފާޅުކޮށްފައިވެއެވެ.

މީގެ އިތުރުން މިބިލަކީ ސަރުކާރަށް ޖެއްސުންކުރުމަށް ފާސްކޮށްފައިވާ ބިލެއްކަމަށާއި މިބިލްގައި ހުރިކަންތައްތައް ރަނގަޅުކުރުމަށް ކޮމެޓީއަށް ފޮނުވާލުމަށް ފެންނަކަމަށް މެންބަރުން ހާމަކުރަމުންދިޔައިރު އަނެއްބައި މެންބަރުން ވިދާޅުވަމުން ގެންދެވީ މިބިލު ފާސްވެފައިއެއޮތީ ރައްޔިތުންނަށް އެންމެ ރަނގަޅު ފައިދާހުރިގޮތަށްކަމަށެވެ.

މާލިއްޔަތު ޤާނޫނަށް މިގެނެވުނު ބަދަލާއި ގުޅިގެން ކާބޯތަކެތީގެ އަގުއުފުލިގެން ދިއުމުގެ އިތުރުން ސަރުކާރުންދޭ ވަރަށް ގިނަ އެހީގެ ޕްރޮގްރާމްތަކަށް ހުއްޓުން އަންނާނެ ކަމަށް ސަރުކާރުންނާއި އެމްޑީޕީން ދަނީ ބުނަމުންނެވެ. އެގޮތުން މަސްވެރިންނަށްދޭ ތެލުގެ ސަބްސިޑީސް، މަދަނަ، ކަރަންޓް ސަބްސިޑީ، ކިޔަވާކުދިންގެ ފޮތްލިސްޓް، އެކަނިވެރި މައިންނަށްދޭ އިނާޔަތް ފަދަ ވަރަށް ގިނަ ހިލޭ އެހީތަކަށް ހުރަސް އެޅި ރައްޔިތުން އިތުރަށް ނިކަމެތިވެގެންދާނެއެވެ.